ޠާއިފުގެ ދަތުރުފުޅު-2

.

މުޝްރިކުންގެ އަނިޔާވެރިކަމާއި، ކައުސާހިބާގެ ހިތްވަރުފުޅުގަދަކަމުގެ މިސާލެއް

އެމީހުންތައް ބައިބައިގަނޑަށް އައިސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަށައިލިއެވެ. އެބައިމީހުން އިތުރުސާހިބާއަށް ހުތުރު އެއްޗެހިގޮވިއެވެ. ހާރުވައި ފުރައްސާރަކޮށް މަލާމާތްކުރިއެވެ. މަގުގެދެފަރާތުގައި ދެސަފަށްތިބެ އިތުރުސާހިބާގެ ފައިންޕުޅަށް ހިލައުކަމުން ގެންދިޔައެވެ. އެމީހުންގެ ހިލަތައް އަމާޒުކުރަމުން ގެންދިޔައީ ލޮބުވެތި ސާހިބާގެ ފައިތިލަފުޅަށާއި، ތަނބިކަށިފުޅަށެވެ. ތަދުފުޅުބޮޑުވާނެ ގޮތުންނެވެ. ތަނބިކަށިފުޅާއި ފައިތިލަފުޅު ފާރުވެ އޮހޮރޭ ލޭފޮދުން ފައިވާންޖޯޑުކޮޅު ފޯވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލިބިވަޑައިގަންނަވާ ގަދަވޭނުގެ ސަބަބުން ވަރުބަލިފުޅުވެގެން އިށީނދެވަޑައިގެންފިނަމަ މީހުންތައް އައިސް ދެމުލައްދަނޑިފުޅުގައި ހިފައިނަގައިފައި މަލާމާތުގެ ގޮތުން ދަންނަވައެވެ. "ހަރުކޮށް ހިންގަވާށެވެ. ހަރުކޮށް ހިންގަވާށެވެ. އޭ ރަސޫލާއެވެ." އޭރު އެތައްބަޔަކު ވަނީ ކުޅިބަލާންވެސް އެއްވެފައެވެ. އެމީހުންތައް އަތްތިލަބަޑިތަޅައި ހަޅޭއްލަވަމުންގެންދިޔައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލިބިވަޑައިގަންނަވަމުން ދިޔަ އަނިޔާގެ ވޭނުގެ ސަބަބުން ހޭފުޅުނެތިގެން ވެއްޓި ވަޑައިގެންނެވިއެވެ. އެހިނދު އިތުރު ސާހިބާ ނަންގަވައި ކޮނޑުފުޅަށް ލައްވައިގެން ރަށްބޭރަށް ނުކުމެވަޑައިގެންނެވީ ޒައިދުބިން ޙާރިޘަތު ރަޟިޔަﷲއަންހުއެވެ. ކުރީންވެސް ދެންނެވިފަދައިން ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އެދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވީ ޒައިދު ބިން ހާރިޘަތު ރަޟިޔަﷲ އަންހު ގިނިކަންޏާއެވެ. އިތުރުސާހިބާގެ ހަށިކޮޅަށް އަރާން އަންނަ ހަމަލަތައް ދިފާޢުކުރެއްވުމުގައި ގަދަ އަޅުއްވައި އުޅުއްވުމުގެ ސަބަބުން ޒައިދުގެފާނުގެ އިސްތަށިފުޅަށާއި ހަށިކޮޅަށްވަނީ އެތައް އެތިފަހަރެއް އަރައިފައެވެ. އިސްތަށިފުޅުފެޅި ހަށިކޮޅުގެ އެތަންމިތަން ވަނީ ޒަޚަމުވެފައެވެ.

އެޖާހިލު އަނިޔާވެރީންގެ ރަހުމެއްނެތް ހިލަތަކުން އިތުރު ސާހިބާގެ ޠާހިރު ހަށިކޮޅު ޒަޚަމްވަމުންދިޔައިރު ހުތުރު ބަސްތަކުގެ ސަބަބުން ބަރަކާތްތެރި ހިތްޕުޅުވެސް ފާރުވެ ކުދިކުދިވަމުންދިޔައެވެ. އޭގެކުރީން ދުވަހަކުވެސް އެމާތް ހިތްޕުޅު ފާރުނުވާވަރަށެވެ. އެއަނިޔާވެރީންގެ ބައިބައިގަނޑު އިތުރުސާހިބާ ދޫކޮށްލައިފައި ދިޔައީ ޠާއިފާ ތިންމޭލު ދުރުގައި އޮތް މޭބިސްކަދުރު ބަގީޗާއަކަށް ވަދެވަޑައިގެންނެވުމުންނެވެ. އެބަގީޗާއަކީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކާބަފައިކަލުންކުރެ ޢަބްދުމަނާފުގެ ޢަބްދުޝަމްޝުގެ ރަބީއަތުގެ ދެދަރީންކަމުގައިވާ ޢުތުބާ އާއި ޝައިބާއާ ދެބޭންގެ ބަގީޗާއެކެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބަގީޗާގެ މޭބިސްކަދުރު ވެލެއްގެ ހިޔަލުގައި އިށީދެވަޑައިގެންނެވިއެވެ.

ކުރީންވެސް ދެންނެވި ފަދައިން އިތުރުސާހިބާގެ ހަށިކޮޅާއި ހިތްޕުޅުވަނީ ތޮރުފި ޅިޔައެޅިފައެވެ. ޠާއިފުގެ އަނިޔާވެރީންގެ ހިލަތަކާއި، ހުތުރުބަސްތަކުގެ ވިހަ ތީރުތަކުންނެވެ. އިތުރުސާހިބާ ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅުގައި ޖެހިވަޑައިގެންފައެވެ. އެމާތްސާހިބާ ދުނިޔެއަށް ގެންނަވާން މަސައްކަތްޕުޅު ކުރައްވަމުންގެންދެވި ހެޔޮކަމުގެ އިންޤިލާބުގެ ކުރިބެދުނު ފަދައެވެ. ނަމަވެސް އެމާތް ސާހިބާ ހުންނެވީ މިންވަރުފުޅާމެދު ފިސާރި ރުހިވަޑައިގެންނެވެ. އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމުގެ ބުރަ މަސައްކަތްޕުޅު އެމާތްސާހިބާއާ މަތިކުރެއްވި ޒާތުފުޅާމެދު ފުރިހަމަ ޔަޤީންކަމާއި އުންމީދުގައެވެ. އެމާތް ސާހިބާގެ ވެރިރަސްކަނލާގެ ރަސްކަންފުޅަށް ތަވައްކުލު ކުރައްވައިގެންނެވެ. ނަމަވެސް ލޯބިވެރިކަމުގެ ދާއިރާއަކީ ޝަކުވާކުރުންވެސް އޮންނަ ދާއިރާއެކެވެ. އިތުރު ސާހިބާ އެހާލުކޮޅުގައި އެމާތްސާހިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ޝަކުވާ ބަރުތީލަ ކުރެއްވިއެވެ. ލޯތްބާއި އަޅުވެތިކަމުގެ އިހްސާސު ތަރުޖަމާކުރެވޭ ބަސްފުޅުތަކުންނެވެ. މަދަހައާއި ޘަނާގެ އިބާރަތުންނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުއާފުޅު ކުރެއްވީ އަންނަނިވި މޭރުމުންނެވެ.

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ އާރެއްބާރެއް ނެތްކަމާމެދު އިބަރަސްކަލާނގެ ޙަޟުރަތުގައި ޝަކުވާދަންނަވަމެވެ. މިއަޅާގެ އެހީތެރީން މަދުކަމާއި މީސްތަކުންގެ މައްޗަށް ބާރު ނުހިންގޭކަމާމެދުގައެވެ. އޭ އެންމެއޯގާވަންތަ ރަހްމާނުވަންތަ ރަޙީމުވަންތަ ރަސްކަލާކޯއެވެ! މިއަޅާގެ މައްޗަށް އެންމެއޯގާވަންތައީ އިބަރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ ނިކަމެތީންނާއި އާރެއްބާރެއްނެތް މީހުންގެ ފަރިޔާދުތައް އައްސަވައި ވޮޑިގެންވާ ރަސްކަނލާގެއެވެ. މިއަޅާގެ ސާހިބުވަންތަ ރަސްކަނލާގެއެވެ. އިބަރަސްކަލާނގެ މިއަޅާ ހަވާލުކުރައްވާނީ ކޮންބަޔަކާތޯއެވެ. މިއަޅާގެ މުހިންމަތު ކުރިޔަށް ގެންދިޔަނުދޭން ފައިވިއްދައިފައިތިބި ކިބުރުވެރި އަނިޔާވެރި ދުޝްމިނުންނާތޯއެވެ.

ކޮންމެއަކަސް މިކަމުގައި އިބަރަސްކަލާނގެ ރުހިވޮޑިނުގަތުމެއް ނުވާހައިހިނދަކު މިއަޅާގެ ފަރުވާލެއްނެތެވެ. އިބަރަސްކަލާނގެ އިނާޔަތާއި، އޯގާވަންތަކަން މިއަޅާގެ މައްޗަށް ތަނަވަސްވެގެންވެއެވެ. މިއަޅާ އެދެނީ އިބަރަސްކަލާނގެ ޒާތުފުޅުގެ ނޫރުފުޅުގެ ރައްކާތެރިކަމާއި ހިމާޔަތެވެ. އެނޫރުފުޅަކީ އަނދިރިކަން އަލިކަމަށް ބަދަލުކޮށްލައްވާ ނޫރުފުޅެވެ. ދުނިޔެއާއި އާޚިރަތުގެ ހުރިހައިކަމެއް ފުރިހަމަވެ އާރާސްތުވެ ޒީނަތްތެރިވަނީ އެނޫރުފުޅުގެ ޒަރީއާއިންނެވެ. އިބަރަސްކަލާނގެ ކޯފާއާއި ރުހިވޮޑިނުގަތުމުން މިއަޅާ ރައްކާތެރި ކޮށްދެއްވުންއެދެމެވެ. ހެޔޮއަމަލުކުރުމާއި، ނުބައިކަންތައްތަކުން ރައްކާތެރި ވުމަށް މިއަޅާއަށް ބާރުލިބެނީ އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."

އެބަގީޗާގެ ވެރީންކަމުގައިވާ ޢުތުބާއާއި ޝައިބާގެ ހިތުގައި އިތުރުސާހިބާގެ މައްޗަށް ކުލުނާއި ސަހަރޯވެރިކަން އުފެދުނެވެ. އެދެމީހުން އެމީހުންގެ ނަޞާރާ ޚާދިމު އައްދާސަށް ގޮވައިގެނެސް ތައްޓަކަށް މޭބިސްކަދުރު ކޯނިތަކެއް ލައިފައި އަރިހަށް ފޮނުވިއެވެ.ޢައްދާސް އިތުރުސާހިބާގެ އަތްފުޅަށް ތަށިކޮޅު އަރުވައިފައި ކުރިފުޅުމަތީގައި އިށީދެއްޖެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބިސްމިވިދާޅުވެފައި ފަރީއްކުޅުވާންފެއްޓެވިއެވެ. އެވަގުތު ޢައްދާސު ދެންނެވިއެވެ. " ކަލާނގެ ރަސްކަންފުޅު ގަންދީދަންނަވަމެވެ. ތިޔަވިދާޅުވީ މިކަރައިގެ މީހުން މީގެކުރީން ކިޔައިއުޅޭ އެއްޗެއްނޫނެވެ."

އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. "ކަލޭގެޔަކީ ކޮންރަށެއްގެ މީހަކީމުހެއްޔެވެ؟ ކަލޭގެދީނަކީ ކޮބައިހެއްޔެވެ؟ "އައްދާސު ޖަވާބުއެރުވިއެވެ. "އަޅުގަނޑަކީ ނަޞާރާއަކީމެވެ. ނައިނަވާގެ މީހަކީމެވެ." އިތުރުސާހިބާ ވިދާޅުވިއެވެ. "ޔޫނުސު ބިން މައްތާގެ ރަށުގެ މީހަކީމުދޯއެވެ؟" އައްދާސު ދެންނެވިއެވެ. "ކަލޭގެފާނަށް ޔުނުސު ބިން މައްތާ އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟" އިތުރު ސާހިބާ ޖަވާބުދެއްވިއެވެ. "އެއީ އަހުރެންގެ އަޚެކެވެ. އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. އަހަންނަކީ ވެސް ނަބީއަކީމެވެ." އެހެން ވިދާޅުވުމާއެކު އައްދާސު އިތުރު ސާހިބާ ނަބީކަމަށް ހެކިވެ އިސްލާމްވެއްޖެއެވެ.އިތުރުސާހިބާގެ އަތްފައިންޕުޅާއި އިސްތަށިފުޅުގައި ބޮސްދޭންފަށައިފިއެވެ. އޭރު ޢުތުބާއާއި ޝައިބާއާ ދެމީހުން ތިބީ އެތަންބަލަހައްޓައިގެންނެވެ. ޢައްދާސު އެނބުރި އައުމުން އެދެމީހުން އޭނާއަށް މަލާމާތްކުރިއެވެ. "ކަލޭގެ ތިޔަކުރީ ކީއްހެއްޔެވެ؟ ކަލޭގެދީން ހަލާކުކޮށްލައިފީމުއެވެ." އައްދާސު ޖަވާބުދިނެވެ. "ސާހިބުންނޭވެ! އަލުގަނޑު މިކުރިކަމަށްވުރެ ހެޔޮކަމެއް މިދުނިޔެ މައްޗަކުނުވެއެވެ. އެކަލޭގެފާނު އަޅުގަނޑުގާތު ވިދާޅުވީ ނަބީބޭކަލަކަށްމެނުވީ އެނގިވަޑައިނުގަންނަވާނެ ވާހަކަފުޅެކެވެ."

އަރަހުށި މާތްﷲ އެކަލާނގެ ޙަބީބުގެ އަރިހަށް ޖިބުރީލު އަލައިހިއްސަލާމާއި، ފަރުބަދަތަކާބެހޭ މަލާއިކަތާ ފޮނުއްވިއެވެ. އިތުރުސާހިބާ އެބަގީޗާއިން ނުކުމެވަޑައިގެން ނަޚްލާއަށް ދަތުރުކުރެއްވި މަގުމަތީގައެވެ. ފަރުބަދަތަކާބެހޭ މަލާއިކަތާ ވިދާޅުވިއެވެ. އަރަހުށިމާތްﷲ ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނަށް ރައްދު ކުޅަބަސްތައް އައްސަވައި ވޮޑިގެންފިއެވެ. ކަލޭގެފާނު އަމުރުކުރައްވާށެވެ. އެމީހުންގެ މައްޗަށް އަޚްޝަބައިނެވެ. ކިޔުނު ދެފަރުބަދަ ވައްޓައިލައްވާހުށީމެވެ. އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ. ނޫނެކެވެ. ތިމަންކަލޭގެފާނު އެދި ވަޑައިގަންނަވަނީ ތިޔަގޮތެއްނޫނެވެ. އެބައިމީހުންގެ ބުރަކަށިތަކުންވިޔަސް އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވާ ބަޔަކު ނެރުއްވުމެވެ. ފަރުބަދަތަކާބެހޭ މަލާއިކަތާ ވިދާޅުވިއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް ނަންދެއްވައިފައިވާ ފަދައިން ކަލޭގެފާނަކީ އޯގާވެރި ކުލުނުވެރި ބޭކަލަކީމުއެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ ޤައުމަށް ތެދުމަގުދެއްކެވުން އެދިވަޑައިގެން ދުޢާކުރައްވަމުން ކުރިޔަށް ވަޑައިގެންނެވިއެވެ.

ޠާއިފުގެ ބަގީޗާގެ ފިނިފެންމާތަކެއް ---

ކުރީންވެސް އިޝާރަތްކުރި ފަދައިން ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޠާއިފަށް ވަޑައިގެންނެވިއިރުވެސް ޠާއިފުގެ ސިޔާސީ އިޤްތިސާދީ ޙާލަތާއި ދީނީ ފިކުރު އޮންނަގޮތް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ޤުރައިޝުންނާއި އެރަށުގެ ކަމުވޮށީންނާ ދެމެދު އޮންނަ ގުޅުންވެސް ވަންހަނާވެވަޑައިގެންފައެއްނެތެވެ. އެރަށުގެ ތަނަވަސްކަމުން ހުއްދަ ނޫންފައިދާ ހޯދާ ބޮޑުންނަށް އެމާތްސާހިބާގެ ދަޢުވަތުވާނީ ޤިޔާމަތްވުންފަދަ ކަމަކަށްކަންވެސް އެނގިވަޑައިގަންނަވައެވެ. އެބައިމީހުންގެ ރައްދު އަމަލު ހަރުކަށިވާނެ މިންވަރުވެސް އިހްސާސް ކުރެއްވެއެވެ. ނަމަވެސް އެމާތްސާހިބާ ނަބީކަމާއިގެން ފޮނުއްވީ އެންމެހައި މީސްތަކުންގެ ގާތަށެވެ. އާލަމްތަކަށް ރަހުމަތެއްކަމުގައެވެ. އެންމެހައި މީސްތަކުންނަށް ތެދުމަގަށް ގޮވައިލެއްވުމަށެވެ. އެހެންކަމުން ކޮންމެފަދަ އަގެއް ދެއްވާންޖެހިވަޑައިގެންނެވި ކަމުގައިވިޔަސް ޠާއިފުގެ މީހުންނަށްވެސް އިސްލާމްދީނަށް ދައުވަތު ދެއްވުމަކީ އިތުރުސާހިބާއާ ޙަވާލުކުރެއްވިފައިވާ މަޤާމުގެ ފަރުޟެކެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިދަތުރުފުޅާ ގުޅިގެންވެސް އަޅުގަނޑުމެން ހަނދާން ބަހައްޓާންޖެހެނީ އާލަމްތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި ސާހިބާގެ އަޒުމުފުޅު ވަރުގަދަކަމެވެ. އަމިއްލަފުޅު ނަފުސުގެ މައްޗަށް ބާއްވަވާ ވަރުގަދަ އިޢުތިމާދެވެ. ހިތްވަރުފުޅުގަދަކަމެވެ. ކަންކަމާ ކުރިމަތިލައްވަންކެރި ވަޑައިގަންނަވާކަމެވެ. ޠާއިފުކަހަލަ ބީރައްޓެހިފުޅު ރަށަކަށް އެންމެ ދެމީހުންކުރެ އެކަކު ކަމުގައިވާ ހާލުކޮޅުގައިވަޑައިގެން އެރަށުގެ ބޮޑުންނަށް ދައުވަތުދެއްވިކަމީ އިތުރުސާހިބާގެ އިސްވެދެންނެވި މަތިވެރި ސިފަފުޅުތަކުގެ ސާފުދަލީލެވެ. އެދައުވަތަކީ އެއުރެންގެ އަޤީދާއާ ފުށުއަރާ ދައުވަތެކެވެ. އެބައިމީހުންގެ އިޖްތިމާއީ ހައިޘިއްޔަތަށް އުނިކަން ލިބި އިޤްތިޞާދީ މަސްލަހަތަށް ގެއްލުންވާނެކަމަށް އެއުރެން ޤަބޫލުކުރާ ދައުވަތެކެވެ.

(ނުނިމޭ)

comment ކޮމެންޓް