300 ކްރޫން ސަލާންބުނުމުން އެއާއިންޑިއާގެ 86 ފްލައިޓް ކެންސަލް ކޮށްފި

އެއާއިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް--

އެއާއިންޑިއާ އެކްސްޕްރެސްގެ 300 ކްރޫން ކުއްލިއަކަށް ސަލާންބުނުމުން 86 ފްލައިޓެއްގެ ދަތުރުތައް ކެންސަލްކުރަން ޖެހިއްޖެއެވެ.

އިންޑިއާގެ ޓާޓާ ގްރޫޕުން އޮޕަރޭޓްކުރާ އެއާ އިންޑިއާ އެއާލައިންގެ ސަބްސިޑިއަރީ ކުންފުނި އެއާއިންޑިއާ އެކްސްޕްރެސްގެ 86 ފްލައިޓެއް މިއަދު ކެންސަލްކުރަންޖެހުނީ ފަހުވަގުތު އެ އެއާލައިންގެ 300 ކްރޫ މެމްބަރުން ބަލިކަމަށް ސަލާމް ފޮނުވާފައި ފޯންތައް ނިއްވާލުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތައް ވެސް ކެންސަލްކުރަން ޖެހުނެވެ.

ފަހު ވަގުތުގެ މި ކެންސަލޭޝަނާ ގުޅިގެން ފަސިންޖަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެއާލައިންގެ މެނޭޖްމަންޓުން ބުނަނީ މިއީ އިޙްތިޖާޖެއްކަމަށް އަދި ނުދެކޭ ކަމަށާއި ކްރޫންނާ ގުޅޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގުޅުނުހާ އަވަހަކަށް ސަބަބު ދެނެގަނެވޭނެކަމަށް ވެސް ބުންޏެވެ.

ފްލައިޓްތައް ކެންސަލްކުރަންޖެހުމާ ގުޅިގެން ރިފަންޑް ދޭނެ ކަމަށާއި ދަތުރު ހިލޭ އެހެން ތާރީޚަކަށް ބަދަލުކޮށްދޭނެކަމަށް ވެސް އެއާލައިނުން ފަސިންޖަރުންނަށް ދަނީ އަންގަމުންނެވެ.

މަޢުލޫމާތު ލިބޭގޮތުގައި ކްރޫން މި އިޙްތިޖާޖު ކުރަނީ ޓާޓާ ގްރޫޕުން އެއާއިންޑިއާ އާ ޙަވާލުވުމަށްފަހު މުވައްޒަފުންނާ މެދު ހަމަހަމަކޮށް ނުހިތުމާއި ބައެއް ދުވަސްވީ މުވައްޒަފުންގެ މަގާމު ދަށްކުރުމާއި ވަޒީފާއިން ވަކިވާއިރު ދޭ ޕެކޭޖްތައް ދަށްކޮށް ބައެއް މުވައްޒަފުންނަށް އެއްވެސް އެއްޗެއް ނުލިބޭގޮތަށް ވަޒީފާއިން ވަކިކުރާތީއެވެ.

އެއާއިންޑިއާ އެކްސްޕްރެސް މި ވަގުތު ދަނީ ކުރިން އެއާ އޭޝިއާ އިންޑިއާއިން ހިންގި ކުންފުނި އޭއައިއެކްސް ކަނެކްޓް އާ ގުޅުވާލުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓާޓާ ގްރޫޕްގެ އެއާލައިން ވިސްޓާރާގެ ޕައިލެޓުންގެ އިޙްތިޖާޖަކާ ގުޅިގެން މީގެ މަހެއްހާ ދުވަސްކުރިން ވިސްޓާރާގެ ފްލައިޓްތައް ވެސް ކެންސަލްކުރަންޖެހިފައިވެއެވެ.

comment ކޮމެންޓް