ލޭ ގަނޑުވާ ކަމަށް އެއްބަސްވި ކޮވިޝީލްޑް ވެކްސިން ވިއްކުން ހުއްޓާލައިފި

ކޮވިޝީލް ވެކްސިން: އެ އުފައްދައި ވިއްކުން މިހާރު ވަނީ ހުއްޓައިލާފައި -- ފޮޓޯ: ރޮއިޓާސް

ކޮވިޑް19 އިން ރައްކާތެރިވާން ބޭނުންކުރާ ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދި އެސްޓްރަޒެނެކާ ކުންފުނިން އެއްބަސްވުމަށް ފަހު، އެ ވެކްސިން އުފައްދައި ވިއްކުން ހުއްޓާލައިފިއެވެ.

އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެންނެވެ. އެ ވެކްސިން ރާއްޖޭގެ ގިނަ ބައެއްގެ ގަޔަށް ވެސް ޖެހިއެވެ.

އެސްޓްރާޒެނިކާއިން އެ ވެކްސިން ބޭނުންކުރުމުން ލޭ ގަނޑުވާ ކަމަށް އެއްބަސްވެފައިވަނީ ލަންޑަންގެ ހައިކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅި ހުށަހެޅުމެއްގައެވެ. އެއާ އެކު އެ ވެކްސިންގެ ސަބަބުން ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް (ޓީޓީއެސް) ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓީޓީއެސްއަކީ ލޭގަނޑުވުން (ތްރޮމްބޮސިސް)ގެ ހާލަތެވެ.

އެހެންވެ، ވެކްސިން މާކެޓުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދޫކޮށްފައި އޮތް ހުއްދަ ބާތިލުކުރަން އެދި ހުށަހެޅީ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ހުށަހެޅުމާ އެއްގޮތަށް އެ ވެކްސިން މާކެޓުކުރުމުގެ ހުއްދަ ބާތިލުކޮށްފައިވަނީ އިއްޔެއެވެ.

ކޮވިޑް ތެރޭގައި 2021 ވަނަ އަހަރު ދޫކޮށްފައި އޮތް އެ ހުއްދަ ގެންދިޔައީ ވެކްސިން "ގިނަކަމުން" ކަމަށް ކުންފުނިން ރަސްމީކޮށް ބުނެފައިވެވެ. އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ ވެކްސިނުން އާމްދަނީ ނުލިބޭ ކަމަށެވެ.

މިހާރު ކޮވިޝީލްޑް ވެކްސިން އުފައްދައި ވިއްކުން ވަނީ ހުއްޓާލައިފައެވެ.

ލޭގަނޑުވާން މެދުވެރިވަނީ ލޭހޮޅިއެއްގެ ތެރޭގައި ލޭ ގަނޑުވެ ލޭ ދައުރުވުމަށް ހުރަސް އެޅުމުންނެވެ. އެ ކުންފުނިން ވަނީ ބައެއް ހާލަތްތަކުގައި އެ ވެކްސިން ޖެހުމުން ހަށިގަނޑުގައި ލޭގެ ޕްލެޓްލެޓް ދަށްވެފައި ލޭ ގަނޑުވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

ޓީޓީއެސްގެ އަލާމާތްތައް ވަރަށް ސީރިއަސް ވެސް ވެދާނެއެވެ. ދިގުދެމިގެންދާ ބޮލުގައި ރިހުން، ލޮލުގެ ފެނުން ނުސާފުވުން، ނޭވާ ކުރުވުން، މެއަށް ތަދުއެރުން، ފައި ދުޅަވުން، ނުވަތަ މެދުނުކެނޑި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ.

އިނގިރޭސިވިލާތުގައި 51 މީހަކު ވަނީ ކޮވިޝީލްޑް ޖަހައިގެން ލޭ ގަނޑުވި ކަމަށް ބުނެ އެސްޓްރާޒެނެކާއާ ދެކޮޅަށް ބަދަލު ހޯދަން ދައުވާ ވެސް ކޮށްފައެވެ. އެގޮތުން، 100 މިލިޔަން ޕައުންޑު (ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) ހޯދުމަށް އެ މީހުން ވަނީ ދައުވާކޮށްފައެވެ.

މި ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކައިގެން އެ ކުންފުނިން ވަނީ އެތައް މިލިޔަން ޑޮލަރެއް ހޯދާފައެވެ. އެގޮތުން، 150 ގައުމަކަށް މި ވެކްސިން ވިއްކާފައިވެއެވެ.

comment ކޮމެންޓް