އިސްލާމީ ދަޢުވަތު ޢަރަބި ޤަބީލާތަކަށް

ހަރަމްފުޅުގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ -- ރޮއިޓަސް

ކައުސާހިބާ ސައްލަﷲއަލައިހިވަސައްލަމަ ޠާއިފުގެ ދަތުރުފުޅަށްފަހު މައްކާއަށް އެނބުރިވަޑައިގެންނެވުމަކީ އެމާތް ސާހިބާ މައްކާގައި ހިންގަވަމުން ގެންދެވި އިންޤިލާބީ އިސްލާމީ ތަހްރީކު ކުރިޔަށް ގެންދެވުމަށް ލިބިވަޑައިގެންނެވި އައު ފުރުސަތެކެވެ. އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ޠާއިފުގައި ހުންނެވިއިރުވެސް އެމާތް ސާހިބާގެ މިތުރު ސަހާބީން އެބޭކަލުންގެ ދަޢުވަތުގެ މަސައްކަތްޕުޅު ކުރިޔަށް ގެންދެވިއެވެ. މައްކާގެ އޭރުގެ މަސްރަހު އޮތްގޮތަށް ރިޢާޔަތް ކުރައްވައި އެބޭކަލުންގެ ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ ތަންކޮޅެއް ނިވާކޮށެވެ.

ޝައްކެއްވެސްނެތެވެ. ކޮމާންޑަރަކުނެތް ލަޝްކަރެއްވެސް ޤާއިދަކުނެތް އިންޤިލާބީ ހަރަކާތެއްވެސް މިސުރާބުން ކަސިޔާރުވުމަކީ ދާދިގާތުގައި އޮންނަކަމެކެވެ. އެހެންކަމުން ޞަޙާބީން ތިއްބެވީ ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޤިޔާދަތަށް ވަރަށްބޮޑަށް ބޭނުންފުޅުވެފައެވެ. އެމާތް ސާހިބާގެ އިރުޝާދާއި މަޝްވަރާއަށް ނިހާޔަތަށް މުހުތާދުވެވަޑައިގެންފައެވެ.

އާތާރީޚުތައް އުފައްދަވާ އިންޤިލާބީ ޝަޚްސިއްޔަތުންނަކީ ކުރިމަތިވާ މުޞީބަތްތަކާއި ނާކާމިޔާބީތަކުގެ ސަބަބުން ހިތްވަރު އެލުވައިލައްވާބައެއްނޫނެވެ. ފަހަތަށް ޖެހިވަޑައިގަންނަވާ ބައެއްނޫނެވެ. އަދި ކީއްތޯއެވެ. ކުރިމަތިވާ ހުރަސްތައް އުސްވެފައި ފުޅާވި ވަރަކަށް އެފަދަ ފަރާތްޕުޅުތަކުގެ ހިތްވަރުފުޅާއި ފަންވަރުފުޅުވަނީ ގަދައެވެ. ޢަޒުމުފުޅުވަނީ ވަރުގަދައެވެ. ސާބިތުކަންވަނީ އިތުރެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ޠާއިފުގެ ދަތުރުފުޅުގައި ކުރިމަތިލައްވާންޖެހިވަޑައިގެންނެވި މުޞީބަތްތަކާއި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބުން އެމާތް ސާހިބާގެ ހިތްވަރުފުޅުވެސް ވަކީން ގަދަވިއެވެ. އަމިއްލަފުޅު ނަފުސުގެ އިތުބާރު ސައްތައިންސައްތަ އިތުރުވިއެވެ. އާފޯރިޔަކާއި އިތުރުޖޯޝަކާއެކު އެމާތްސާހިބާގެ ދައުވަތުގެ މަސައްކަތްޕުޅުގައި ކުރިޔަށްވަޑައިގެންނެވިއެވެ. ނަމަވެސް އެހައިތަނުން ފެށިގެން މައްކާގެ މައިދާނަށް ޚާއްޞަ ކުރެއްވީ ޞަޙާބީންނެވެ. އިތުރު ސާހިބާ އެންމެ ބޮޑަށް ސަމާލުކަން ދެއްވީ ޢަރަބިޤަބީލާތަކަށް ދީނުގެ ދައުވަތު ރައްދުކުރެއްވުމަށެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ޠާއިފުން އެނބުރިމައްކާއަށް ފައިންޕުޅުބީއްސެވީ ނަބީކަމުގެ ދިހަވަނަ އަހަރުގެ ޛުލްޤައިދާ މަހުގައެވެ. ( މީލާދީން 619 ވަނަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައެވެ. ) އޭރު ޙައްޖު މޫސުން އޮތީ ވަރަށް ކައިރިވެފައެވެ. ޢަރަބިކަރައިގެ ކަންކޮޅުތަކުން ޙައްޖާޖީންވަނީ މައްކާއަށް އަންނާން ފަށައިފައެވެ. އެހެންކަމުން ނަބީކަމުގެ ހަތަރުވަނަ އަހަރުން ފެށިގެން ކައުސާހިބާގެ އާދަފުޅެއްކަމުގައި ހައްދަވައިފައިވާ ފަދައިން ޤަބީލާތަކުގެ މީހުންގެގާތަށް ވަޑައިގެން އެޤަބީލާތަކަށް ދީނުގެދައުވަތު ދެއްވަމުން ގެންދެވިއެވެ. އިތުރު ސާހިބާގެ މިނިންމެވުމަށްފަހު އެމާތް ސާހިބާ ސީދާދައުވަތު ދެއްވި ޢަރަބި ޤަބީލާތަކުގެ ގޮތުގައި މުއައްރިޚުން ފާހަގަކުރައްވަނީ ބަނޫޢާމިރު، މުޙާރިބު، ފަޒާރާ، ޣައްސާން، މުއްރާ، ހުނައިފާ، ސުލައިމު، ބަނޫނަޟަރު، ކިންދާ، ކުލަބު، ޙާރިޘު ބިންކައުބު، ޢަޒުރަހު، ޙަޟާރިމާ މިޤަބީލާތަކެވެ. ނަމަވެސް ސީރަތުގެ ބައެއް އެދުރުން ވިދާޅުވާގޮތުގައި މީގެ ތެރެއިން ބައެއް ޤަބީލާތަކަކީ ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ނަބީކަމުގެ ހަތަރުވަނައަހަރުން ފެށިގެން އެކިފަހަރުމަތިން ދީނުގެ ދައުވަތު ދެއްވި ޤަބީލާތަކެވެ. ކޮންމެއަކަސް ހިޖްރައިގެ ކުރީން އެންމެފަހަށް އައި ހައްޖުމޫސުމާ ހަމަޔަށްވެސް ކައުސާހިބާ އަރަބި ޤަބީލާތަކަށް ދީނުގެދައުވަތުދެއްވިއެވެ.

އިސްލާމްދީނުގެ ދުޝްމިނު އަބޫލަހަބު ހިޔަންޏެއް ފަދައިންހުންނަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހަތްޕުޅުން އަޅައިގެންފައެވެ. އިތުރުސާހިބާ ފައިންޕުޅު ބީއްސަވާ ކޮންމެ ތަނަކަށް އޭނާ ފަހަތްޕުޅުން ދެއެވެ. އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ޤުރްއާންކިޔަވައި ވިދާޅުވާން ފައްޓަވާއިރަށް އޭނާ އެކަމަށް ހުރަސް އަޅައެވެ. މީސްތަކުން ކީރިތި ޤުރްއާނުގެ އަޑުއެހިޔަ ނުދިނުމަށްޓަކައެވެ. އިތުރުސާހިބާ ވާހަކަފުޅެއް ދައްކަވާން ފައްޓަވާއިރަށް ޢަބޫލަހަބުއާއި އޭނާގެ އެކުވެރިން ހަޅޭއްފަޅޭއް ލަވައި އެއްވެސްމީހަކަށް އެވާހަކަފުޅު އަޑުއިވުނަކަ ނުދެއެވެ. އޭގެ އިތުރަށް ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އާ ބެހޭގޮތުން ނުހަނު ވިހަބަސްތައް މީހުންނަށް އިއްވަމުން ގެންދެއެވެ. "މިއީ އަހަރެމެންގެ މޮޔަ ކުއްޖެކެވެ. މީނާގެ ވާހަކަ އަޑުނާހާށެވެ. މީނާއަކީ މުރުތައްދުވެ ދީނުންބޭރުވެފައިހުރިމީހެކެވެ." މިފަދަ އެތައް ވާހަކަތަކެއް ދައްކަމުންގެންދެއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަގެ ފޮނި ރީތި ފުރިހަމަ ވާހަކަ ދެއްކެވުންތެރިކަމުގެ އަސަރު މީސްތަކުންގެ ހިތްތަކަށް ފޯރިޔަނުދިނުމަށްޓަކައެވެ. މާތްﷲގެ ކަލާމްފުޅުގެ ބުއްދިތައް އަންތަރީސްކޮށްލާފަދަ ބަލާޣަތާއި ޙައްޤުފާޅުކުރެއްވުމުގެ ޖާދޫއިން މީހުންގެ ސިކުނޑިތައް ފަތަޙަވިޔަ ނުދިނުމަށްޓަކައެވެ.

ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމަގެ މުހިންމަތަކީ އިންސާނިއްޔަތަށްޓަކައި ލާބައާއިމަންފާއާއި ހެޔޮކަމުގެ މުހިންމަތެކެވެ. އިތުރުސާހިބާގެ މުހިންމަތުގެ މަޤްސަދަކީ އިންސާނުންނާއި އެބައިމީހުންގެވެރި ރަސްކަލާނގެ ރަސްކަންފުޅާގުޅުވައިދެއްވުމެވެ. އިންސާނުން އެބައިމީހުންގެ ޙަޤީޤީ އިލާހަށް ލޮބުވަތައި ކިޔަމަންކުރެއްވުމެވެ. އަބޫލަހަބުގެ މުހިންމަތަކީ ނުބައިކަމުގެ ފަރާތަށް އިންސާނުން ގެންދިޔުމެވެ. ފަސާދަކުރުމެވެ. އިންސާނުން އެބައިމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ރަސްކަންފުޅާ ދުރުކުރުވުމެވެ.

ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަމާ ގުޅިފައިވާ ފަދައިން ޝައިޠާނާވެސް ހުންނަނީ އިންސާނާއާ އަބަދުވެސް އަވަލައިފައެވެ. ފަހަތުގައި ޖައްސައިލައިފައެވެ. އިންސާނީ ތާރީޚުން އެނގޭފަދައިން އިންސާނެއްގެ ދަރަޖަމަތިވެރިވި ވަރަކަށް އެމީހަކާ އަޅައިގަނެގެން އުޅޭ ޝައިތާނާވެސް ވަރުގަދައެވެ. ޝައިޠާނާގެ މަސައްކަތް ވަރުގަދަވީވަރަކަށް ރައްބާނީ އިންސާނުންގެ ޠަބީޢީ ޤާބިލިއްޔަތު ދަނީ އިތުރުވަމުންނެވެ. އެބައިމީހުންގެ ހަކަތައާއި ބުންވަރު ދަނީގަދަވަމުންނެވެ. އަބޫލަހަބަކީވެސް ޤުރައިޝުވަންހައިގެ ނުފޫޒުހުރި ގަދަފަދަ ޝައިޠާނެކެވެ. ޝައިޠާނިއްޔަތުގައި އަރައިހުރި ޝައިތާނެކެވެ. އޭނާ އެންމެ އުފާވާކަމަކީ އިތުރުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އިންސާނިއްޔަތުގެ ހެވަތަޔަށްޓަކައި ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅުމެވެ. އަބޫލަހަބު ދެކޭގޮތުގައި އޭނާގެ ހަލާކުހުރި މަސައްކަތަކީ އޭނާގެ ކާމިޔާބީއެވެ. ނަމަވެސް ތާރީޚު ހެކިވާފަދައިން އިންސާނިއްޔަތާއި ޙައްޤު ގެ ދުޝްމިނު އަބޫލަހަބު މަރުވެފައިވަނީ މުރާދު ހާސިލުނުވެއެވެ. ނާކާމިޔާބުވެގެން ނެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ އިންސާނިއްޔަތުގެ ލާބައަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގައި ޤަބީލާތަކަށް ދީނަށް ގޮވައިލެއްވުމުގައިވެސް ކުރިލައްވަން ޖެހިވަޑައިގަތީ ވަރަށް އިދީ މޫސުންތަކަކާއެވެ. ނަމަވެސް އިތުރުސާހިބާ ނުހަނު ސާބިތުކަމާއެކު ކުރިޔަށް ވަޑައިގެންނެވިއެވެ. އެދުވަސްވަރުގެ މަހާސަމާ ތަކަށާއި ޢުކާޒާއި، ޛުލްމަޖާޒުފަދަ ބާޒާރުތަކަށް ވަޑައިގެންނެވިއެވެ. އިސްލާމީތަހްރީކުގައި ބައިވެރިވުމަށް މީސްތަކުންނަށް ދައުވަތު ދެއްވަމުންގެންދެވިއެވެ. ހައްޖު މޫސުމުގައި މައްކާގެ ބޭރުންނާއި މިނާއިން ހައްޖުވެރިންނާ ބައްދަލުކުރައްވައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެ ދެއްވައެވެ. އިސްލާމީ ދައުވަތަށް އިޖާބަދޭ މީހުންނަށް ދުނިޔެމަތީންވެސް އިލާހީ މަތިވެރި ނަސީބު ލިބޭނެކަމުގެ ހެޔޮ ޚަބަރު ދެއްވައެވެ. ސަލާމަތްތެރި، އަމާން، ތަނަވަސް ދިރިއުޅުމެއް ލިބޭނެވާހަކަ ވިދާޅުވެދެއްވައެވެ. އާރާއިބާރުހުރި ރަސްކަމަކާއި ދުނިޔޭގެ ޤައުމުތަކުގެ ޤިޔާދަތު ލިބޭނެކަމުގެ އުފާވެރި ޚަބަރުދެއްވައެވެ.

(ނުނިމޭ)

comment ކޮމެންޓް