އަހަރެން ފިކުރާވި އިސްލާމްދީން: އިސްލާމްދީން ފެތުރުމާއިކަނޑި

ފޮޓޯ: އޭޕީ

ތަރުޖަމާކުރީ: އަބްދުﷲ ފާރޫޤް ޙަސަން

އަޅުގަނޑު ލިޔަމުން މިގެންދާ ސިލްސިލާޔަށް އިޢުތިރާޟު ކުރައްވާ ފަރާތްތަކުން ކުރައްވާ އެއްސުވާލަކީ އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައެއްނޫންހެއްޔެވެ؟ އެދީނުގެ ޒާތީ ފުރިހަމަކަމުގެ ސަބަބަކުން ނޫނެއްނޫންހެއްޔެވެ؟ މިސުވާލެވެ.

ޝައްކެއްނެތެވެ. އިސްލާމްދީން ފެތުރުނީ ކަނޑީގެބާރުގައޭ ބުނާމީހުން އެބުނާ ބުނުމަކީ އެއްވެސް އަސްލެއްނެތް ހަމައެކަނި ދައުވާއެކެވެ. އެދައުވާ ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ދަލީލެއްނެތެވެ. ކަމުގެ ޙަގީޤަތަށް ބަލާއިރު ދީންފެތުރުމުގައި އެއްވެސްކަހަލަ މަޖްބޫރުކަމެއް ބޭނުން ނުކުރުމަށް ޚުދު ކީރިތި ޤުރުއާނުގައިވަނީ ސަރީޙު ބަސްފުޅުން އަމުރުކުރައްވައިފައެވެ.

އިސްލާމްދީނަށް އިއުތިރާޟުކުރާ ފަރާތްތަކުން ދުނިޔޭގެ ތާރީޚްގެ މައްޗަކުން ހަނދާނެއް ނުހުރެއެވެ. އެމީހުން އަނގަހުޅުވަނީ އެއްވެސް ހެއްކެއްނެތް އިލްޒާމުތަކެއް އިސްލާމްދީނަށް ނިސްބަތްކުރުމަށެވެ. އަނެއްކޮޅުން ދުނިޔޭގެ ތާރީޚަށް ނަޒަރުހިންގާއިރު ވަރަށް ގިނަ ދައުލަތްތަކުން ވަނީ ބާރުގެބޭނުންކޮށްގެން އެދައުލަތްތަކުގެ ދީނާއި މަޒްހަބު ފަތުރައިފައެވެ. އަޅުގަނޑުމެން މާދުރަށް ދާންވީ ކީއްކުރަންތޯއެވެ. އަޅުގަނޑުމެން ޚުދު ހިންދުސްތާނުގެ ތާރީޚުނަގަމާ ހިންގަވާށެވެ.

މިތާނގައި ބުދުދީން ފެތުރުނީ އަޝޯކާއި ހަރިޝަންގެ ސަރުކާރުގެ ބާރުގައެވެ. ސަމްނަރު މަޒުހަބުގެ ތާރީޚުވެސް އޮތީ ހަމައެގޮތަށެވެ. އިންޑިޔާގެ ހުރިހާ ރާޖާއިންނާއި މަހާރާޖާއިން ސަމްނަރ މަޒްހަބު ޤބޫލުކުރެއްވި ދުވަސްވަރެއް ވެސްދިޔައެވެ. އެދުވަސްވަރު އިންޑިޔާއަށް ފެތުރިފައިއޮތީ އެދީނެވެ. އެމަޒުހަބެވެ. އެއަށްފަހު އައީ ވެދަކު ދަރަމް ( ހިންދޫ މަޒުހަބު) ގެދައުރެވެ. ހިންދީންވެރިކަމުގެ ބާރުގައި އެހެނިހެންދީންތަކުގެ މީހުންތައް ހުސްކޮށްލިއެވެ. މިކަމުގައި އެތައްބަޔަކުވަނީ ދަންޖައްސައި މަރައިފައެވެ. މިއީ އިންޑިޔަން ސަބްކޮންޓިނެންޓު ހިންދީ ދީނުގެ ޤައުމަކަށް ހެދިގޮތެވެ. މީގެއިތުރަށް އިންޑިޔާގެވެރީންވަނީ އެހެނިހެން ޤައުމުތަކަށް ސިފައިން ފޮނުއްވައިގެންވެސް ހިންދީ ދީންފަތުރައްވައިފައެވެ. ކޮމްބޯޑިޔާފަދަ ޤައުމުތަކަކީ އޭގެ މިސާލުތަކެވެ. ހަމައެފަދައިން ކުރިސްޓިޔަން ދައުލަތްތަކުން އެހެނިހެން ޤައުމުތައް ފަތަހަކުރުމަށްފަހު އެތަންތާނގައި ދީންފަތުރަން ވަނީ މަސައްކަތް ކޮށްފައެވެ.

ކަންމިހެންހުރުމާއެކު މުސްލިމުންގެ ބައެއް ރަސްރަސްކަލުން އިސްލާމްދީން ފަތުރުއްވަން އެބޭފުޅުންގެ އަމިއްލަފުޅު ހައިޘިއްޔަތު ބޭނުން ކުރެއްވިކަން ސާބިތުވިކަމުގައިވިޔަސް އެއީ ބަޔަކު އަންތަރީސްވާފަދަ އައުކަމެއް ނޫނެވެ. އެކަމެއްގެ އެވާހަކަ ފަތުރައިގެން އިސްލާމްދީން ބަދުނާމުކުރެވޭތޯ މަސައްކަތްކުރާފަދަ ކުށެއްނޫނެވެ. އެހެނީ މުސްލިމުއެއްވެސް ވެރިޔަކު ދީންފަތުރުއްވަން އެއްވެސްކަހަލަ މަޖްބޫރީއެއް ބޭނުންކުރެއްވިކަމެއް ތާރީޚުން ސާބިތުވާކަށެއްނެތެވެ. ހަމައެފަދައިން އެބޭފުޅުންގެ ރަސްމީ ހައިޘިއްޔަތު ބޭނުންކުރައްވައިފައެއްވެސްނެތެވެ.

ޙައިރާންވެ އަންތަރީސްވާފަދަ ކަމެކެވެ. މިފަދަ އިލްމީ ޒަމާނެއްގައިވެސް އިސްލާމްދީންފެތުރުނީ ކަނޑީގެ ބާރުގައެވެ. ކިޔައިފައި ބައެއްމީހުން އެބައަޑުއަރުވައެވެ. އަޖައިބުވާން ޖެހެނީ މިވާހަކަ ދައްކާ މީހުންގެ ތެރޭގައި ރޯމާދުވާލު ބަޑީގެބާރުގައި ތިމާމެންގެ އުސޫލުތަކާއި ނަޒަރިއްޔާތައް ފަތުރާން މަސައްކަތްކުރާ ބާރުހުރިފަރާތްތައްވެސްހިމެނޭކަމެކެވެ. އެމީހުންގެ މަސައްކަތަށް އެއްވެސް މީހަކު ހެޔޮބަހެއް ބުނެނުލާއިރުވެސް، އެމީހުންގެ ލޯތައް ތިމާގެ އަމިއްލަ އަތާދިމާޔަކަށް ނުހުއްޓެއެވެ.

(މިޒަމާނަކީ ދީންފެތުރުމުގައި ބާރުގެ ބޭނުންކުރުމުގެ ސުވާލެއްވެސް އުފެދޭ ދުވަސްވަރެއް ނޫނެވެ. މިޒަމާނަކީ ފިކުރާއި ޚިޔާލުގައި ސާބިތުވެހުރުމާއި އެހެންމީހުންނާހަމަޔަށް އެކަންކަން ގެންގޮސްދިނުމަކީ ކޮންމެ މީހެއްގެވެސް އަސާސީ ޙައްޤެއްކަމުގައި ޤަބޫލުކުރެވިފައިވާ ޒަމާނެވެ. އެކަމަކު މިޒަމާނުގައިވެސް އަލުން އިސްލާމްވާ މީހުންގެ އަދަދު ތަންކޮޅެއްވެސް މަދެއް ނުވެއެވެ. އަދި ކީއްތޯއެވެ. ހައްތާވެސް ވަނީ ގިނައެވެ. މުސްލިމުންނަށް ވެރިކަމުގެ އެއްވެސް ބާރެއް ލިބިފައިނުވާ ޔޫރަޕާއި އެމެރިކާގައި ވެސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރޭ ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީން ފެތުރެމުންދާ ހަލުވިމިނާއި، އިސްލާމްވާ މީހުންގެ އަދަދަށް ބަލާއިރު އިސްލާމީތާރީޚްގެ އެއްވަނަ ސައްތަފިޔަވައި މިޒަމާނުގައި މިފެތުރޭ ވަރަކަށް އިސްލާމްދީން ފެތުރިފައެއް ނުވެއެވެ.

އިސްލާމްދީނަކީ އެދީނުގެ މިޒާޖަށް ބަލާއިރުވެސް ބައިނަލް އަޤްވާމީ ދީނެއްކަމުގައިވާ ފަދައިން އިސްލާމްދީން މިހާރުވަނީ އަމަލީގޮތުންވެސް ބައިނަލްއަޤުވާމީ ދީނަކަށްވެފައެވެ. މިހާރު ދުނިޔޭގެ ކޮންމެ ކަންކޮޅަކަށް ނަޒަރުހިންގިކަމުގައި ވިޔަސް މުސްލިމުން އެބަތިއްބެވެ. އެތަނަކުން މައްކާ އާ ދިމާޔަށް ކުރިމަތިލައި ރުކޫޢުކޮށް ސަޖިދަކޮށް ނަހަދާ އެއްވެސް ކަންކޮޅެއް ދުނިޔެއަކު ނުވެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކަށް ވިސްނާއިރު ކޮންމެތަނެއްގައިވެސް ދެވަނަޔަށް އެންމެ ބައިގިނަ ދީނަކީ އިސްލާމްދީނެވެ. މީގެކުރިން ހަމައެކަނި އެންމެދީނެއް އޮތް ޤައުމުތަކަށްވެސް މިހާރުވަނީ އިސްލާމްދީން ވާސިލުވެފައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އޮސްޓްރިޔާ އާއި ބެލްޖިޔަމުފަދަތަންތަނެވެ. ސްޕޭންވެސް އަލުން އިސްލާމީ އައުފަތިހަކަށް އަލިވިލެމުންދަނީއެވެ. ހަމައެކަނި ޖަރުމަނަށް ބަލާއިރުވެސް ތިންހާހަށްވުރެ ގިނަ މިސްކިތް އެބަހުއްޓެވެ. ކޮންމެއަހަރަކުވެސް ޖަރުމަނުގެ އެތައްހާސް ބަޔަކު އިސްލާމްވެއެވެ. އައުމުސްލިމުންގެތެރޭގައި އެންމެގިނައީ އަންހެނުންނެވެ. ފަރަންސޭސިވިލާތާއި، އިނގިރޭސީވިލާތުގައިވެސް މިކަންއޮތީ މިގޮތަށެވެ. އެމެރިކާގެ ސިފައިންގެތެރޭގައިވަނީ އިމާމުންގެ ވަޒީފާ އުފައްދައިފައެވެ.)

އެތަންތާނގެ މީހުންގެ ހިތްތައް ފަތަޙަކުރުމުން އެގެންދަނީ ކޮންކަނޑިޔެއްގެބާރުގައިތޯއެވެ؟ ޝައްކެއްނެތް ގޮތުގައި އެއީ ދަނގަޑާއި އެކަތައިގެ ކަނޑިތަކެއް ނޫނެވެ. ޙައްގާއި ބާތިލު ވަކިކޮށް ގަތުމުގެ ކަނޑިއެވެ. މުޅިދުނިޔޭގައި ޙައްޤުގެ ދީން ފާޅުވަމުން އެދަނީ އެދީނުގެ އަމިއްލަ ދަގައްފާނީ ބާރުގައެވެ. އެބާރު މީސްތަކުންގެ ހިތްތައް ދަމައިގަންނަނީއެވެ. ސިކުނޑިތައް ފަތަހަ ކުރަމުން ގެންދަނީއެވެ.

ނޯޓް: ކޮންމެ ހޯމަ ދުވަހެއްގެ ސަންގައި އަޅުގަނޑު ޝާއިއުކުރަމުން އައި ސިލްސިލާ "އަހަރެން ފިކުރާވި އިސްލާމްދީން" ( އަޅުގަނޑުމެންގެ އައު މުސްލިމުއަޚް އަބްދުﷲ އަޑްޔާރުގެ - އިސްލާމް ޖިސްސޭ މުޖޭ ޢިޝްޤުހޭ) ގެ ތަރުޖަމާ މިހައިތަނުން ނިމުނީއެވެ.

އަޅުގަނޑަށް މިމަސައްކަތް ފަށައިގަނެވުނީވެސް ނިންމައިލެވުނީވެސް އަރަހުށި ހުސްތާހިރުވަންތަ މާތްﷲ ދެއްވި ހެޔޮތައުފީޤުގެބާރުގައެވެ. އެހެންކަމުން ފެށުމުގައިވެސް ނިމުމުގައިވެސް އެ މާތްޙަޟްރަތަށް ހަމްދާއި ޘަނާގެ ބަސްތަކާއިގެން ކުއްތަންވަމެވެ. އަޅުގަނޑުގެ މިއުނި މަސައްކަތަކީ އަޅުގަނޑުގެ ހެޔޮއަމަލެއްކަމުގައްޔާއި، ދެމިހުންނަނިވި ސަދަޤާއެއްކަމުގައި ލެއްވުންއެދި ދުއާކުރަމެވެ. ސަންގެ ކިޔުންތެރީން މިސިލްސިލާއާމެދު ބެހެއްޓެވި ޝައުޤުވެރިކަމަށްޓަކައި ވެސް ފަށްފަށުން ޝުކުރުވެރިވަމެވެ.

comment ކޮމެންޓް