މެޖޯރިޓީގެ ނިންމުމަށް ތަބާވާނެ ކަމަށް ބުނެ ފޮނަދޫގެ ކަރަންޓް މުޒާހަރާ ގަޑިއެއްހާއިރުގެ ތެރޭގައި ނިންމާލައިފި

ރަށުގެ މެޖޯރެޓީ ރައްޔިތުން ނިންމާ ގޮތަކަށް ރުހޭނެ ކަމަށް ބުނެ، ކަރަންޓުގެ އަގު ބޮޑުކޮށްގެން ލ. ފޮނަދޫ ރައްޔިތުންގެ ބަޔަކު އިއްޔެ ކުރި މުޒާހަރާ ގަޑިއެއްހާ އިރުގެ ތެރޭގައި ނިންމާލައިފި އެވެ.

ފޮނަދޫ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ ޝަރީފު މިއަދު ވިދާޅުވީ ކައުންސިލުން ކަރަންޓުގެ އަގު ބޮޑުކުރުމާ ދެކޮޅަށް އިންޖީނުގޭ ކައިރީގައި އިއްޔެ ހަވީރު ކުރި މުޒާހަރާ ނިންމާލާފައި ވަނީ މުޒާހަރާގެ ބައިވެރިން ރަށު ކައުންސިލްގެ ރައީސާ ބައްދަލްކޮށް މެޖޯރިޓީން ނިންމާ ގޮތަކަށް އެމީހުން ވެސް ގަބޫލު ކުރާނެ ކަމަށް އެއްބަސްވުމަށް ފަހު ކަމަށެވެ.

ޝަރީފް ވިދާޅުވީ އިއްޔެ ހަވީރު އިންޖީނުގެ ކައިރިއަށް ގޮސްފައި ވަނީ ވަރަށް މަދުބައެއް ކަމަށާއި އެމީހުން ކައުންސިލްގެ ރައީސާ ބައްދަލްކޮށް ރައްޔިތުން އެދޭގޮތަކީ އެމީހުން ވެސް ބޭނުންވާ ގޮތް ކަމަށާއި މެޖޯރިޓީން ނިންމާ ނިންމުމަކީ އެމީހުން ވެސް ޤަބޫލުވާނެ ނިންމުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކައުންސިލްގެ ރައީސް އެމީހުނާ ބައްދަލުކުރެއްވި ރޭގައި. އެބައްދަލްވުމަށް ވެސް އައީސަތާރަ މީހުން. ރޭގެ ބައްދަލްވުމުގައި ނިންމާފައި ވަނީ މެޖޯރިޓީން ނިންމާ ގޮތަކަށް އެމީހުން ވެސް އެއްބަސްވުމަށް.'' ޝަރީފް ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ފުނަދޫން މައުލޫމާތު ދިން މީހަކު މިއަދު ބުނީ ފޮނަދޫ އިންޖީނުގޭ ކައިރީގައި އިއްޔެ ހަވީރު ކުރި މުޒާހަރާއަށް ގޮސްފައި ވަނީ ވަރަށް މަދުބައެއް ކަމަށާއި ފޮނަދޫއަކީ ޑީއާރުޕީ މެޖޯރިޓީ އޮންނަ ރަށަކަށް ވުމުން އެ ރަށުގައި އުޅޭ އެމްޑީޕީ އަށް ނިސްބަތްވާ 57 މީހުން ކުރާ އެފަދަ ކަމަކަށް ފޮނަދޫ ރައްޔިތުން ތަބާނުވާނެ ކަމަށެވެ.

"އެމްޑީޕީގެ 57 މީހުން މިރަށުގައި އުޅޭނީ. އެމީހުން ކުރާ އެބާވަތުގެ ކަމަކަށް މިރަށު މީހުން ތަބައެއް ނުވާނެ. މިރަށަކީ ޑީއާރުޕީ މެޖޯރިޓީ އޮންނަރަށެއް. މުޒާހަރާއަށް ނުކުތީ ވެސް ވިއްސަކަށް މީހުން. އެމީހުން އިރުކޮޅަކު އެތާ ތިބެފައި ދެން ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް ބުނެފައި މުޒާހަރާ ނިންމާލީ އިރުވެސް ނޯއްސެނީސް." ފޮނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ފޮނަދޫ ކަރަންޓްގެ ޚިދުމަތުން ފިއުލް ސަޗާޖެއް ނެގުމަށް ކައުންސިލްއިން ނިންމާފައިވާ ކަމަށް މިދިޔަ މަހު އަޑު ފެތުރިފައިވާ އިރު ކައުންސިލްގެ ބައެއް މެމްބަރުން ވަނީ އެކަން ދޮގުކޮށްފައި ކަމަށް ވެސް ފޮނަދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.

ކަރަންޓްގެ އަގު ބޮޑުވެގެން މުޒާހަރާއެއް ކުރަން ޖެހޭ އެއްވެސް ހައިސިއްޔަތެއް މުޒާހަރާކުރާ ފަރާތް ތަކަށްލިބިގެން ނުވާކަމަށާއި އެއީ މިދިޔަ މަހުގެ ކަރަންޓް ބިލާ އެކު މި މަހުން ފެށިގެން ކަރަންޓްގެ އަގު ބޮޑުކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލް ބަޔާންކޯށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ފުނަދޫން ވާހަކަ ދެއްކި އެހެން މީހަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު