ދިވެހި ހެދުމުގައި ރިޝްމީ އާއި ޒެއްލު ފުށިފަރުގައި، ކޮންކަމެއްބާ؟

ފުށިފަރު ރިސޯޓްގައި ރިޝްމީ އާއި ޒެއްލު.

ދިވެހި ފިލްމި ދާއިރާގައި މަސައްކަތްކުރާ ގިނަ ތަރިންނަކީ ކޮންމެވެސް މަޝްހޫރު ބްރޭންޑެއް އިސްތިހާރުކޮށްދޭ ނުވަތަ ކޮންމެވެސް ތަނެއް ޕްރޮމޯޓްކޮށްދޭ ހީވާގި ބައެކެވެ. އޭގެ ތެރެއިންވެސް ކުޅަދާނަ ބަތަލާ އައިޝަތު ރިޝްމީ އަކީ ފިލްމީ ދާއިރާގެ ހީވާގި ކަނބަލެކެވެ.

މިފަހުން ރިޝްމީ މިވަނީ ދިވެހި ހެދުމުގައި ޅ. އަތޮޅުގައި ދާދިފަހުން ހުޅުވި ފުށިފަރު މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިއާގެ އެކައުންތަކުގައި ހިއްސާ ކޮށްފައެވެ. މިއީ އަނެއްކާ ކޮންކަމެއް ބާއެވެ؟

އެކަމާގުޅޭގޮތުން "ސަން" އިން ގުޅާލުމުން ރިޝްމީ ބުނީ، އެއީ ފުށިފަރުގެ ފަރާތުން ރިސޯޓު ޕްރޮމޯޓްކޮށްދޭން ރިޝްމީއަށް ދިން ފުރުސަތެއް ކަމަށެވެ. ދިވެހި ލިބާހުގައި ރިޝްމީ ފެނިގެންދާއިރު އޭނާގެ ދަރިފުޅު އިސްމާއިލް އަޒީލް އަޒްމީލް (ޒެއްލު) ވެސް، އޭނާއާ އެކު ފޭލީގައި ހުންނަ ތަން އެ ފޮޓޯތަކުން ފެނެއެވެ.

ފުށިފަރު ރިސޯޓްގައި ރިޝްމީ.

މިދިޔަ އަހަރުގެ އޮކްޓޯބަރަ މަހުގެ ތެރޭގައި ހުޅުވި ފުށިފަރު މޯލްޑިވްސް ރިސޯޓަކީ ގެސްޓުންނަށް ރާއްޖޭގެ ދިވެހިވަންތަކަށް އެންމެ ފުރިހަމައަށް ދައްކުވައިދޭ ރިސޯޓެކެވެ. ރިޝްމީ ބުނީ އެ ހިތްގައިމު ރިސޯޓުން ލިބުނު ފުރުސަތަށް ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށެވެ.

"އަސްލު ވަރަށް އުފާވި މި ފުރުސަތު ލިބުނީމަ، ފިލްމި ދާއިރާގެ ފަންނާނުންގެ ތެރެއިން ރިޝްމީއަށް ފުރަތަމަ ފަހަރަށް މި ފުރުސަތު ލިބުނީމަ، އެހެންވެ ޒެއްލުއާއި ރިޝްމީ ދިޔައީ، ވަރަށް ރީތި ރިސޯޓެއް، ހަމަ ކޮންމެ ގެސްޓެއް ދާއިރުވެސް ވަރަށް ދިވެހިވަންތަ ގޮތަކަށް ވެލްކަމް ކިޔަނީ، ބޮޑުބެރުކަހަލަ ކަލްޗަރަލް އެއްޗަކުން،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައިވާ ރިޝްމީ ބުންޏެވެ.

ފުށިފަރު ރިސޯޓްގައި ރިޝްމީ....

ފުށިފަރު މޯލްޑިވްސްގެ މާކެޓިންގް ކޮމިއުނިކޭޝަންސް (މާކޮމް) އެކްޒެކެޓިވް ހުނައިނާ އަހުމަދު އިގްބާލު "ސަން"އަށް ވިދާޅުވީ އަބަދުވެސް ރިސޯޓް ޕްރޮމޯޓުކޮށްދޭން ދިވެހި ރާއްޖޭގެ ހުނަރުވެރި ފަންނާނުންނަށް އިސްކަންދޭ ކަމަށެވެ. ރިޝްމީ އަށް އެ ފުރުސަތު ދިނީ، އެގޮތުގެ މަތިން ކަމަށް އޭނާ ވިދަޅުވިއެވެ. މީގެ ކުރިން ވަނީ ކުޅިވަރުގެ ދާއިރާއިން އަލީ އަޝްފާގުގެ އާއިލާއަށްވެސް މި ފުރުސަތު ދީފައެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖާރު އަހުމަދު ސިއާރު ވެސް، އެ ރިސޯޓްގެ ޕްރޮމޯޝަންތަކުގައި ރާއްޖޭގެ މަޝްހޫރު ސެލެބްރިޓީން ބޭނުން ކުރަން އިސްކަންދެއްވާ ކަމަށް ހުނައިނަ ވިދާޅުވި އެވެ. ލޯކަލް ސެލެބްރިޓީންނާ ގުޅިގެން ރިސޯޓު ޕްރޮމޯޓް ކުރުމަށް އިސްނެގުމުން، ރިޝްމީ ވަނީ އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް