ކެޔޮނިރު: ރައްޔިތު މީހާ އަށް ވެރިކަން ކޮށްދޭނެވެރިކަން

ރައީސް އޮފީހުގެ މުވައްޒަފުންނާ ރައީސް ބައްދަލުކުރައްވަނީ --

މިދިވެހި ޤައުމު މިވަގުތު މިއޮތީ ހޮސްޕިޓަލެއްގައި ނަމަ އައިސީޔޫ ގަ އެވެ! މަގުމަތީގައި ނަމަ ކާރޫބާރޫ ބޮޑު ހަތަރު އަނގޮޅިއެއްގަ އެވެ! ކަނޑުމަތީގައި ނަމަ ބޮޑުސިންގާ ތޫފާނެއްގެ މެދުގައެވެ! އަދި، ޖައްވުގައި ނަމަ "ބްލެކް ހޯލް" އެއްގައި ތާށިވެފަ އެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުން ދަނީ މިޤައުމަށް މައުނަވީ، ހަޤީޤީ ބަދަލު ގެނެސްދޭނެ، ޤައުމު ހިންގާގޮތަށް އިންޤިލާބީ ބަދަލު ގެނެސްދޭނެ، ދީންވެރި މެމްބަރުން ތަކަކަށެވެ. އެފަދަ ލީޑަރުން ކޮބައިތޯ އެވެ. އެފަދަ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުތޯ އެވެ؟ ނުވަތަ ރައީސް ނަޝީދުތޯ އެވެ؟ ނުވަތަ ގަސިމް ނުވަތަ މައުމޫން ނުވަތަ އިމްރާން ތޯއެވެ؟

ދިވެހި ރައްޔިތުންނާއި ޤައުމަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ޙައްލުކޮށް، ޤައުމު އިތުރު މައްސަލަތަކެއްގެ ތެރެއަށް ވައްޓާނުލުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރި އެއްވެސް ސަރުކާރެއް ރާއްޖޭގެ މާޒީގައި ފެނިފައި ނެތެވެ. ރައްޔިތުންގެ މަޖުލިހުގެ އިންތިހާބު ކުރިމަތީގައި އޮތް އިރު ދިވެހި ރައްޔިތުން އެދެނީ މިފަދަ އަޒުމެއްގައި މަސައްކަތް ކުރާނެ މަޖުލިސް މެމްބަރުންތަކަކަށެވެ. ދިވެހިރާއްޖޭގައި މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމަށް ފަހު، ފާއިތިވެ ދިޔަ ދުވަސްތަކުގައި، ދިވެހިރާއްޖޭގައި އުފެދުނު ކޮންމެ ސިޔާސީ ޕާޓީއަކާއި އަދި ސަރުކާރެއްގެ ފަރާތުން ވެސް ދިވެހިންނަށް ތަޖުރިބާ ކުރަންޖެހިފައި ވަނީ ރައްޔިތުންނަށް ވުރެ ސިޔާސީ ވެރިންގެ މަސްލަހަތު އިސްކުރުމުގެ މައްސަލަ އެވެ. ދިވެހިރާއްޖެ ފަދަ މީސްކޮޅު މަދު ޤައުމަކަށް މަލްޓި-ޕާޓީ ނިޒާމުން ލިބެމުންދާ ފައިދާއަށް ވުރެ ލިބޭ ގެއްލުން މާބޮޑެވެ.

ސިޔާސީ ޕާޓީގެ ނިޒާމުގެ ވެރިކަން ރާއްޖެއަށް ތައާރަފްވި ފަހުން ރައްޔިތުން ކުރި ތަޖްރިބާތަކުގެ އަލީގައި، ޙަޤީޤީ ހެޔޮބަދަލުތައް ދިވެހި ޤައުމަށާއި ރައްޔިތުންނަށް ގެނެސްދިނުމުގެ ކުޅަދާނަކަމާއި ނަޒާހަތްތެރިކަން ހުރި ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ލީޑަރެއް ވެސް މިހާތަނަށް ފެނިފައެއް ނެތެވެ.

ޤައުމާއި ރައްޔިތުން ބޭނުންވަނީ ސަރުކާރާއި އަދި ދައުލަތް ހިންގުމަށް 'އިންޤިލާބީ ބޮޑެތި' ބަދަލު ގެނެސްދޭނެ އަދި މަލްޓި ޕާޓީ ނިޒާމު ތަޢާރަފުވުމުން ދިވެހިރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިމިވާ ޢަދަދުނުކުރެވޭ ގެއްލުންތައް ފޫބައްދައި، ދިވެހި ޤައުމަށް މުޅިންއާ ބަދަލުތަކެއް ގެނެސްދެވޭނެ ލީޑަރެކެވެެ. ބާމޫނުތަކެއް ނޫނެވެ. މުޅިން އާ މޫނުތަކެކެވެ. ޕާޓީގެ ލީޑަރުން އެންޑޯޒް ކުރާ މެމްބަރުންނެއް ނޫނެވެ. "މިނިވަން" ކެންޑިޑޭޓުންނެވެ. މިނިވަން މެމްބަރުންނެވެ. ރައްޔިތުންގެ ކެންޑިޑޭޓުންނެވެ!

ދިވެހިރާއްޖެ އިސްލާޙުކޮށް ހަމަމަގަށް އަޅުވަން ބޭނުން ނަމަ، ސިޔާސީ ދާއިރާއަށް ބާމޫނުތަކެއްގެ ބަދަލުގައި، ހަރުދަނާ ސިޔާސަތުތަކާއި އަދި އުސޫލުތަކެއް ރައްޔިތުންނަށް ހުށަހަޅާ، ޒުވާން އަދި މުޅިންއާ މޫނުތަކަކަށް، ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންމި ވަނީ ބޭނުންވެފަ އެވެ.

މިއަދުގެ ސިޔާސީ ނިޒާމަކީ ފައިސާ އާއި މަޤާމަށް ހެއްލިފައިވާ، "ކޮރަޕްޓް" ސިޔާސީ ނިޒާމެއްގެ ގޮތުގައި ޤަބޫލު ކުރަންޖެހިފައި ވީހިނދު، މިއަދުގެ ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވާ ވަރަށް ގިނަ ލީޑަރުންވަނީ "ގޯސް މިސާލުތަކެއް" ރައްޔިތުންނާއި އަދި ޤައުމަށް ދައްކުވައިދީފަ އެވެ.

މިއަދު ސިޔާސީ ޕާޓީތައް ކުރިއަރުވައި، ވަކި ބަޔަކަށް ވެރިކަމާއި މެމްބަރުކަމާއި މަގާމްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ގިނަ ބަޔަކު ފެންނަމުންދާ ހިނދު، ހިތާމައާ އެކު، ދަންނަވަންޖެހެނީ މިފަދަ މަސައްކަތްތަކުން ޤައުމާއި، ރައްޔިތުންނާއި އަދި އަންނަންއޮތް ދިވެހި ޖީލުތަކަށް ފައިދާއެއް ލިބެމުންދާ މަންޒަރު ނުފެންނަކަމެވެ.

މިޤައުމު ހަމަމަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ދައުލަތުގެ ތިންބާރުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާރާއި، އަދުލު އިންސާފުގެ ދާއިރާގެ ބާރާއި، ރައްޔިތުންގެ މަޖުލީހުގެ ބާރު އެކެއްގެ މުށުތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކުރިމަގުގައި ވެސް އެފަދައިން ތިން ބާރު އެއްނުކުރެވޭނެ ފަދަ ހަރުކަށި، ހަރުދަނާ ފިޔަވަޅުތަކެއް ޤާނޫނުގެ ތެރެއިން އެޅުމެވެ. މިފަދައިން މިކަން ކަށަވަރު ކުރެވޭނީ އަދުލު އިންސާފުގެ ދާއިރާގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖުލިހުގެ ރައީސް، އަދި މަޖުލިހުގެ ނައިބު ރައީސަކީ ސީދާ ރައްޔިތުނަނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހެދިގެންނެވެ!

އަދުލު އިންސާފުގެ ދާއިރާ މިވަނީ ސިޔާސީ ވެރިންގެ މުށުތެރެއަށް ނިކަން ރަނގަޅަށް ފެތި ބާރުވެފަ އެވެ. އަދުލުއިންސާފުގެ ދާއިރާ އަށް ހަޤީޤީ މިނިވަންކަން ލިބޭނީ ސަރުކާރު ހިންގާ ބާރާއި އަދި ޤާނޫނުހަދާ ބާރުފަދައިން، ޢަދުލުއިންސާފުގެ ބާރުގެ މުހިއްމު މަޤާމުތައް ކަމުގައިވާ އުއްތަމަ ފަނޑިޔާރު، ހައިކޯޓުގެ އިސްފަނޑިޔާރު، ދަށުކޯޓުތަކުގެ އިސްފަނޑިޔާރުން، ރައްޔިތުންގެ ސިދާ ވޯޓަކުން ހޮވާގޮތަށް ޤާނޫނު ބަދަލުކޮށްގެންނެވެ.

ހަމައެފަދައިން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ނައިބުގެ މަޤާމުތަކަކީ، ރައްޔިތުންގެ މަޖުލީހަށް އިންތިހާބުކުރެވޭ މެމްބަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި މުހިއްމު ދެމަޤާމަކީ ވެސް، ރައްޔިތުންގެ މަޖުލީހަށް މެމްބަރުން ހޮވާފަދައިން، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ފަސް އަހަރުގެ ދައުރަކަށް، ސީދާ ރައްޔިތުންގެ ވޯޓަކުން، އިންތިޚާބު ކުރެވޭ ވަކި ދެމަޤާމު ކަމުގައި ހަމަޖެއްސުމާއި، މިދެމަޤާމަށް ރައްޔިތުން އިންތިޚާބުކުރާ ދެފަރާތަކީ، އެއްވެސް ދާއިރާއަކަށް ނިސްބަތްނުވާ މަޤާމުތަކެއް ކަމުގައި ކަނޑައެޅުމަކީވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

އަދި ހަމައެފަދައިން އިލެކްޝަން ކަމިޝަންގެ ރައީސް، އޮޑިޓަރު ޖެނެރަލް، މަރުކަޒީ ބޭންކުގެ ގަވަރުނަރު، ކަމިޝަނަރު އޮފް ޓެކްސޭޝަންސް އަދި ހުރިހާ މިނިވަން މުވައްސަސާތަކުގެ އެންމެ އިސްވެރިންގެ މަޤާމުތަކަކީ، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ މަޤާމުތަކެއް ކަމުގައި ހަމަޖެހިގެން މެނުވީ ރައްޔިތުންގެ ބާރު ރައްޔިތުން އަތަށް ނުލިބޭނެއެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުން ދަނީ އެފަދަ މައުނަވީ، ހަޤީޤީ ބަދަލު ގެނެސްދޭނެ، ޤައުމު ހިންގާގޮތަށް އިންޤިލާބީ ބަދަލު ގެނެސްދޭނެ މެމްބަރުން ތަކެކެވެ. މިފަދަ ބަދަލުތަކެއް ޤާނޫނަށް ގެނެސްދޭނެ ލީޑަރުންތަކެކެވެ ނުވަތަ މެމްބަރުންތަކެކެވެ.

ރައްޔިތުންގެ ބާރު ފެންނަނީ ހަމައެކަނި ކޮންމެ ވޯޓެއްނަގާއިރު ކަމުގައި އޮންނަ އޮތުން ބަދަލު ކޮށް، ދައުރުގެ މެދުންވެސް މަޖުލީސް މެމްބަރުން ފަދަ ފަރާތްތައް ވަކިކޮށް، އަލުން އިންތިހާބް ބޭއްވޭ ގޮތަށް ޤާނޫނު ބަދަލުކުރުމާއި، ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރާ ފަރާތްތަކަކީ، ހަޤީޤީ މާނާގައި ވެސް، ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހަދަން އެބަ ޖެހެ އެވެ. މިފަދަ ވާހަކައެއް މިހާރުގެ ސިޔާސީ ވެރިން ވެސް އަދި އިދިކޮޅު ލީޑަރުން ވެސް ނުދައްކަވަ އެވެ.

ވެރިކަން ލިބިވަޑައިގަތުމުން ރައީސްކަސް، މަޖުލިސް މެމްބަރަކަސް، މިނިސްޓަރަކަސް، އަދި "މިނިވަން" މުއައްސަސާތަކުގެ ވެރިއަކަސް ފެންނަނީ އެބޭފުޅުންގެ އަމިއްލަފުޅު ހައިބަތު މިނަށްވުރެ ބޮޑުވެ، އެބޭފުޅުންނަކީ ރައްޔިތުންނަށް ޙިދުމަތްކުރައްވަން ތިއްބެވި ޚާދިމުންކަން ހަނދުމަފުޅު ނެތޭތަނެވެ. "މިނިސްޓަރު" ކަމުގެ ލަޤަބަކީ މިގޮތުން އެންމެ ހައިސިއްޔަތު އޮޅުވާލާ ލަޤަބެވެ! މި ލަޤަބް ކޮންމެހެންވެސް ބަދަލު ކުރަންޖެހެއެވެ. މިނިސްޓަރު" ކަމުގެ ލަޤަބަކީ ރައްޔިތުންގެ ޙާދިމަކަށް ވުމަށް ވުރެ ބޮޑަށް ތިމާމީހާގެ ހައިބަތު މަތިކުރާ ނަމަކަށްވާހިނދު، "މިނިސްޓަރު"ގެ ނަމުގެ ބަދަލުގައި އެވަޒީފާގެ ނަމަކީ، "ސެކެޓްރީ" ކަމުގައި ހަދަން އެބަޖެހެ އެވެ. މިބަދަލު މިގޮތަށް ގެނައުމަށް ރައީސ ސޯލިހަށް ގޮވާލަމެވެ. އެމެރިކާ އަދި ޔޫ.ކޭ ފަދަ ޤައުމުތަކުގައި ވެސް އޮންނަ ފަދައިން، މިސާލަކަށް "ސެކެޓްރީ އޮފް ސްޓޭޓް"، މިފަދަ ގޮތަކަށް މިނިސްޓަރު ކަމުގެ ނަން ބަދަލު ކުރަން ޖެހެ އެވެެ.

އަދި ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަންފަދަ ހުރިހާ މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މަޤާމުގެ ނަން، "ރައީސް"ގެ ބަދަލުގައި "ޗެއާރމަން" ފަދަ ނަމަކަށް ބަދަލު ކުރަން ޖެހެ އެވެ. މިދެންނެވި "މިނިވަން" މުއައްސަސާތަކުގެ "ރައީސުން" ނަކީ ވެސް ކުޑަވަރެއްގެ ޤައުމެއްގެ ވެރިކަން ކުރާފަދައިން ވެރިކަން ކުރާ "ރައީސުން" ކަމަށް މިވަނީ ވެފަ އެވެ. މިކަހަލަ "ރައީސުން"ގެ ހަޤީޤީ ޒިއްމާ އާއި ހަޤީޤީ ހައިސިއްޔަތު އެގޭފަދަ ނަމަކަށް އެމަޤާމުގެ ނަން ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިފަދަ ބަދަލުތައް ގެނެސްދޭނެ މަޖުލީހަކަށް ޤައުމު މިވަނީ ބޭނުންވަފަ އެވެ!

ޤައުމު ބޭނުންވަނީ ވަކި ކުލައެއް ނުވަތަ ވަކި ޕާރޓީ އެއް ނުވަތަ ވަކި "ލީޑަރެއް" ނޫނެވެ. ޤައުމަށާއި ރައްޔިތުނަނަށް އިޙްލާސްތެރި، އިންޤިލާބީ ބަދަލު ގެނެސްދޭން ކެރޭ ޙާދިމުންތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ހަޤީގަތުގައި ރައީސެއްވެސް ނޫނެވެ. އެއީ "ރައްޔިތުންގެ އެންމެ އިސް ޙާދިމެވެ"! މަޖުލީހުގެ މެމްބަރުންގެ ނަމުގެ ކުރިއަށް މިއޮންނަ "އިއްޒަތްތެރި" ލަގަބަކީ ވެސް ރައްޔިތުންނަށް ކުރާ މަލާމަތެއް ފަދަ އެވެ. ވަގުންނާއި މަކަރުވެރީންނާއި ނުކިޔަވާތިބޭ ޖާހިލުމް މިހާރު މިވަނީ އިއްޒަތްތެރި ވެފައިވެ. މަޖުލިސް 2019 އިން މިކަން ބަދަލުވާނެ ނަމަ ކިތައްމެހާވެސް ރަނގަޅެވެ. ކިޔަވައިގެން ތިބި، ކެރޭ ޒުވާނުންގެ ތެރެއިން މިފަދަ ބަތޮލުން ތެދުވެ މިޤައުމު ހަމަމަގަށް އަޅުވަން އެބަޖެހެ އެވެ. އެކި ކުލަތަކާއި އެކި ޕާރޓި ތަކާއި އެކި "ބާ" މޫނުތައް އެއްފަރާއި ކޮށް، ޤައުމު ސަލާމަތް ކުރުމަށް ޓަކައި ހަށިފޮޅާލާފައި ތެދުވާން އެބަޖެހެ އެވެ.

ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ މިފަދަ މެމްބަރުން ތަކަކަށެވެ. އެފަދަ ޒުވާން "މަހާތީރް" ތަކަކަށެވެ. އެފަދަ ޒުވާން "ލީކުއާންޔޫ" ތަކަކަށެވެ. އެފަދަ ޒުވާން "މެލްކޮމް-އެކްސް" ތަކަށެވެ. ދިވެހީންގެ ސިކުނޑީގައި ގަސްތުގައި އަޅުވާފައިވާ، ލޮލަށް ނުފެންނަ ކަސްތަޅު ނައްޓައި، ދިވެހި ކޮންމެ ފަރުދަކީ ވެސް ޤައުމުގެ ތަރައްގީގެ ފޮނިކަން އެކަށިގެންވާ ރަނގަޅު މިންވަރަކަށް ލިބޭ ފަރުދަކަށް ހަދައިދެވޭ ފަދަ ވެރީންތަކެއް އަންޏާން އެބަޖެހެ އެވެ.

ކޮންމެ މަހަކު މީރާ އަށް މިތެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެޔޭ ބުނުމުން ދިވެހީން ފަޙުރުވެރިވާކަށް ނުޖެހެ އެވެ. މީރާއަށް ބިލިއަނުން ލިބޭއިރު ވަކި ވަކި ފަރުދުން ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނުވެ، ދަރަނިން ސަލާމަތްވެވޭ ވަރު ނުވެ، ބޭސްފަރުވާ ކޮއްލެވޭ ވަރު ނުވެ، އީދުދުވަހު އާހެދުމެއް ގަނެލެވޭ ވަރު ނުވެފަ ތިބެން ޖެހުމަކީ ހަޤީޤީ ތަރައްޤީ އެއް ނޫނެވެ. ދިވެހީންގެ ބޮލަކަށް މިތެއްހާސް އެމެރިކާ ޑޮލަރު ޖެހޭވަރަށް ދައުލަތަށް އާމްދަނީ ލިބެޔޭ ބުނުމުން ދިވެހީން ކުރަންވީ ކޮން އުފަލެއް ތޯ އެވެ؟ ބޮލަކަށް ތިރީސް ހާސް ކީއްކުރަން، އެއްލައްކަ ޑޮލަރު ޖެހުނަސް ނިކަމެތި ރައްޔިތުމީހާގެ ބޮލަކަށް ޖެހެނީ ދަރަނީގެ އެތައް މިލިއަންއެވެ! މިއީ ތަރައްގީ އެއް ނޫނެވެ. މިއީ ދަރަނިވެރި ކަމާއި އަޅުވެތިކަމާއި މަލާމާތެވެ.

މިއަހަރު މިތެއް ރިސޯރޓް އަލަށް ހުޅުވައިފިއޭ ބުނުމުން އާދައިގެ ދިވެހި މީހާއަށް އޮތީ ކޮން އުފަލެއްތޯ އެވެ؟ އެއިން ރިސޯރޓެއްގެ އެންމެ ރެއެއްގެ އަގުވެސް އާދައިގެ ދިވެހި ރައްޔިތެއްގެ އެއް އަހަރުގެ އާމްދަނީއާ ނުބައްދަލެވެ. އެވަރުން ވެސް ދިވެހިން ތިބެންވީ ޝުކުރުވެރި ކަމާއެކު އަތްޖަހާލަ ޖަހާލާތޯ އެވެ. ހުޅުމާލޭގެ ނުވަތަ މާލޭގެ މިވެނި ބިމެއްގައި 25 ބުރީގެ މިތެއް އިމާރާތް ކޮށް، ލަގްޒަރީ އެޕާރޓްމެންޓް ބްލޮކްތައް ބިނާ ކުރުމަށް ބިންގާ އެޅުމުން އާދައިގެ ރާއްޖެތެރޭ މީހާ އުފަލުންގޮސް ސިޔާސީ ބޭފުޅުންނަށް ވޯޓުދޭކަށް ނުޖެހެ އެވެ. ފަންސަވީސް ބުރީގެ ކޮންމެ އިމާރާތައެްގެ އަގަކީ ރާއްޖެތެރޭގެ މުޅި އަތޮޅެއްގައި ދާއިމީ އެތައް ވަޒީފާއެއް އުފެއްދިދާނެ ފައިސާއެވެ. އެކަން ރާއްޖެތެރޭ މީހާއަށް ކޮށްނުދީ މާލޭގެ ކުޑަ ބިންކޮޅު އުޑާހަމައަށް ނެގުމަކީ ރައްޔިތުމީހާ އެދޭ ތަރައްޤީ އެއް ނޫނެވެ. މިކަން ބަދަލު ކުރެވޭފަދަ ލީޑަރެއް މިޤައުމުގެ ސިޔާސީ މަސްރަހަށް ނިކުންނަން އެބަ ޖެހެ އެވެ.

ޒަމާނުއްސުރެ ދިވެހީންނަކީ ކޮންމެ މީހަކަށް ދައުލަތުން ހިލޭ ބަންޑާރަ ބިން ދިނުމުން އެބިންތަކުގައި ގެދޮރުއަޅައިގެން ދިރިއުޅެމުން އައި ބައެކެވެ. މިޤައުމަށް ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއް ދިނުމުގެ ގޮތުން، ކައިވެނި ކުރާ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެން ވިއަސް ފިރިހެން ވިއަސް، މަދުވެގެން 1000 އަކަފޫޓުގެ ބަންޑާރަ ބިމެއް ހިލޭ ދޭންކެރޭނެ ވެރިއެކެވެ. މުއްސަންތި ދިވެހީންނަށާއި ބިދޭސީ މަހުޖަނުންނަށް ރާއްޖޭގެ ބިމުގައި ލަގްޒަރީ އެޕާރޓްމެންޓް ބްލޮކް އަޅައިދޭނެ ވެރިއެއް ނޫނެވެ. މިފަދަ ބަންޑާރަ ބިންކޮޅެއް ދިނުމުން ކޮންމެ ދިވެހި ރައްޔިތަކީ ވެސް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއްގެ މިލްކު ވެރިއަކަށް ވެ އެވެ. ދިވެހި ޤައުމާއި ދިވެހި ބިމަކީ ދިވެހީންގެ މިލްކެއް ކަމުގައިވާ ހިނދު، ކޮންމެ މީހެއްގެ ވެސް ބިމެއް އޮތުމަކީ މިދެންނެވި މިލްކުވެރިކަމުގެ ރަމްޒެކެވެ. އެމީހަކު ރައްވެހި ވެފައިވާ ރަށުން ބިން ހުސްވެފައިވާ ނަމަ ބިންއޮތް އެހެން ރަށަކުން ނަމަވެސް މިގޮތަށް ބިން ދެވިދާނެ އެވެ. މިގޮތަށް ބިން ދެވުނުކަމުގައި ވިއަސް މިހާރު ހިންގާ ސޯޝަލް އަދި ވިޔަފާރީގެ ހައުސިންގް މަޝްރޫއުތައް ކުރިއަށް ގެންދެވިދާނެ އެވެ. މިފަދައިްނ ކޮންމެ ރައްޔިތަކަށް ބިންކޮޅެއް ދެވޭގޮތަށް ގާނޫނު ބަދަލުކުރެވޭ ފަދަ މެމަބަރުންތަކެއް މަޖުލިސް 2019 އިން ފެނުމަކީ ރައްޔިތުންގެ އެދުމެވެ. ރައީސް ސޯލިހު މިކަމުގައި އިސްނެންގެވުމަކީ ވެސް ރައްޔިތުންގެ އެދުމެވެ.

ބޮލަކަށް ތިރީސް ހާސް ޑޮލަރު ޖެހިއްޖެޔޭ ބުނާއިރު، ޤައުމު ތަރައްޤީ ކުރުމުގެ މާނާގައި ބޮޑެތި އިންޓަރެސްޓް (ރިބާ) ހިމެނޭ ދަރަނި ނަގަނީ ސުމާރެއް ބެލުމެއް ނެތި އެވެ. މިފަދަ ބިޔަ ލޯނުގެ ފައިސާއިން ކޮންމެވެސް ކަމެއް ކޮއްލާފަ ދެން ވާނުވާއެއް ނޭގެއެވެ. އެދަރަނި ދައްކަން ޖެހެނީ ދެއް އަންނަ ޖީލެއްގެ ދަރީންނެވެ. މިއީ ޅަދަރީން ދަރަނިވެރި ކުރުވުން ނޫން ދެން ކޮންކަމެއްތޯ އެވެ؟

އެކެއްގެ މުށުތެރެއަށް ގޮސްފައިވާ ތިން ބާރު ވަކިކޮށް، މަޖުލިހުގެ ރައީސާއި ފަނޑިޔާރުންނަކީ ރައްޔިތުން ހޮވާ، ރައްޔިތުނަނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހަދައިދޭނެ ވަރިއަކު އެބަ ބޭނުންވެއެވެ. ޤައުމު ބޭނުންވަނީ ވަކި ކުލައެއް ނުވަތަ ވަކި ޕާރޓީ އެއް ނުވަތަ ވަކި "ލީޑަރެއް" ނޫނެވެ. ޤައުމަށާއި ރައްޔިތުނަނަށް އިޙްލާސްތެރި، އިންޤިލާބީ ބަދަލު ގެނެސްދޭން ކެރޭ ޙާދިމެކެވެ. އެއީ ހަޤީގަތުގައި ރައީސެއް ވެސް ނޫނެވެ. އެއީ "ރައްޔިތުންގެ އެންމެ އިސް ޙާދިމެވެ"! ކިޔަވައިގެން ތިބި، ކެރޭ ޒުވާނުންގެ ތެރެއިން މިފަދަ ބަތޮލުންތަކެއް ތެދުވެ މިޤައުމު ހަމަމަގަށް އަޅުވަން އެބަޖެހެއެވެ. އެކި ކުލަތަކާއި އެކި ޕާރޓި ތަކާއި އެކި "ބާ" މޫނުތައް އެއްފަރާއި ކޮށް، ޤައުމު ސަލާމަތް ކުރުމަށް ޓަކައި ހަށިފޮޅާލާފައި ތެދުވާން އެބަޖެހެ އެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ މިފަދަ މައުނަވީ ބަދަލުތަކަކަށެވެ.

comment ކޮމެންޓް