ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފައިވާ ސާކިއުލާއާ ޚިލާފަށް، ހޯމްމިނިސްޓްރީގެ ހުއްދަނެތި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވާފައި ވާތީ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަހަށް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެ ކައުންސިލަރުން ސަސްޕެންޑުކުރީ މުސާރަ ނުހިނގާ ގޮތަށެވެ.
ތިން މަސްދުވަހަށް ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރުމާ ގުޅިގެން ކައުންސިލަރުން މިހާރުވަނީ އާމްދަނީ ހޯދަން އިތުރު މަސައްކަތްތަކެއް ފަށާފައެވެ. ބައެއް ކައުންސިލަރުން ދަނީ މަހަށެވެ. އެ ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިހާރު ކުރައްވަނީ ވަޑާމެވެ.
"ވަޑާމަށް މިހާރު މިދަނީ. އާއިލާގެ މެމްބަރެއްގެ ހުންނާނެ މިރަށުގައި ވަޑާންގެއެއް. އެތަނަށް މި ދަނީ. ރަނގަޅު އާމްދަނީއެއް ލިބޭ،" ވިލިގިނގިލި ދާއިރާ ތަމްސީލު ކުރައްވާ ފުއާދު ވިދާޅުވިއެވެ.
އެލްޖީއޭއިން ނިންމި ނިންމުމާ ގުޅިގެން ފުއާދުގެ މާބޮޑު ޝަކުވާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. "ސަން"އާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އެއީ ކުށެއް ކޮށްގެން ކުރި ސަސްޕެންޝަނެއް ނޫން ކަަމަށާއި އެހެންކަމުން އެކަމާ މެދު ޝަކުވާއެއް ނެތް ކަމަށެވެ.
ފުއާދު ވިދާޅުވީ ވަޑާން ކުރަން ނިކުންނަނީ މި ދުވަސްކޮޅު އަނބި ދަރިންނަށް ކާންދޭން ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތުމުން ކަމަށެވެ.
"އަބަދުވެސް ބޭނުންވަނީ އަނބިދަރިންނަށް ހަލާލު ތަކެތި ކާންދޭން. މި ދުވަސްކޮޅު ސަސްޕެންޝަންގައި ހުރީމަ ކޮންމެވެސް ގޮތަކުންވެސް ޖެހޭނެތާ ފައިސާ ހޯދަން. އެހެންވެ މިކަމަށް މި ނުުކުތީ،" އަންބަކާއި ފަސް އަހަރުގެ ދަރިއަކު ހުންނަ ފުއާދު ވިދާޅުވިއެވެ.
ފުއާދުއަކީ ތެދުއި ވަޑާމުގައި ފުދޭ ވަރަކަށް އަތް ހިނގާ އެ މަސައްކަތުގައި ފާޑުވެރި ބޭފުޅެކެވެ. ސްކޫލު ދައުރު ނިންމާލުމަށް ފަހު ފުއާދު ދުވަސްކޮޅަކު ވަޑާންގޭގައި މަސައްކަތް ކުރެއްވިއެވެ. އޭނާ ވިދާޅުވީ ދޮރެއްޖަހާލައި ކަބަޑެއް ކިއްސަރަށް ތައްޔާރުކޮށްލުމަކީ މާބޮޑު ކަމެއް ނޫން ކަމަށެވެ.
"ސްކޫލު ދައުރު ނިންމާލުމަށްފަހު އުޅުނިން ވަޑާމުގެ ތެރޭގައި. އެހެންވީމަ ކޮންމެވެސް ވަރަކަށް ދަންނަން މި މަސައްކަތް. ސަސްޕެންޝަން އުވާލަންދެންވެސް މި ގޮތަށް މި މަސައްކަތް ކުރާނީ،" ވަޑާމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ހިއްސާ ކުރައްވަމުން ފުއާދު ވިދާޅުވިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވަޑާމުގެ މަސައްކަތުގައި --- ސަން ފޮޓޯ
ފުއާދު ވިދާޅުވީ ރައްޔިތުން އޭނާއާ ހަވާލު ކުރި މަސައްކަތް ސަސްޕެންޝަނުގެ ސަބަބުން ހުއްޓިފައި އޮތުމުން އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެލްޖީއޭއިން ސާކިއުލާ ނެރުމުގެ ކުރިން ހިނގި ކަމަކަށް ތިން މަހުގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މަޝްވަރާ ނުކުރާ ކަމަށާއި ދެކެވުނީ އަތޮޅުގެ ތަރައްގީގެ ވާހަކަ ކަމަށެވެ.
"ސަރުކާރާގުޅޭ ގޮތުން އެއްވެސް ވާހަކަ އެއް ނުދެކެވޭ. ދެކެވުނީ އަތޮޅުގައި ކުރިއަށްދާ މަޝްރުއުތަކާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ. އަނެއްކާ އެލްޖީއޭއިން ސާކިއުލާ ފޮނުވުމުގެ ކުރިން އެކަމެއް ހިނގީ،" އިނޑިއާ ސަފީރާ އެކު ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވަމުން ފުއާދު ވިދާޅުވިއެވެ.
ފުއާދު ބޭނުންވަނީ ވީހާވެސް އަވަހަކަށް އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ރުޖޫއުއަވުމެވެ. ފުއާދު ވިދާޅުވީ މާދަމާވެސް އެލްޖީއޭގެ ނިންމުން ބާތިލްކޮށްފިނަމަ އޮފީހަށް ނުކުންނަވާނެ ކަމަށެވެ. ނަމަވެސް އެ ސަސްޕެންޝަން އުވާލާނީ މައާފަށް އެދިގެން ކަމަށްވާނަމަ އެކަން ނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މައާފަށް އެދޭ ވަރުގެ ކަމެއްނޫން އެއީކީ. އެހެންވީމަ މާފަށް އެދިގެން އަލުން އޮފީހަށް ނުކުންނާކަށް ބޭނުމެއްނޫން،" ފުއާދު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ، ގއ. އަތޮޅު ކައުންސިލްގެ މެންބަރުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ސަން ފޮޓޯ: ކިޔުންތެރިއެއް
ފުއާދު ވަޑާންގޭގައި އޭނާގެ ތިން މަސް ދުވަހުގެ ސަސްޕެންޝަން ކަޑައްތު ކުރައްވަމުން ގެންދަވާއިރު އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނަޒްމީން އަދި މެމްބަރު ހުސައިން އާދަމް ވަޑައިގަންނަވަނީ މަހަށެވެ.
އެލްޖީއޭއިން ޑެސެމްބަރު މަހުގެ 13 ވަނަ ދުވަހު ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، 11 ޑިސެމްބަރު 2017ގައި އެ އޮތޯރިޓީން ނެރެފައިވާ ސާކިއުލާއިން، ބޭރުގެ ދައުލަތްތަކާއި، ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާ ލޯކަލް ކައުންސިލްތަކުން ބައްދަލުކޮށް މުއާމަލާތްކުރުމުގެ އިޖުރާއަތު ބަޔާންކޮށްފައި ވަނިކޮށް، އެ އިޖްރާއަތްތަކާ ޚިލާފަށް، ގއ. އަތޮޅު ކައުންސިލުން ހުއްދައަކާ ނުލައި ބޭރުގެ ސަފީރަކާ ބައްދަލުކޮށްފައިވާކަން، މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އޮތޯރިޓީން ސާފުކުރި މައުލޫމާތުން ކަށަވަރުވާ ކަމަށެވެ.
ހުވަދު އަތޮޅު އުތުރު ބުރީ އަތޮޅު ކައުންސިލްގެ އެ އަމަލަކީ، އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވާ އުސޫލާ ޚިލާފު ކަމަކަށް ވާތީ އެ ކައުންސިލާމެދު ފިޔަވަޅު އަޅަން އޮތޯރިޓީގެ ބޯޑުން ނިންމީ ކަމަށް އެ ސިޓީގައިވެއެވެ.
އެލްޖީއޭގެ ބޯޑުން މިއަދު ނިންމި ކަންކަން:
- 13 ޑިސެންބަރު 2017 އިން ފެށިގެން މުސާރައާ އިނާޔަތްތައް ނުލިބޭގޮތަށް، ތިން މަސް ދުވަހަކަށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑް ކުރުން.
- އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިވަޑައިގަންނަ ޚިދުމަތެއް ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލުކުރުން މަނާކުރުން. އަދި
- ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނަވާނީ، ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެހުރި ފަރާތްކަން.
އެލްޖީއޭއިން ކުރިން ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ، ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ބައެއް ކައުންސިލުތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންނާ ބައްދަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ހިދުމަތުގެ ފަށަލައެއް ކަމަށް ވެފައި ކައުންސިލުތަކުގެ އަމަލުތަކާއި ކުރައްވާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު،" އެލްޖީއޭގެ ސާކިއުލާގައި ބުނެފައިވެއެވެ.
ބޭރުގެ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކުން ބައްދަލު ކުރަމުންދާ ނަމަ ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫއަރާ ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއަރާ ގޮތް ވެދާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.
"އެހެންކަމުން އެއްވެސް ހާލަތެއްގައި ލޯކަލް ކައުންސިލުތަކުން ބޭރުގެ އެކިއެކި ދައުލަތްތަކާއި ނުވަތަ ޖަމިއްޔާ ޖަމާއަތްތަކާއި ނުވަތަ އެފަރާތްތަށް ތަމްސީލުކުރާ ފަރާތްތަކާ މުއާމަލާތްކުރައްވަން ވާނީ ނުވަތަ ބައްދަލު ކުރަން ވާނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހު،" ސާކިއުލާގައި ބުނެފައިވެއެވެ.
ސާކިއުލާގައި، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) އާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ސިޔާސަތު ކަނޑައަޅާ ހިންގުމާއި ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ ލޯކަލް ކައުންސިލްތައް ހިނގަން ވާނީ ދައުލަތުގެ މަރުކަޒީ ބާރުގެ ދަށުން ކަމަށެވެ.
އެލްޖީއޭގެ އެ ސާކިއުލާއަށް އަމަލު ނުކުރައްވާ ފަރާތްތަކާ މެދު "ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.