ސޯމާލިއާގެ އައްޝަބާބުގެ ހަނގުރާމަވެރިން، އެގައުމުގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލައެއްގައި 14 މީހުން މަރުވެއްޖެ

19:00


ސޯމާލިއާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އައްޝަބާބުގެ ހަނގުރާމަވެރިން، އެގައުމުގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލައެއްގައި 14 މީހުން މަރުވެއްޖެ އެވެ.


އަލްޖަޒީރާއިން މައުލޫމާތުދޭ ގޮތުގައި ވެރިރަށް މޮގަދިޝޫގައި ހުންނަ ރިޔާސީ ގަނޑުވަރަށް އައްޝަބާބުގެ ހަނގުރާމަވެރިން ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ސޯމާލިއާ ސަރުކާރުގެ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މޮގަދިޝޫގެ އެހެން ސަރަހައްދުތަކުގައި ވެސް އައްޝަބާބުގެ ހަނގުރާމަވެރިންނާއި އެގައުމުގެ ސަރުކާރުގެ ސިފައިން ހަމަލާ ބަދަލުކޮށްފައިވާ ކަމަށާއި އެހެންކަމުން މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް އާންމުން ކަމަށާއި އިތުރު 25 މީހަކު މިހަމަލާތަކުގައި ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކުރެވިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


މިހަމަލާއާ ގުޅިގެން އެގައުމުގެ ސިފައިންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނެފައިވަނީ އައްޝަބާބު ޖަމާއަތުން ދިން ހަމަލާތަކަށް ރައްދު ހަމަލާތައް ދޭން ޖެހުނީ އެހަމަލާތަކުގެ ސަބަބުން ސިފައިންނަށް މާ ބޮޑަށް ނުރައްކާވާން ފެށުމުން ކަމަށެވެ. އަދި ސިފައިންގެ ވާޖިބަކީ ގައުމު ދިފާއުކުރުން ކަމުގައިވާއިރު އެވާޖިބު ރަނގަޅަށް އަދާކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.


މައުލޫމާތު ލިބޭ ގޮތުގައި މިހަމަލާ ދިންއިރު އެގައުމުގެ ރައީސް ޝަރީފް ޝެއިޚް އަހުމަދު ހުންނެވީ ތުރުކީގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު