20 އަހަރުން ދަށުގެ އެފްއޭ ކަޕް:
ފަހަތުން އަރައި ރޭގެ މެޗް ވިކްޓަރީން ކާމިޔާބު ކޮށްފި

މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗް ވިކްޓަރީން ކާމިޔާބު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ވިކްޓަރީން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިން ނެވެ.

ޖުމްލަ ހަތް ޓީމް ވާދަކުރާ މިމުބާރަތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ގްރޫޕް އޭ ފަޅިން ވާދަކުރާ މި ދެ ޓީމް ރޭ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖަހާ، މެޗްގެ ލީޑް ނެގީ ނިއު ރޭޑިއަންޓުން ނެވެ. މެޗްގެ ފުރަތަމަ 11 ވަނަ މިނެޓުގައި ނިއުއަށް ލީޑް ނަގައި ދިން ކުޅުންތެރިޔަކީ ޑިފެންޑަރު ސަމާހު ހުސެއިނެވެ.

މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު، 1-0 ލަނޑުން ލިޑް ހޯދާފައިވާ ނިއުގެ މައްޗަށް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފްގެ 53 ވަނަ މިނެޓުގައި އިބްރާހިމް ރަޝީދު ކާމިޔާބުކުރި ލަނޑުންނެވެ.

ދެ ވަނަހާފުގައި ނަތީޖާ ބަދަލުކޮށްލުމުގެ ރަނުގެ ފުރުޞަތެއްގެ ގޮތުން ވިކްޓަރީއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު ވިކްޓަރީގެ ކެޕްޓަން ސިމްރާހު ޖެހި ޕެނަލްޓީ ނިއުގެ ކީޕަރު އަބްދުﷲ ފަޔާޒު ދިފާއުކުރި އެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ވިކްޓަރީ މޮޅުވީ ފަހު މިނިޓުގައި ހުސެއިން ޝިފާހު ކާމިޔާބުކުރި ލަނޑުންނެވެ.
ރޭގެ މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ވިކްޓަރީން ހޯދި އިރު، އެޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަދި ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެ ވަނަ ނިއުއަށް ލިބޭ އިރު، ތިން ވަނާގައި އޮތް އޭވައިއެލް އަށް ލިބެނީ އެއް ޕޮއިންޓެވެ. އަދި ހަތަރުވަނާގާއި އޮތް އީގަލްސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވީބީ އާއި ވެލެންސިއާ އެވެ. އަދި މާދަމާރޭ ބައްދަލު ކުރާ ދެޓީ މަކީ ކުލަބް އޭވައިއެލްއާ އީގަލްސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު