ހިދުމަތުގައި 47 އަހަރު: "ހިތްތިރި މީހަކަށް ނޫނީ ނަރުސްކަމެއް ނުކުރެވޭނެ"

އައިޖީއެމްއެޗްގެ ބުލަޑް ސާވިސްގެ ޑިރެކްޓަރު އައިމިނަތު ވަހީދާ ''ސަން'' އަށް އިންޓަވިއު ދެއްވަނީ: ސިއްހީ ހިދުމަތާ ވަހީދާ ގުޅިވަޑައިގަތީ އުމުރުން 19 އަހަރުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"އެހާ ގިނަ ދުވަހު ސިއްހީ ދާއިރާގައި އުޅޭ މީހަކަށް ވީމަ މިއަށް ވުރެ ލޯބިވާ ތަނެއް ނުހުންނާނެ. އަޅުނގަޑު ބޭނުން ވަނީ އެންމެ ފަހު ނޭވާ ވެސް މިތަނުގައި ހޭދަ ކޮށްލަން،"

މިއީ ސަރުކާރުގެ މައި ހަސްފަތާލު، އައިޖީއެމްއެޗްގައި އެންމެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަނބަލެއްގެ އަޒުމެވެ. ސިއްހީ ދާއިރާއަށް މިހާތަނަށް 47 އަހަރު ވަންދެން އޭނާ ވަނީ ހިދުމަތް ކުރައްވައިފައެވެ. މުސްކުޅި ކުރާ އުމުރު ފަހަނައަޅައި ދިޔަ އިރު ވެސް ހުންނެވީ ހިދުމަތުގައެވެ. އެއީ އައިމިނަތު ވަހީދާ ނުވަތަ އާންމު ނަމުން ނަމަ އައިންތު ސިސްޓާއެވެ.

ދާއިރާ އަށް ވެންނެވީ 19 އަހަރުގެ ނާސް އެއިޑެއްގެ ގޮތުގައި

ސިއްހީ ދާއިރާއާ ވަހީދާ ގުޅިވަޑައިގަތީ އުމުރުން އެންމެ 19 އަހަރުގަ އެވެ. އަމީނިއްޔާ ސްކޫލުން ގްރޭޑް ހަތެއް ނިންމާލި ގޮތަށް ނަރުހެއްގެ ގޮތުގައި އޭރުގެ ސަރުކާރު ހޮސްޕިޓަލު، ސެންޓުރަލް ހޮސްޕިޓަލާ ގުޅިވަޑައިގަތީ ބޮޑުބޭބެގެ ލަފައަކަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ކަމެއް ކަމެއް އޭނާ އަކަށް އޭރަކު ނޭނގެއެވެ.

"އޭރު ވެސް ޝައުގުވެރިކަން ހުރި. އަންކަލް އަށް ރަނގަޅު ދާއިރާއެއްވީމަ އާއި ނަރުހުން ބޭނުންވެގެން އިއުލާންކޮށްފައި އޮތީމަ ޖޮއިން ކުރީ. ދެން ނަރުހަކަށްވާން އެއް އަހަރުގެ ކޯހެއް ހެދީ. ނިންމާފައި ސެންޓުރަލް ހޮސްޕިޓަލާ ޖޮއިން ކުރީ 1970ގައި ނާސް އެއިޑެއްގެ ގޮތުގައި،" މިއަދު އައިޖީއެމްއެޗްގެ ބުލަޑް ސާވިސްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ވަހީދާ ވިދާޅުވިއެވެ.

އައިމިނަތު ވަހީދާ އުމުރުން 20 އަހަރުގައި (ކ): ސިއްހީ ހިދުމަތާ އޭނާ ގުޅިވަޑައިގަތީ އުމުރުން އެންމެ 19 އަހަރުގައި. އެންމެ ފުރަަތަމަ މަސައްކަތް ކުރެއްވީ ކުރީގެ ސަރުކާރު ހޮސްޕިޓަލު، ސެންޓުރަލް ހޮސްޕިޓަލުގެ ނާސް އެއިޑެއްގެ ވަޒީފާ ---

ނާސް އެއިޑެއްގެ ގޮތުގައި ސިއްހީ ދާއިރާއަށް ވެންނެވި ގޮތަށް ސީނިއާ ނަރުސްކަމާއި ބުލަޑް ބޭންކުގެ އިސްވެރިޔާގެ މަގާމު ވެސް ވަހީދާ އަދާކުރައްވާފައިވާ އިރު ސެންޓުރަލް ހޮސްޕިޓަލުގެ ހިންގުން އައިޖީއެމްއެޗަށް ބަދަލުވެ، އެތަނުގައި އޭނާ ހިދުމަތް ކުރައްވާތާ މިވީ 22 އަހަރެވެ.

މުސްކުޅި ކުރެއްވުމުން ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި

ފަސްދޮޅަސް ފަސް އަހަރުވެ ސަރުކާރުން މުސްކުޅި ކުރައްވާފައިވާ ހުންނެވި ވަހީދާގެ އުމުރުން މިއަދު 68 އަހަރު ވެފައިވާއިރު އޭނާ އަކީ ބަލާބެލުމަށް އަދި ވެސް މެދު އުމުރުގެ ކަނބަލެކެވެ.

ހީވާގިކަމާ އެކު މަސައްކަތް ކުރައްވާ ހިންގުންތެރި ބޭފުޅެކެވެ. އައިޖީއެމްއެޗްގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ވެސް ނުހަނު އިހްތިރާމްކުރާ ހިދުމަތްތެރިއެކެވެ. ހިނިތުންވުމާއި ލޯތްބާ އެކު ވާހަކަފުޅު ދައްކަވާ މަޑުމައިތިރި "ސިސްޓާ"އެކެވެ.

މުސްކުޅި ކުރުމުން ވެސް އަދި ވެސް ހިދުމަތުގައި ހުންނެވުމަށް އޭނާއަށް ހިތްވަރަކަށްވީ ނަރުހުންގެ ވަޒީފާއެވެ. ވަޒީފާ އިން ވަކިވި ނަމަވެސް ހިލޭ ސާބަހަށް މަސައްކަތް ކުރެއްވީ އެ ސަބަބަށްޓަކައެވެ.

"ފަސްދޮޅަސް ފަސް އަހަރު ވީމާ އޮޓޮމެޓިކުން ވަކިވާނެ ނޫންތޯ. ދެން ވެސް ވަތްކެއް ނުވަން. ސީއީއޯ ކައިރިން ހުއްދަ ހޯދައިގެން ވޮލަންޓަރީ މަސައްކަތް ކުރީ. އެއް އަހަރު ވަންދެން. އެއަށް ފަހު މިހާރުގެ ރައީސް [ޔާމީން] ނިންމެވީ މެޑިކަލް ދާއިރާގެ މީހުން ސިއްހީ ގޮތުން އެމީހުންގެ ކުޅަދުންތެރިކަން ހުރިއްޖެ ނަމަ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ ކަމަށް،" ވަހީދާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގައި އައިމިނަތު ވަހީދާ: އޭނާ އަކީ އައިޖީއެމްއެޗުން ދިން ހަމައެކަނި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިލައްވާފައިވާ މުވައްޒަފު ----

މިހާރު ވަހީދާ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަނީ ކޮންޓުރެކްޓް އުސޫލުންނެވެ. އެގޮތުން މިހާރު ހަތަރު އަހަރު ވެފައިވާ އިރު ވަހީދާ އަށް ވަނީ ސެންޓުރަލް ހޮސްޕިޓަލުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށްދޭ އެވޯޑާއި ހިދުމަތުގެ އަގު ވަޒަންކޮށް އައިޖީއެމްއެޗުން ވެސް އެވޯޑުތަކެއްދީފައެވެ.

އެގޮތުން ގަޑި ނުޖެހި ސަލާމް ނުބުނެ އޮފީހަށް ހާޒިރުވި ކަމުގެ އެވޯޑާއި އުމުރުން 40 އަހަރުގައި އައިޖީއެމްއެޗުން ލިބުނު ލައިފްޓައިމް އެޗީވްމަންޓް އޭނާ ފާހަގަކުރެއެވެ. ލައިފްޓައިމް އެޗީވްމަންޓް މިހާތަނަށް ލިބިލެއްވި ހަމައެކަނި ބޭފުޅަކީ ވެސް ވަހީދާ އެވެ. ނަމަވެސް ސަރުކާރުން އަދި އެއްވެސް އެވޯޑެއް ލިބިލައްވާފައެއް ނުވެއެވެ.

ހިދުމަތުގައި ނޮވެމްބަރު 3، 1988: ހިތުން ނުފިލާނެ ދުވަހެއް

ވަހިދާ ވިދާޅުވި ގޮތުގައި، ހިދުމަތުގައި އުޅުއްވާ އިރު ކޮންމެ މީހެއްގެ ވެސް އެންމެ ފަހު ނޭވާލާ ދުވަހަކީ ގެއަށް ގޮސް ކައި ބޮއެގެން އުޅެން އަދި ވެސް ދަތި ދުވަހެކެވެ. ގެއްލޭ ކޮންމެ ފުރާނައަކީ ވަހީދާ ގަބޫލު ކުރައްވާ ގޮތުގައި އޭނާގެ ވެސް އަމިއްލަ މީހެއްގެ ފުރާނަ އެވެ. ކުރެވެނީ އެފަދަ އިހުސާސަކާއި އަސަރެކެވެ.

އެގޮތުން ހަނދާނުން ފިލުވާލަން އުދަނގޫ ގިނަ ދުވަސްތައް ހުރި ނަމަވެސް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހަކީ ވަހީދާގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ދުވަހެކެވެ.

އެ ދުވަހުގެ އަލި މާލެއަށް ވިލުނީ ބަޑީގެ ހަމަލާގެ އަޑުފަށް ގަނޑުންނެވެ. އެ އަޑުތަކުގެ ހަގީގަތް އޮޅުން ނުފިލާ ވާނުވާއެއް ނޭނގި މުޅި މާލެ ތެރެ އޮތް އިރު އޭގެ ތެރެއިން އެދުވަހު ހެނދުނު ޑިއުޓީއަށް ދާން ތެދުވި ވަހީދާ ވެސް ހިމެނެއެވެ.

"އެދުވަހަކީ އަޅުގަނޑުގެ ހެނދުނު ޑިއުޓީ. ފުރަތަމަ ހީކުރީ ސިފައިން ވާލަށް ބަޑި ޖަހަނީ ކަމަށް. އޭރު ވެސް ނެއިބާސް ފާޑުފާޑު ވާހަކަ ދައްކާ. ބައެއް މީހުން ގޮވި ޑިއުޓީއަށް ނުދާށޭ. ނަރުހުންގެ ޔުނީފޯމުގައި ހުރީމާ ގެންގޮސްދާނޭ، ދެން އަޅުނގަޑު ހިތަށް އެރި އެވެސް ތެދެކޭ. އެހެންވެގެން އެދުވަހު ކުލަ ހެދުމުގައި ދިޔައީ،" އެދުވަހުގެ ހަނދާންތައް ވަހީދާ ''ސަން''އާ ހިއްސާ ކުރެއްވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން 1990ގެ ތެރޭގައި ބޭއްވި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގައި ސިފައިންގެ ބޭކަލެއްގެ ގައިން އާމިނަތު ވަހީދާ ލޭ ނަންގަވަނީ: ހިދުމަތުގައި ހޭދަކުރެއްވި 47 އަހަރުގެ ތެރޭގައި ނޮވެމްބަރު 3، 1988 ވަނަ އަހަރަކީ ވަހީދާގެ ހަނދާނުން ފިލައިގެންދާނެ ދުވަހެއް ނޫން ---

އޭނާ ވިދާޅުވި ގޮތުގައި، އަމީރު އަހުމަދު މަގުގައި ހުރި އޭނާގެ ގެއިން ނުކުމެގެން މިހާރު އޭޑީކޭ ހޮސްޕިޓަލް ހުރި ސެންޓުރަލް ހޮސްޕިޓަލަށް އެދުވަހު އޭނާ ދިޔައީ ވެސް މާލެ ތެރޭގައި ބަޑި ޖަހަޖަހާ އޮއްވަ އެވެ. ހިނގާފައި ދިޔައިރު ތުރުތުރު ވެސް އެޅިއެވެ. ބައެއް ފަހަރު ފަހަތަށް ފިޔަވަޅު އެޅޭހެން ވެސް ހީވިއެވެ.

ނަމަވެސް ދަރިންނާއި ފުރާނަ އަތްމައްޗަށް ލައިގެން އެދުވަހު އޭނާ ޑިއުޓީ އަށްދިޔައީ މާތް މަގުސަދެއްގައެވެ. ގޭގައި އޮވެގެން އޭނާއަށް ހިދުމަތް ނުކުރެވޭނެތީއެވެ. އޭނާގެ ޒިންމާ އަދާ ކުރުމަށެވެ.

އެދުވަހު ވަހީދާ ހަރަކާތްތެރިވީ ދުޝްމަނުންގެ ހަމަލާތަކުގައި ޒަހަމްވި ދިވެހިންނަށް ބޭނުންވާ ލޭ ދިނުމަށް ހޮސްޕިޓަލަށް ދިޔަ މީހުންގެ ގައިން ލޭ ނެގުމުގައެވެ. ބުލަޑް ޑިޕާޓްމަންޓާ ހަވާލު ވެގެން އޭރު ހުންނެވި ވަހީދާ ވިދާޅުވި ގޮތުގައި، ހެނދުނު ހޮސްޕިޓަލަށް ދިޔައިރު ލޭ ދޭން ގިނަ ބަޔަކު ހޮސްޕިޓަލުގައި ކިއު ހަދާފައި ތިއްބެވެ.

"އޭރު ވެސް ތިއޭޓަރުން ގޮވާ ލޭ ބޭނުންވެއޭ. ލޭ ބޭނުންވެއޭ. ހަތަރެއް ޖެހި އިރު ވެސް ލޭ ދިނުމަށް ކިއު ހަދާފައި އޮތް. އެދުވަހު އަޅުގަނޑަށް ފެނިގެންދިޔައީ ދިވެހިން އެކަކު އަނެކަކަށް ހުރި ލޯބި އިނގޭތޯ. އެދުވަހު ނޭނގެ ކިތައް މީހުންގެ ގައިންކަމެއް ލޭ ނެގުނީ ވެސް. ވަރަށް ގިނަ އިނގޭތޯ،" ވަހީދާ ވިދާޅުވިއެވެ.

ދިވެހިންތަކެއް ޝަހީދުވި އެ ދުވަހަކީ ދިވެހިންގެ ގިނަ ބައެއްގެ އާދަޔާ ހިލާފު ހިތްވަރެއް ފެނިގެން ދިޔަ ދުވަހެކެވެ. މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިނުވެވުނަސް ލޭ ނަގައިގެން އެތައް ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމުގައި އުޅުނު ވަހީދާއަކީ ވެސް އެދުވަހު ހީރޯއެކެވެ.

އައިޖީއެމްއެޗްއަށް އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވަމުން ގެންދަވާ ވަހީދާ ''ސަން'' އަށް އިންޓަވިއުދެއްވަނީ: ސިއްހީ ހިދުމަތުގައިވީ ދިގު މުއްދަތުގައި އެންމެ ހަނދާނުން ނުފިލާ ދުވަހަކީ ނޮވެމްބަރު 3، 1988 --- ސަން ފޮޓޯ

އެގޮތުން އެދުވަހު ހިދުމަތް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ނޮވެމްބަރު 3ގެ އެވޯޑް ވަހީދާ އަށް ވަނީ ލިބިވަޑައިގެންފައެވެ.

"އެދުވަހު އަޅުގަނގަޑަށް މާތްﷲ ދެއްވި ހިތްވަރާއި އެދުވަހު ހިތަށް ކުރި އަސަރާއި މަރުވެގެން ގެނައި މީހުންނާއި އަޅުގަނޑުގެ ތިމާގެ މީހަކު ވެސް އެދުވަހު މަރުވި. އެހެންނަމަވެސް އެދުވަހުގެ އިރުއޮއްސެންދެން އަޅުނގަޑުމެން ހިދުމަތް ކުރިން،"

ނަރުސް ކަމަކީ އާމްދަނީއަށް މިންއަޅައިގެން ކުރެވޭނެ ކަމެއް ނޫން

މިއަދު ސަރުކާރުން ވަޒީފާއެއް ނުދެއްވި ކަމުގައި ވިޔަސް ސިއްހަތު ތަންދޭހާ ދުވަހަކު ވަހީދާ ހުންނެވީ ނަރުހެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމަށެވެ. އޭނާ މި މަސައްކަތް ކުރައްވަނީ ހިތްހަމަޖެހުމާއި އުފަލުގައި ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އޭނާއަކީ ދުވަހަކު ވެސް ލިބޭ އުޖޫރަ އަކަށް ބެއްލެވި ބޭފުޅެއް ނޫނެވެ. ވަހީދާ ގަބޫލުކުރައްވާ ގޮތުގައި ނަރުސްކަމާއި ޑޮކްޓަރު ކަމަކީ ލިބޭ ލާރިއަށް މިންއަޅައިގެން ކުރެވޭނެ ކަމެއް ނޫނެވެ.

"ނަރުސް ކަމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް. މިއަދާ ހަމައަށް ވެސް ވަރަށް އުފާކުރަން ނަރުހަކަށް ވީތީ. އިންސާނެއްގެ ހުރިހާ ކަމެއް ނަރުހަކަށް ވީތީ ހިތަށް އިހުސާސް ކުރެވޭ. އަބަދުވެސް މަރު އިހުސާސް ކުރެވޭ. މީހުން އަޅާ ވޭން އިހުސާސް ކުރެވޭ. އެއީ ވަރަށް ބޮޑު އެއްޗެއް އަސްލު،"

ނަމަވެސް ވަހީދާގެ ހިތާމައަކީ އަހަރަކު އެތައް ނަރުހުންނެއް ތަމްރީން ވެގެން ނުކުންނަ އިރު ވެސް އެބޭފުޅުން އަމަލީ މައިދާން ނުފެންނަ ކަމެވެ. އެކަމުގެ ސަބަބެއް ކަމަށް އޭނާ ވިދާޅު ވަނީ، މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ތިބެ ވަޒީފާގެ ގޮތުން ކުރިއެރުމުގެ ގޮތުން ނަރުސް ކަމަށް ކުރިމަތި ލެއްވުމެވެ.

އައިޖީއެމްއެޗްގައި މިހާރު ގާއިމް ކޮށްފައި ހުންނަ ބުލަޑް ސާވިސަސްގެ ލޭ ރައްކާކުރާ ތަނުގައި ހުރި ލޭތައް އާމިނަތު ވަހީދާ ޗެކް ކުރައްވަނީ: އޭނާ މިހާރު އައިޖީއެމްއެޗަށް ހިދުމަތް ކުރައްވަނީ ކޮންޓުރެކްޓެއްގެ ދަށުން ބުލަޑް ސާވިސަސްގެ ޑިރެކްޓަރެއްގެ މަގާމުގައި ---

"ވަރަށް މުރާލި ކުއްޖަކަށް، އެކަމަށް ޝައުގުވެރިކަން ހުރެގެން ނޫނިއްޔާ ނަރުސް ކަމެއް ނުކުރެވޭނެ. ނަރުސް ކަމަކީ ވަރަށް އިންސާނިއްޔަތަށް ލޯބިކުރާ، މީހުންގެ އަންޑެސްޓޭޑިންނާއި ކެކުޅުންތަކާ އެއްޗެހި އިހުސާސްވެ ހިތްތިރި ކުއްޖަކަށް ނޫނީ ނުކުރެވޭނެ ކަމެއް،" ނަރުހުންނަށް ނަސޭހަތްތެރިވަމުން ވަހީދާ ވިދާޅުވިއެވެ.

"ދިވެހިން ބަލިވީމަ ހިދުމަތް ދޭންވާނީ ވެސް ދިވެހިން"

"ގޭގައި ތިއްބެވި ނަރުސް ބޭފުޅުން ވެސް އަނބުރާ ވަޑައިގަންނަވާށޭ އަޅުގަނޑުމެން ކައިރިއަށް، މިއީ އިހުގެ ހޮސްޕިޓަލެއް ނޫނޭ. ތަރައްގީ މިއޮތީ އެތައް ގުނައަކަށް އައިސްފައި. އެބޭފުޅަކަށް ފަސޭހަފުޅު ގަޑިއެއްގައި އައިސް ހިދުމަތް ކުރެވެން ވެސް އެބައޮތް. އަޅުނގަޑުމެންގެ ބަލި މީހުންނަށް އަޅުނގަޑުމެން ޖެހޭނީ ހިދުމަތް ކުރަން،"

މިއީ ކުރިން ހިދުމަތުގައި ތިއްބެވި ނަރުހުންނަށް ވަހީދާ ވިދާޅުވާ އެއްޗެކެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، އާއިލާއެއްގައި އަންހެން ކުއްޖަކު ހުންނެވިއްޔާ ނަރުސް ކަމަކަށް ވުރެ ރަނގަޅު ވަޒީފާއެއް މިއަދު ނެތެވެ. އެއީ ހަމައެކަނި އާއިލާއަށް ފައިދާ އަކަށް ނޫނެވެ. އެ ނަރުހުންގެ ފަރާތުން ރައްޓެހިންނަށާއި ވަށައިގެންވާ އެންމެންނަށް ވެސް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވަހީދާ ގަބޫލު ކުރައްވައެވެ.

އަންހެން ނަރުހުންނެކޭ އެއް ފަދައިން ފިރިހެން ކުދިންނަށް ވެސް ނަރުސް ކަމަކީ ރަނގަޅު ދާއިރާއެއް ކަން ފާހަގަކުރައްވާ ވަހީދާ ވިދާޅުވީ، ފިރިހެން ކުދިންނަށް އެކަމަށް ބާރު އަޅަން ޖެހޭ ކަމަށެވެ. އަދި ފިރިހެން ޕޭޝަންޓުން ވެސް ބައެއް ފަހަރު ފިރިހެން ނަރުހުން ހިދުމަތުގައި އުޅެން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ވަހީދާގެ ދިރިއުޅުމަކީ އަދުގެ ޒުވާނުން އެތައް ގޮތަކުން މިސާލު ނަގަން ޖެހޭ މަސައްކަތެކެވެ. އެކަމަކުން އިބްރަތް ހާސިލް ކުރަން ޖެހޭ ހިދުމަތެކެވެ. ވަހީދާ އެކޭ އެއްގޮތަށް އަމިއްލަ ދިރިއުޅުމަށް ވުރެ ގައުމު އިސްކުރަން އެބަ ޖެހެއެވެ. އެއީ ތިމާ އާއި އަނެކާގެ ވެސް ފައިދާއަށެވެ. އުފަލަށްޓަކައެވެ.

ނަމޫނާ ދެއްކެވީތީ އައިންތު ސިސްޓާއަށް ޝުކުރިއްޔާއެވެ.

comment ކޮމެންޓް