ދިވެހިން މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ތަހުގީގުކޮށް ކޮށްދިނުމަށް އެދި ފުލުހުންނަށް ޑީއާރުޕީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު މައްސަލަހުށަހަޅުއްވައިފި އެވެ.
ރައީސް މަސްތުވާން ހިތްވަރުދެއްވާ ކަމަށް ވިދާޅުވެ ޑީއާރުޕީން މިހާރު ވަކިކޮށްފައިވާ އަދި ޑީއާރުޕީ އަށް ނިސްބަތްވާ ޒެޑް ފެކްޝަންގެ އުމަރު އެ މައްސަލަ ބަލައިދިނުމަށް އެދި މިއަދު ފުލުސް އޮފީހަށް ހުށަހަޅުއްވާފައި މިވަނީ މީގެ ކުރިން އެ މައްސަލަ ބަލައި ދައުވާކޮށް ދިނުމަށް ޕުރޮސިކިއުޓާ ޖެނެރަލްއަށް ހުށަހެޅުމުން އެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ މުއައްސަސާއަކަށް އެ މައްސަލަ ފޮނުވުމަށް ޕީޖީން އުމަރަށް އެމްގުމުންނެވެ.
ރައީސް މަސްތުވާން ހިތްވަރުދެއްވާ މައްސަލަ ބަލައި ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވައިދިނުމަށް އެދި ޕޮލިސް ކޮމިޝަނާ ފަސީހަށް އުމަރު މިއަދު ފޮނުއްވި ތިން ސޮފްހާގެ ސިޓީގައި ބުނެފައި ވަނީ ގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ގާނޫނުގައި މަސްތުވާ އެއްޗެތި ކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ވާހަކަފުޅު ދެއްކެވުމަކީ އެ އެއްޗެހި އިތުރަށް ފެތުރި، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް އެއްޗެހި ބޭނުން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
"... ދިވެހިންނަށް މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައި ވާތީ، މި ޖިނާއީ ކުށް ތަހުގީގު ކޮށްދެއްވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުއްވާ ދެއްވުން އެދެމެވެ،" އުމަރުގެ ސިޓީގައި ބުނެފައިވެ އެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށާއި އެ ވަބާއިން ސަލާމަތްވުމަށްޓަކައި އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހާ ދިމާކޮށް، މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އުމަރުގެ ސިޓީގައި ބުނެފައި ވަނީ "ބާރުގަދަ ޑްރަގްސް" އަށް ހުޅުވޭ ދޮރުތައް ބަންދު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވުމުން ދޭހަވަނީ ބާރު ގަދަ ނޫން މަސްތުވާތަކެތި ބޭނުން ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވުން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ކުރާ ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމުގެ މާބޮޑު ޝައުގުވެރި ކަމެއް ރައީސްގެ ކިބައިގައި ނެތުންކަން އެ ވާހަކަތަކުން ހާމަވާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
"އަދި އެފަދަ (ބާރު ދެރަ މަސްތުވާތަކެތި) ބޭނުންކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި އެފަދަ މަސްތުވާތަކެތި ބޭނުންކުރުމުގައި ސިއްހީ ނުރައްކާތަކެއް ނެތް ކަމަށާއި އެފަދަ މަސްތުވާތަކެތި ބޭނުންކުރުމަކީ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެފަދަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ގާނޫނުގައިވާ އަދަބުތައް ދިނުމަށް ޝައުގުވެރިކަމެއް ނެތް ކަމަށް (ދޭހަވެ އެވެ)،" އުމަރުގެ ސިޓީގައިވެ އެވެ.
އުމަރުގެ ސިޓީގައި ރައީސް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައްކަވާ އިރު ގާނޫނީ ގޮތުން ފިޔަވަޅު ނާޅާ ތިބުމަކީ މުޅި ދަޢުލަތުގެ ކަރާމާތް ގެއްލި ރައްޔިތުންނަށް ހެޔޮ ނުބައި އޮޅިގެން ދިއުން ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުން ވެސް މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކުން ހިތްވަރު ލިބިގަނެ އެތައް ބަޔަކު މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާނެ ކަމަށް އެ ސިޓީގައި އުމަރު ތުހުމަތު ކުރައްވާފައިވެ އެވެ. އަދި މަސްތުވާތަކެތި ވިއްކާ މީހުން އިތުރުވެ، އެ ވިޔަފާރި އިތުރަށް ފުޅާވެފައިވާ ކަމަށް ވެސް އުމަރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންނަށް އުމަރު ފޮނުއްވި ސިޓީގައި އިސްލާމް ދީނުގައި މަސްތުވާތަކެއްޗާ ބެހޭ ގޮތުން އައިސްފައި ހުރި ވަހީ ބަސްފުޅުތަކަށް އިޝާރާތްކޮށް ބުނެފައި ވަނީ އިސްލާމްދީނުގެ އެއްވެސް އަސްލަކާ ޚިލާފުވުމަކީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކި ކުރެވޭނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 100 ވަނަ މާއްދާ ބުނާ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ބުނެފައިވާ އިރު ގައުމުގެ އެންމެ އިސްވެރިޔާ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވާއިރު މަޑުން ތިބުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އެސިޓީ ފުލުހުންނަށް ލިބުނުކަމެއް އަދި ސާފެއްނުވެ އެވެ.