ހޯރައިން މުއްސަނދި ހިތާދުއަށް ތިމާވެށީގެ ގޮންޖެހުންތަކެއް!

ގއ. ހިތާދޫ--ފޮޓޯ/ ކޮލަމާފުށި ކައުންސިލް

ގއ. ކޮލަމާފުށިން ފުރައިގެން 10 މިނިޓުން ދެވޭ އެ އަތޮޅު ހިތާދޫ އަކީ ގުދުރަތީ ރީތި ކަމުގެ ތަފާތު މިސާލެކެވެ. ކުރިން އެރަށް ފެންނަނީ މުއްސަނދި ގޮޑު ދޮށަކާއި ފެހިކަން ގަދަ މަލަ މައްޗަކާ އެކު އެވެ. ދިގު ޅޮސް ގަސްތަކުން އިތުރު މުއްސަނދިކަމެއް އެ ރަށުގެ ތިމާވެއްޓަށް ގެނުވާ އިރު އެ ރަށަކީ އެ އަތޮޅަށާއި ޖުމްލަކޮށް ރާއްޖޭގެ މަސްވެރިކަމަށް ވެސް މުހިންމު ރަށެކެވެ.

ހިތާދޫގެ ރީތި ކަމުގެ ވާހަކަ އަތޮޅު ތެރޭގައި މަޝްހޫރެވެ. ބައެއް މީހުން އެ ރަށަށް ދަތުރު ގޮސް ހަދާއިރު ގއ. އަތޮޅަށް ޒިޔާރަތް ކުރާ ސަފާރީ އުޅަނދުތަކަށް ހިތާދޫ ފަޅުތެރެއަކީ މާބޮޑަށް ވެސް ކަމުދާ ތަނަކަށް ވަނީ ވެފަ އެވެ. އަހަރުގެ އެކި ހިސާބުތަކުގައި ސަފާރީތަކާއި ޑައިވިން ދޯނިތައް އެސަރަހައްދު ކާރުބާރު ބޮޑު ކޮށްލަ އެވެ.

ގއ. ހިތާދޫ--ފޮޓޯ/ ކޮލަމާފުށި ކައުންސިލް

ޒަމާނުއްސުރެ ޅޮސް ގަހުގެ މުއްސަނދިކަމަށް މަޝްހޫރު ހިތާދޫ އަކީ އާދަޔާ ހިލާފަށް ހޯރަ ވެސް އުޅޭ ރަށެކެވެ. އެ ރަށަކީ އެތައް ސަތޭކަ ހޯރައިގެ ވަޒަނެވެ. މަސް ކަނޑުތަކުގައި ކާއެއްޗެހި ހޯދަން އުޅެފައި ވަރުބަލިވެގެން އެސޮރުމެން ގޮސް މަޑު ކުރަނީ ހިތާދޫގެ ބިޔަ ޅޮސް ގަސްތަކުގަ އެވެ. ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އައިން މަތީ ދޫނިތަކަކީ މުހިންމު އެއްޗަކަށްވާ އިރު ހޯރައަކީ އޭގެ ތެރެއިން މުހިންމު ދޫންޏެކެވެ. އަދި ހޯރައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް ވެސް މެ އެވެ.

ހިތާދޫގެ ގުދުރަތީ ރީތި ކަމާއި އެ ރަށުގެ ހިތްގައިމު ތިމާވެށީގެ ސަބަބުން އެ ރަށަކީ ހިމާޔަތް ކޮށްފައިވާ ރަށެކެވެ. ހިތާދޫއާ އެންމެ ކައިރިން އޮންނަ އަވައްޓެރި ކޮލަމާފުށީގެ ރައްޔިތުން ވެސް އެކަން ކަށަވަރުކޮށްދެ އެވެ. އެރަށު ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު "ސަން"އަށް ވިދާޅުވީ ހިތާދުއަކީ މީގެ އަހަރުތަކެއް ކުރިން ހިމާޔަތްކޮށްފައިވާ ރަށެއް ކަމަށާއި ކޮލަމާފުށީ ރައްޔިތުންނަށް ވެސް އެ ރަށަކީ ހާއްސަ ނަޒަރިއްޔާތެއް ދެވޭ މުހިންމު ރަށެއް ކަމަށެވެ.

"އެ ރަށް އޮތީ ހިމާޔަތްކޮށްފައި. އަޅުގަނޑުމެން ކައުންސިލްގެ ބެލުމުގެ ދަށުގައި އެ ރަށް ނެތް ކަމަކު އެ ރަށަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ބަލާ ރަށެއް." އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ހިތާދޫ ގިރުމުގެ ސަބަބުން ގުދުރަތީ ދިރުން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް

ގއ. ހިތާދޫ--ފޮޓޯ/ ކޮލަމާފުށި ކައުންސިލް

ހިތާދުއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެރަށް ވަރަށް ބޮޑަށް ގިރާ މައްސަލަ އެވެ. ރާއްޖޭގެ މެދު މިންގަނޑުގެ ފަޅުރަށެއް ވަރުގެ ހިތާދޫ ގިރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ރަށުގެ ހުޅަނގު ފަރާތުން މިހާރު ވެސް 100 ފޫޓަށް ވުރެ ބޮޑު ބައެއް ވަނީ ގިރައިގެން ގޮސްފަ އެވެ. ގޮނޑު ދޮށާއި ކައިރީގައި ދިގުކޮށް ހުރި ގިނަ އަދަދެއްގެ ޅޮސް ގަސްތައް ވަނީ ވެއްޓިފަ އެވެ. ރަށުގެ ތިމާވެށި ވަނީ ނުރައްކަލެއްގެ ތެރޭގަ އެވެ.

"ވަރަށް ބޮޑަށް ގިރާފައި ވަނީ. އަޅުގަނޑުމެން ވެސް ވަރަށް ކަންބޮޑުވޭ އެކަމާ. މީގެ ކުރިން ސަރުކާރުގެ އެކި ވުޒާރާތަކުގައި އެކަމުގެ ވާހަކަ ދައްކާފައި ވާނީ. އެކަން ސަމާލުކަމަށް ގެނެސް އެރަށް ނެތިގެން ހިނގާދާނެތީ ހައްލެއް ހޯދަން އެދިފައި ވާނީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ވެސް އެރަށަށް ގޮސް ރަށުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އެ ރަށުގެ ތިމާވެށި ހިމާޔަތް ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓްރީން ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަ މިހާރު އެއްގޮތަކަށް ވެސް ނުފެނޭ

ގއ. އަތޮޅުގެ ބައެއް މަސްވެރިން ބުނާ ގޮތުގަައި މީގެ 10 އަހަރު ކުރިން ހިތާދޫއިން ފެނުނު މަންޒަރު މިހާރު ނުފެނެ އެވެ. އޭރު މާދުރުން ހިތާދޫ މަލަމަތި މާދުރުން ފެންނަ އިރު ފެންނާނީ "ކަޅުވެފައި" އޮންނަ ގޮތަށް ކަމަށް އެމީހުން ބުނެ އެވެ.

"އޭރު މާދުރުން ހިތާދޫ ފެންނާނީ މުޅިން ކަޅުވެފައި އޮއްވައި. އެހާވެސް ހޯރަ ގިނަވާނެ އެރަށުގައި. ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އެމަންޒަރެއް ނުފެނޭ،" ގއ. އަތޮޅުގެ އާޖުފާޖު ދަންނަ ގެމަނަފުށީ މަސްވެރިއަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މިވީ ދުވަސްތަކުގެ ތެރޭގައި ހޯރަ މަދުވާން ދިމަވީ އެރަށަށް ދަތުރުގޮސް އުޅޭ މީހުންގެ ދުއްތުރާގެ ސަބަބުންނާއި އެސޮރުމެން ހާލި ހަދައިގެން އުޅުނު ގަސްތަކަށް މީގެ ކުރިން ޖެހުނު ބައްޔެއްގެ ސަބަބުން އެ ގަސްތައް ހަލާކުވެގެން ދިޔުމާ ގުޅިގެންނެވެ.

އެރަށުން ހޯރަހިފާ މައްސަލަ ދޭތެރެ ދޭތެރެއިން އެ ކައުންސިލަށް ހުށަހަޅާ ކަމަށާއި ކައުންސިލުން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ކޮލަމާފުށީ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"ފުލުހުންނަށް ކައުންސިލުން ރިޕޯޓުކުރީމާ ފުލުހުން ވެސް އެކަން ހުއްޓުވުމުގެ މަސައްކަތް ކުރޭ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ގއ. ހިތާދޫ--ފޮޓޯ/ ކޮލަމާފުށި ކައުންސިލް

ހިތާދޫ ނެތިގެން ދިޔުމަކީ ގިނަ ދިރުންތަކެއް ނެތިގެން ދިޔުން

ރާއްޖޭގެ އެހެން ފަޅުރައްތަކާ ހިލާފަށް ހިތާދޫ ފަދަ ގުދުރަތީ ތަރިކައިގެ މުއްސަނދި ރަށެއް ނެތިގެން ދިޔުމަކީ އެ ތަނުގައި ވަޒަންވެރިވެގެން އުޅޭ އެތަކެއް ދޫނި ސޫފާއި ސޫފި އަދި ގަސްގަހާ ގެހީގެ ދިރުންތައް ގެއްލިގެންދާނެ ކަމެއް ކަމެކެވެ. އެރަށް ހިމާޔަތް ކުރީ ވެސް އެ ސަބަބަށްޓަކަ އެވެ.

"އާދެ އެއީ ވަރަށް ބޮޑު ގެއްލުމެއް. ހޯރަ ފަދަ މަސްވެރިކަމަށް މުހިންމު ދޫންޏެއް އާލާވާ ތަނެއް ނެތިގެން ދިޔުމަކީ މަސްވެރިކަމަށް ވެސް އޮތް ގޮންޖެހުމެއް. އެކަމަށް އަވަސް ހައްލެއް ބޭނުންވޭ. ވަރަށް މަދުވާނެ އެހާ ފުރިހަމަ ގުދުރަތީ ގޮތުން ރީތި އަދި ދިރުންތައް ގިނަ ރަށެއް،" ވަހީދު ވިދާޅުވި އެވެ.

ކޮލަމާފުށީ ރައްޔިތުން އެރަށް ހިމާޔަތް ކުރަން މަސައްކަތް ކުރެ އެވެ. އެ ރަށަށް ދަތުރުދާ މީހުން ވެސް ހާއްސަ އުސޫލުތަކަކުން އަމަލުކުރުމަށް ކައުންސިލުން އޮންނަނީ އަންގައިފަ އެވެ. ދޫނި ހިފުމާއި ގަސް ގަހަށް ގޯނާ ކުރުން ކައުންސިލުން އޮންނަނީ މަނާކޮށްފަ އެވެ. ކޮލަމާފުށީ މީހުން އެފަދަ އަމަލުތައް ކުރާ ނަމަ އެކަން ހުއްޓުވުމަށް ކައުންސިލުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް އެހެން ރަށްރަށުން ހިތާދުއަށް އަރާ މީހުންނާއި އެރަށް ކައިރިއަށް ގާތް ކުރާ ސަފާރީތަކުގެ ބައެއް މީހުންގެ ފަރާތުން އެރަށަށް ގޯނާކުރިޔަސް އެކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތެވެ.

ރާއްޖޭގައި ފަޅުރަށްތައް ބައިވަރެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ކޮންމެ ކޮންމެ ރަށެއް ހިމާޔަތް ކުރުމަކީ ފަށޭހަ ކަމަކަށް ވެސް ނުވާނެ އެވެ. ނަމަވެސް މިފަދަ ގުދުރަތީ ރީތިކަން ލިބިފައިވާ އަދި ގިނަ އަދަދެއްގެ ދިރޭ ތަކެތީގެ ވަޒަނުގެ ގޮތުގައި ބެލެވޭ ފަޅުރަށްތައް މިހާރަށް ވުރެ ރަނގަޅަށް ހިމާޔަތް ކުރަން މަސައްކަތް ކުރަންޖެހެ އެވެ.

ނަލަނަލަ ހިތާދޫ ގިރައިގެންދާއިރު އެ ރަށުގައި ހަނާ އެޅި ހޯރަތަކާއި ހިޔާވަހިކަން ދެމުން އައި ޅޮސް ގަސްތައް މިއަދުވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މަދުން ނޫނީ ނުފެންނަ ޅޮސް ގަހުގެ އާބާދީ އެ ރަށުގައި މަދުވަމުންދާއިރު، ކޮންމެ ގަހެއް ނެތިދިޔުމަކީ އެތަކެއް ދިރުންތައް ނެތިގެން ދިޔުމެވެ. މީގެ ކުރިން ހިތާދޫގެ މަލަމަތި ރީތިކޮށްދިން ހޯރަތައް އެރަށް ދޫކޮށް ދަމުން ގޮސް އޭގެ އާބާދީ މަދުވެފައިވާ އިރު އެއީ ވިސްނާލަން ޖެހޭ ކަމެކެވެ. ފުރަތަމަ ކަމަކަށް އެ ރަށް ގިރުމަށް ހައްލެއް ބޭނުންވެ އެވެ. ދެވަނަ ކަމަކަށް ރަށް ގިރުން ހައްލު ނުވާ ނަމަ އެތާހުރި ދިރުންތަކަށް އިތުރު މާހައުލެއް ހޯދައިދޭން ޖެހެ އެވެ. ނަލަނަލަ ހިތާދޫގެ އާދޭހަކީ އެއީ އެވެ.

comment ކޮމެންޓް