ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ރަށް، ނަމަވެސް ފުލުހުންނެއް ބޭނުމެއް ނުވޭ!

ސަންޓާ ކްރޫޒްއަކީ ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ރަށް -- ފޮޓޯ: ސީއެންއެން

ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ރަށްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ރަށަކީ ރާއްޖޭގެ ވެރިރަށް މާލެ އެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މާލޭގެ އާބާދީ ބޮޑުވެ، މުޅި މާލެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި އެވެ. ނަމަވެސް މިފަހަރު މިބަލާލަނީ މާލެއަކަށް ނޫނެވެ.

އެއީ މާލެއެކޭ އެއްގޮތަށް ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ، ކޮލޮމްބިއާގެ ޖަޒީރާއެއް ކަމަށްވާ ސަންޓާ ކްރޫޒް ޑެލް އިސްލޯޓޭއަށެވެ.

ބޮޑުމިނުގައި ގާތްގަނޑަކަށް އެއް ހެކްޓަރު ހުންނަ ސަންޓާ ކްރޫޒުގައި 1،200 މީހުން ދިރިއުޅެ އެވެ. ނަމަވެސް އެ ރަށުގައި މީގެ ކުރިން އެއްވެސް އިރެއްގައި ބޯހިމަނާފައި ނުވުމުން، ރަށުގެ އާބާދީ ޔަގީނުން ބުނަން ދައްޗެވެ.

ސަންޓާ ކްރޫޒްގައި ހުންނަ ދެ ފިހާރަ -- ފޮޓޯ: ސީއެންއެން

ސަންޓާ ކްރޫޒްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ރަށަށް ފުލުހުން ބޭނުން ނުވާ ކަމެވެ. އޭގެ އެއް ސަބަބަކީ ރަށުގެ އެންމެންނަށް ވެސް އެކަކު އަނެކަކު އެނގޭތީ ކަމަށް ވެދާނެ އެވެ.

"އަހަރެމެންގެ ތެރޭގައި ހަމަނުޖެހުމެއް ނުހިނގާ. މިރަށުގައި ފުލުހުންނެއް ނުތިބޭ އަދި ފުލުހުން ބޭނުމެއްވެސް ނުވޭ،" ސަންޓާ ކްރޫޒްގެ ރައްޔިތެއް ކަމަށްވާ ހުވެނަލް ހޫލިއޯ ބުންޏެވެ.

ދުނިޔޭގެ އެހެން ޖަޒީރާތަކާ އެއްގޮތަށް ސަންޓާ ކްރޫޒްގެ ގިނަ އަދަދެއްގެ މީހުންގެ އާމްދަނީ ބަރޯސާވެފައި އޮންނަނީ މަސްވެރިކަމަށާއި ފަތުރުވެރި ކަމަށެވެ. އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ހޮޓާތަކެއް ނުހުރެ އެވެ. އެހެންކަމުން އެ ރަށަށް ކޮންމެ އަހަރަކު ޒިޔާރަތް ކުރާ އެތައް ހާސް ފަތުރުވެރިން ތިބެން ޖެހެނީ ސަންޓާ ކްރޫޒް ކައިރީ އޮންނަ ރަށެއްގަ އެވެ.

ސަންޓާ ކްރޫޒްގައި ރީތި ގޮނޑުދޮށްތަކެއް ނެތް ނަމަވެސް އެރަށުގައި ފަތުރުވެރިންނަށް ކަމުދާނެ ގޮތަށް ހަދާފައިވާ ދެ އެކުއޭރިއަމް ހުރެ އެވެ. އަދި އެތަނުގައި ދިރިއުޅޭ ވެލާ އާއި މިޔަރު ބަލާލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބެ އެވެ.

ސަންޓާ ކްރޫޒްއަކީ އަމާން ރަށަކަށްވީ ނަމަވެސް އެ ރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހޭ ގިނަ ދަތިތަކެއްވެ އެވެ. އޭގެ ތެރޭގައި 24 ގަޑި އިރު ކަރަންޓު ނުލިބުމާއި ބޯފެން ލިބުމުގެ ދަތިތަކެއް ހުރުން ހިމެނެ އެވެ. އެ ރަށަށް ކަރަންޓު ފޯރުކޮށްދޭން ހުންނަނީ އެއް ޖެނެރޭޓަރާއި ދެ ސޯލާ ސްޓޭޝަނުންނެވެ. އަދި ވާރޭ ނުވެހޭ ދުވަސްވަރު، ސަންޓާ ކްރޫޒްގެ ރައްޔިތުންނަށް ބޯފެން ލިބެނީ ސަރުކާރު ފޮނުވާ ފެނުގެ ޝިޕްމެންޓުންނެވެ.

މީގެ އިތުރުން ދުނިޔޭގެ ހޫނުވަމުން ދިޔަ ވަރަކަށް، ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމުގެ ސަބަބުން ސަންޓާ ކްރޫޒްގެ މުސްތަގުބަލާ މެދު ވަނީ ބިރުހީވެފަ އެވެ.

ނަމަވެސް އެ ރަށުގެ މީހުން ބުނަނީ ދެވަނަ ސަންޓާ ކްރޫޒްއެއް މުޅި ދުނިޔެއިން ވެސް ނުލިބޭނެ ކަމަށެވެ. އަދި މިއަށް ވުރެ އުފާވެރި ދިރިއުޅުމެއް ހިތަށް ވެސް ނުގެނެވޭ ކަމަށެވެ.

"އަހަރެމެން ދިރިއުޅެނީ ވަރަށް އުފަލުގައި. ފުލުހުން ބޭނުންނުވާ، އަދި އެންމެން އެއްކޮށް އުޅޭ މިފަދަ ރަށެއް ދެން އޮންނާނީ ކޮންތާކު؟ އަހަރެން ކޮންމެ ދުވަހަކު ހޭލަނީ ރާޅުތަކުގެ އަޑަަށް. އަހަރެން ބޭނުމެއް ނުވޭ މިނޫން އެހެން ތަނެއްގައި ދިރިއުޅެން،" ހޫލިއޯ ބުންޏެވެ.

comment ކޮމެންޓް