ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އީޔޫގެ ވަފުދާ ރައީސް މައުމޫނު މަޝްވަރާ ކުރައްވައިފި

އީޔޫގެ ވަފުދާ ރައީސް މައުމޫނު ބައްދަލުކުރެއްވުން --- ފޮޓޯ: ޓްވިޓާ/ ރައީސް މައުމޫނު

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިސްވެރިންގެ ވަފުދާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ބައްދަލު ކުރައްވައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުވުމާގުޅޭގޮތުން ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތައް އީޔޫގެ ވަފުދާ ހިއްސާކުރެއްވި ކަމަށެވެ. މީގެ އިތުރުން ދެފުށްފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ފަހިކުރުމާ ގުޅޭ މަޝްވަރާތައްވެސް ކުރެއްވިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އީޔޫގެ ވަފުދު ރައީސް މައުމޫނު ބައްދަލު ކުރެއްވި އިރު ހުސްވި ހަފުތާގެ ތެރޭ އެމަނިކުފާނު ވަނީ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ޖަރުމަނު ސަފީރާ ބައްދަލުކުރައްވައި ސިޔާސީ މަސްރަހާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދުގައި އެންމެ އިސްބޭފުޅަކަށް ހުންނަވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ފޯރ އޭޝިއާ ޑިޕާޓްމެންޓް ޕައޮލާ ޕަމްޕަލޯނީއެވެ. އޭނާއާއެކު ވަފުދުގައި ހިމެނެނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޓުންގް ލައި މާގްއާއި، އީއީއޭއެސްގެ ސައުތު އޭޝިއާ ޑިވިޝަނުގެ އިސްވެރިޔާ ކެރޮލައިން ވިނޮޓްއެވެ.

އެ ދަތުރާ ގުޅޭގޮތުން އީޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އެ އިއްތިހާދުގެ އިސްވެރިންގެ ވަފުދުން ކުރާ ދަތުރުގައި، ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އެންވާރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާއި، ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އީޔޫ އިން ވަނީ ހާމަކޮށްފައެވެ.

އީޔޫއިން ބުނީ މި ޒިޔާރަތަކީ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް މަޝްވަރާތަކާއި އެއްބާރުލުން ދަމަހައްޓައި، ކުރިއެރުމަށްޓަކައި ކުރާ ޒިޔާރަތެއް ކަމަށެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި ސަރަހައްދީ އެއްބާރުލުން ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް އީޔޫގެ ދަތުރުގައި ރިވިއު ކުރާނެކަމަށް އީޔޫއިން ބުނެއެވެ.

އަދި ރާއްޖޭގެ އަދުގެ ސިޔާސީ ހާލަތު އޮތް ގޮތާއި، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ވާ ތައްޔާރީތަކާ ބެހޭ މައުލޫމާތުވެސް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ވިލާތުގެ އިއްތިހާދުން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް އީޔޫގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެ ޒިޔާރަތުގައިވެސް ރާއްޖޭގެ ސިޔާސީ ހާލަތާ ބެހޭގޮތުން އީޔޫއިން ވަނީ އޮޅުން ފިލުވައިފައެވެ.

comment ކޮމެންޓް