ރާއްޖޭގެ ދެ އޮންލައިން ނޫހެއްގެ ބައެއް ނޫސްވެރިންނާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި، ޝެއިޚް ނަސްރުﷲ މުސްތަފާ އަބުރުގެ ދައުވާކޮށްފިއެވެ.
އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ޝެއިހް ނަސްރުﷲ ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު ޝަރުތުތަކާއެކު އޭނާ ވަނީ ދޫކޮށްލައިފައެވެ.
އޮޅުވާލައިގެން މީހުން ހައްޖަށް ގެންދިޔުމުގެ ތުހުމަތުގެ އިތުރުން ސިސިލްފަރު ގްރޫޕްގެ ތައްގަނޑު ފޯޖު ކުރި ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ފުލުހުން ކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރުﷲ ދައުވާ ކުރަނީ މިހާރު ނޫހުގެ ނޫސްވެރިންތަކެއްގެ މައްޗަށާއި ވީނިއުސްގެ ނޫސްވެރިއަކާ ދެކޮޅަށެވެ. އަދި އެމީހުންގެ މައްޗަށް ކުރަނީ "އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ" އެވެ.
ނަމަވެސް ނޫސްވެރިންތަކެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގުނު ނަމަވެސް ނަސްރުﷲ އާގުޅޭ ގޮތުން މީޑިއާތަކުގައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ހަބަރުތައް ރިޕޯޓް ކޮށްފައެވެ.
ނޫސްތަކާ ދެކޮޅަށް ނަސްރުﷲ ދައުވާކުރާއިރު މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އޭނާގެ މައްޗަށް އުފުލާފައިވާ ބޮޑެތި ދައުވާތަކެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ޝެއިހް ނަސްރުﷲގެ މައްޗަށް އުފުލާފައިވަނީ އަޅާނުލުމުގެ ދެ ދައުވާ އަކާއި އޮރިޔާންކާޑް އުފައްދައި ގެންގުޅުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.