އިންތިހާބު ބާތިލުކޮށްގެން ރާއްޖެއަށް ގެއްލުމެއް ނުވާނެ: މުއިއްޒު

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލު ކޮށްގެން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުންނެވެ. އެކަމާ ގުޅޭ ގޮތުން ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އިންތިހާބު ބާތިލުކޮށްގެން ރާއްޖޭން ބޭރުގެ ޕްރެޝަރެއްގެ ސަބަބުން ރާއްޖެއަށް އަސަރުތަކެއް ނުކުރާނެ ކަމަށެވެ.

"ކޯޓުން އެހެން ގޮތަކަށް [އިންތިހާބު ބާތިލުކުރިއަސް] އެއީ އެކަމަކުންނެއް ރާއްޖެއަށް އަސަރުތަކެއް ކުރާނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ޔަގީން. އެގޮތަކަށެއް ނޫން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ކަންތައްތައް ރޭވިފައި ހުންނަނީ އެއް." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެހެންވީމާ ރާއްޖެއަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބުނެ ކޯލިޝަނުގެ ފަރާތުން ދައްކާ ވާހަކަތަކުގެ ސަބަބުން ރައްޔިތުން އެކަމާ ކަންބޮޑު ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ހައްގުގެ މަގުގައި ހުންނެވި ބޭފުޅެއްކަން ވޭތުވެ ދިޔަ ފަސް އަހަރު ރައްޔިތުންނަށް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރައްވާ މަސައްކަތަކީ ވެސް ތެދުވެރިކަމާ އެކު ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ އިންތިހާބީ މައްސަލާގައި ޕީޕީއެމަށް ސަޕޯޓު ކުރައްވާ ރައްޔިތުންނަށް އިންސާފު ލިބިގެންދާނެ ކަމަށެވެ.

އަދި އަދުލު އިންސާފުން ބޭރުން ކޮށްފައިވާ ކަންތައްތައް ސާބިތުވާ ވަރަށް ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހެކި ހުށަހަޅާފައިވާނެ ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

comment ކޮމެންޓް