ކެޔޮނިރު: އެންމެ ފުރަތަމަ އިސްލާހު ކުރަން ޖެހެނީ ރައްޔިތުންގެ މަޖުލިސް

އާބާދީގައި ހަތަރު ލައްކަ މީހުން ހަމަނުވާ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ ޕާލިމެންޓް ނުވަތަ މަޖުލީހުގައި 85 މެމްބަރުން ތިއްބަވާ އިރު އާބާދީގެ ގޮތުން ރާއްޖެއާ ކައިރި ކުރާ، ޖަޒީރާ ޤައުމެއް ކަމުގައިވާ މޯލްޓާގެ މަޖުލީހުގައި ތިބެނީ 69 މެމްބަރުންނެވެ. ރާއްޖެއަށް ވުރެ އާބާދީ ދެގުނަ، ޖަޒީރާ ޤައުމެއް ކަމުގައިވާ ފީޖީގެ މަޖުލީހުގައި ތިބެނީ އެންމެ 50 މެމްބަރުންނެވެ. އިގްތިސޯދީ ނަމޫނާއެއް ކަމަށް ރާއްޖޭގެ ގިނަބަޔަކު ބަލާ ސިންގަޕޫރުގެ އާބާދީ ފަސް މިލިއަނަށް އަރަ އެވެ. ނަމަވެސް ސިންގަޕޫރުގެ ރައްޔިތުންގެ މަޖުލީހުގައި ތިބެނީ 99 މެމަބަރުންނެވެ. އެއޮއްފަދަ ބޮޑު – އާބާދީ 325 މިލިއަނަށް އަރާ – އެމެރިކާގެ މަތީގެ ނުވަތަ ސެނެޓްގައި ތިބެނީ ކިތައް ސެނެޓަރުން ނުވަތަ ކިތައް މެމްބަރުން ކަން އެނގޭތޯ އެވެ؟ އެންމެ 100 ސެނެޓަރުންނެވެ! ވީއިރު ރާއްޖެ ފަދަ، އާބާދީގައި ބައި މިލިއަން ވެސް ހަމަނުވާ ކުޑަކުޑަ ޤައުމެއްގެ ރައްޔިތުންގެ މަޖުލީހަށް 85 މެމްބަރުން މަދުތޯ އެވެ؟

ރައްޔިތުންގެ މަޖުލީހުގެ އިދާރީ ބަޖެޓުގެ އިތުރުން، ކޮންމެ މެމްބަރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު އެވްރެޖްކޮށް އެއް ލައްކަ ރުފިޔާ ލިބެ އެވެ. މިހާ ބޮޑު ހަރަދެއް ކޮށްފައި މަޖުލިސް މެމްބަރުން ތިބޭ އިރު، ގިނަ މެމަބަރުންނަކީ ހިތަށް އެރި ދުވަހަކު ޖަލްސާތަކަށް އައިސް ހިތަށް އެރި ދުވަހަކު ޗުއްޓީއަށް ގޮސް، ގިނަ ވަގުތު އަމިއްލަ ވިޔަފާރި ހިންގަން އުޅޭ މީހުންނެވެ. ޖަލްސާ އަކަށް ދުވަހަކު ނުދިޔައަސް ފުލް މުސާރަ ލިބެ އެވެ. ވީއިރު ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތުން މެމްބަރުންގެ އަދަދު އިތުރުވާ ނަމަ މަދު އަހަރު ތަކެއްތެރޭ 325 މިލިއަނުގެ އާބާދީއެއް އޮންނަ އެމެރިކާގެ ސެނެޓަށް ވުރެ ރާއްޖޭގެ މަޖުލީހުގައި މެމްބަރުން ގިނަވެދާނެ އެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން ނަމަ އާބާދީގެ ކޮންމެ 5000 (ފަސް ހާސް) މީހަކަށް މެމްބަރެއް ހުންނަން ޖެހެ އެވެ. މިއަދަދު ހަޤީގަތުގައި ދިހަ ހާހަށް ބޮޑުކޮށް، އާބާދީގެ ކޮންމެ ދިހަ ޙާސް މީހަކަށް މެމްބަރަކު ހުންނަން ޖެހޭ ގޮތަށް ހަދަން ޖެހެ އެވެ. ހަމަ އެފަދައިން އާބާދީ އިތުރުވާ މިންވަރުން މަޖުލިސް މެމަބަރުން އިތުރުވުން ވެސް ކޮންމެ ދިހަ އަހަރަކުން އެޖަސްޓް ކުރާގޮތަށް ބޭއްވުން ފެނެއެވެ. ބޭނުމަކީ ކޮންމެ އަހަރަކު އެއްފަހަރު، އާބާދީ އިތުރުވާ ނިސްބަތުން މެމަބަރުން އިތުރު ވުމުން ދިމާވާ ދަތިތަކާއި ހަރަދުތައް ކުޑަކުރުމެވެ.

މަޖުލިހުގެ ދާއިރާތައް ކަނޑަ އެޅުމުގައި ދެރަށެއްގެ ދެބަޔަކަށް ނިސްބަތް ކޮށް އެއް މެބަރަކު ހުރުމަކީ ވެސް ދެކޮޅު ނުޖެހޭ ދަތި ކަމެއް ކަމަށް ފެނެ އެވެ. މިސާލަކަށް ހުޅުހެންވޭރު ދާއިރާ ނިސްބަތް ވަނީ މާލޭގެ ހެންވޭރުން ބަޔަކާއި ހުޅުމާލެއަށެވެ. ދާއިރާ ކަނޑަ އެޅުމުގައި ރާއްޖޭގެ 19 އަތޮޅަކީ 19 ދާއިރާ ކަމަށް ކަނޑައަޅައި، ކޮންމެ އަތޮޅަކަށް، އާބާދީގެ ނިސްބަތުން މެމަބަރުންގެ އަދަދު ކަޑައަޅައި، މުޅިއަތޮޅު އެންމެން އެހުރިހާ މެބަރުންނަށް ވޯޓުލާ ގޮތް ހެދުމަކީ ތަރައްގީއަށް މާބޮޑަށް ވެސް ފައިދާ ކުރާނެ ގޮތެއްކަމަށް ފެނެ އެވެ. ރަށެއްގެ ކޮންމެ ވެސް ދިމާލަކުން 5000 މީހެއްގެ ދާއިރާ ކަނޑައަޅައި، މިސާލަކަށް ހިތަދޫ އުތުރު ދާއިރާއޭ ކިޔާފަ މެބަރަކު ހޮވުމުން އެމެބަރަކަށް އެދާއިރާއަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. އޭގެ ބަދަލުގައި މިސާލަކަށް އައްޑޫ ސިޓީގެ ހަތް މެމަބަރުންނަކީ މުޅި އަތޮޅުގެ އެންމެން ވޯޓުލައިގެން ހޮވާ ބަޔަކަށް ވެއްޖެ ނަމަ އެ ހަތް މެމަބަރުން ކުރެ ކޮންމެ މެމްބަރަކީ ވެސް މުޅި އަތޮޅަށް ނިސްބަތްވާ މެބަރަކަށް ވެފައި ހަތް މެމްބަރުން ގުޅިގެން އަތޮޅުގެ ތަރައްޤީ އަށް މަސަތްކަތް ކުރުމުގެ ރޫހާއި ހިތްވަރު އިތުރުވެ، އެއްބައިވަންތަ ކަމުގެ ރޫހު ވަރުގަދަ ވާނެކަމަށް ޤަބޫލް ކުރެވެ އެވެ.

މިފަދައިން ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދިއުން ނިމުމަކަށް ގެނެސް، ދާއިރާތައް ކަނޑައެޅުމުގެ ގާނޫނު މަތީގައިވާ ގޮތަށް ބަދަލު ކޮށް، ރައްޔިތުންގެ މަޖުލީހަކީ ކުޑަ، އެފިޝެންޓް، ނަޒާހަތްތެރި ތަނަކަށް ހެދުމުގެ ބަދަލުގައި މިހާރުވެސް އަޑު އިވެނީ ކޮންމެ 3500 މީހަކަށް މެބަރަކު ހުނަނަ ގޮތަށް ގާނޫނު ބަދަލު ކުރަން އުޅޭ ވާހަކައެވެ. އެފަދައިން އަމަލުކޮށްފި ނަމަ މަޖުލިހުގެ ބަޖެޓް އިންތިހާއަށް ބޮޑުވެ، މުޅި ޤައުމު އިތުރަށް ސިޔާސީ ވޫން ނޫންކަމެއް ނުވާނެއެވެ.

ރާއްޖޭގެ ޖޫޑިޝަރީ އިސްލާހު ކުރާ ވާހަކަ އާއި ބްރޯޑްކާސްޓިންގް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތައް އިސްލާހް ކުރާ ވާހަކަ ދައްކާއިރު ރައްޔިތުންގެ މަޖުލިސް އިސްލާހް ކުރާވާހަކަ ދައްކާ ބަޔަކު ވަރަށް މަދުން ނޫނީ ނުފެނެ އެވެ. ސިޔާސީ މައިދާނުގައި އިސް ދައުރެއް އަދާ ކުރަނީ ރައްޔިތުންގެ މަޖުލިސް މެބަރުން ކަމަށް ވުމާ އެކު، އެމެމްބަރުން އަމިއްލައަށް އަމިއްލަ މަޖުލިސް އިސްލާހް ކުރާ ވާހަކަ ދައްކަން ފަސްޖެހޭނެ އެވެ. އެއީ އިންސާނީ ތޮބީއަތެވެ. ނަމަވެސް ޤައުމަށް ހެޔޮއެދޭ ކޮންމެވެސް ބަޔަކު މިކަމަށް އިސްނަގައި، އާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖުލިސްގެ އާ ރައީސް ޤާސިމް އިބްރާހިމްއާއި ގުޅިގެން މަޖުލިސް އަށް މަތީގައިވާފަދަ ހެޔޮ ބަދަލު ތަކެއް ގެނެސް މަޖުލިސް ޒިންމާދާރު ކުރުވާ، މެމަބަރުން ޒިއްމާދާރު ކުރުވަން އެބަޖެހެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ ޖުޑިޝަރީއެއްވެސް ނޫނެވެ. ރައްޔިތުންގެ މަޖުލީހެވެ. ނަމަވެސް މަޖުލިސް މެބަރުން މިހަޤީގަތް ޤަބޫލެއް ނުކުރާނެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ މެމަބަރުންގެ އަދަދު މަދުކޮށް، ކޮންމެ 10،000 މީހަކަށް މެމްބަރެއް ކަމުގައި ހަދައި، ޖަލްސާތަކަށް ހާޒިރުނުވާ މެބަރުންގެ މުސާރައިން ވަކި ވަރެއް އުނިކޮށް، ދާއިރާތައް ކަނޑައެޅުމުގައި މުޅި އަތޮޅަކީ އެއް ދާއިރާ ކަމަށް ހަދައި، އަތޮޅުގެ އެންމެން އެއަތޮޅުގެ މެބަރުން ހޮވަން ވޯޓުލާ ގޮތަށް ހަދައި، މަޖުލިސް އާއި މަޖުލިސް މެބަރުން ޒިއްމާދާރު ކުރުވިގެން މެނުވީ ރާއްޖެ އިސްލާހެއް ނުވާނެ އެވެ. ތަރައްޤީ އެއް ނުވާނެ އެވެ. މިހަޤީގަތް ކޮންމެވެސް ބަޔަކު ޤަބޫލްކޮށް އަވަސް ފިޔަވަޅު ތަކެއް އަޅަން އެބަޖެހެ އެވެ. ރައްޔިތުންގެ މަޖުލިސް ޒިއްމާދާރު ކުރުވައި ރައްޔިތުންގެ މަޖުލިސް އިސްލާހް ކުރުން އަވަސް ކުރަން އެބަޖެހެ އެވެ.

comment ކޮމެންޓް