އޭޑީކޭ ހޮސްޕިޓަލްގެ އައު އިމާރާތް "ޑރ. ޕާންޑިއަން ވިންގް" މިއަދު ހުޅުވައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އައު އިމާރާތައް ނަން ދީފައި ވަނީ އޭޑީކޭ އިން ކްލިނެކެއްގެ ގޮތުގައި ހިދުމަތް ދޭން ފެށި އިރުން ފެށިގެން، 27 އަހަރު ވަންދެން އޭޑީކޭ އަށް ހިދުމަތް ކުރުމުގައި ހުރެ، 2014 ވަނަ އަހަރު ނިޔާވެފައިވާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. ޕާންޑިއަންގެ ނަމުންނެވެ.
ސޯސަންމަގަށްވާ ގޮތަށް އިމާރާތްކޮށްފައިވާ އޭޑީކޭ ހޮސްޕިޓަލްގެ އައު އިމާރާތް "ޑރ. ޕާންޑިއަން ވިންގް"ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތް ހުޅުވައި ދެއްވީ ޑރ. ޕާންޑިއަންގެ ދަރިކަލުން ޑރ. ޕްރަވީން ޕާންޑިއަން އަދި ޑރ. ޕާންޑިއަންގެ އަނބިކަލުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ، މިހާރު އޭޑީކޭ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އާންމުންނަށް ފަރުވާދޭން އެޑްމިޓްކުރެވޭ ވަރަށް ވޯޑު ނެތުމުގެ ދަތިކަން ކަމަށެވެ. އެހެން ނަމަވެސް މިއަދު ހުޅުވި އާ އިމާރާތާ އެކު އެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
މިއަދު އަލަށް ހުޅު އިމާރާތުން އެންމެ ބޮޑަށް ދޭނީ ޖެނެރަލް ވޯޑުގެ ހިދުމަތް ކަމަށާއި ހަ ފްލޯގައި 60 އެނދު، އެ އިމާރާތާ އެކު އިތުރުވެގެންދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ އައު އިމާރާތުގައި ހަދާފައިވާ ވޯޑުތަކަކީ މުޅި ރީޖަނުގައި ވެސް ހުންނާނެ އެންމެ ފެންވަރު ރަނގަޅު ވޯޑު ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ޖެނެރަލް ވޯޑުގައި އޭޑީކޭ އިން ދެމުން އަންނަ އަގަށް ބަދަލު ނުގެންނަ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
"ވާޑް އޭ ބުންޔަސް އެއީ ވާޑް އެއް ނޫން. ހަމަ ގައިމު ވެސް މި ރީޖަންގައި ނުހުންނާނެ އެ ފެންވަރުގެ ވާޑް ތަކެއް،" ނާޝިދު ވިދާޅުވި އެވެ.
ހަތް ފަންގިފިލާ އަށް އިމާރާތްކޯށްފައިވާ އައު އިމާރާތުން ހަ ފަންގިފިލާގައި ވޯޑްގެ ހިދުމަތް ދޭން ހަމަޖެހިފައިވާ އިރު ދެ ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ހެލްތު ސްކްރީނިން އަދި މެޑިކަލް ޗެކަޕް ހެދުމަށެވެ. އަދި އެންމެ ތިރީގައި ފުޑް ކޯނާ ރެސްޓޯރަންޓެވެ.
އެ އިމާރާތުގައި ވޯޑުތައް ހަދާފައި ވަނީ ބަލިމީހާ އަށް ވަކިން ކޮޓަރިއެއް ހުންނަހެން ބްލޮކް ވޯޑްގެ ގޮތަށެވެ. އަދި ދެ ވަނަ ފަންގިފިލާ ހެލްތު ސްކްރީނިން އަދި މެޑިކަލް ޗެކަޕް ހެދުމަށް ހާއްސަ ކޮށްފައިވާ އިރު އެތަނުން އެކްސްރޭ ނެގުމާއި ލެބޯޓަރީ ސާމްޕަލް ނެގުމާއި ޓްރީޓްމެންޓް ދިނުމާއި އަދި މި ނޫން ވެސް މެޑިކަލް ޗެކަޕާއި ހެލްތު ސްކްރީނިންނަށް ބޭންވާ ހުރިހާ ހިދުމަތެއް އެ ފަންގިފިލާ އިން ލިބޭނެ ކަމަށް އޭޑީކޭ އިން ބުންޏެވެ.