މާލެއިން މެލޭޝިއާއަށް ދަތުރު ކުރަން ހަމަޖެހިފައިއޮތް އެއާ އޭޝިއާގެ ފްލައިޓްގެ ދަތުރު ރޭ ކެންސަލް ކުރުމަށްފަހު މިއަދަށް ތާވަލު ކޮށްފައިވަނިކޮށް އެ ފްލައިޓް އަނެއްކާވެސް ކެންސަލް ވެއްޖެއެވެ.
ބަޖެޓް އެއާލައިން، އެއާ އޭޝިއާގެ ދަތުރު ރޭ ކެންސަލް ވެފައިވަނީ ބޯޓުގައި ހައިޑްޑްރޮލިކް ލީކެއް އުޅޭތީއެވެ. ރޭގެ ދަތުރު ކެންސަލްކުރީ ފަސިންޖަރުން ބޯޓަށް އެރުވުމަށް ފަހުއެވެ.
އެ ދަތުރު މިއަދަށް ތާވަލް ކުރުމަށްފަހު ފަސިންޖަރުން ޑިޕާޗާ ޓާމިނަލްގައި ތިއްބާ މިއަދުވެސް ނުފުރޭނެކަމަށް ބުނުމުންފަސިންޖަރުން ވަނީ އެއާޕޯޓުގައި އިހްތިޖާޖު ކުރަން ފަށައިފައެވެ.
މިއަދު 2:30 ގައި ޗެކިން ހަދައި ހަވީރު އޮތް ފްލައިޓަށް ފަސިންޖަރުން ވަނީ ތައްޔާރުވެސް ވެފައެވެ.
ފަސިންޖަރުން އިހްތިޖާޖުކުރަން ފެށުމުން އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ވަނީ އެމީހުން ކޮންޓްރޯލްކޮށްފައެވެ. އެއާޕޯޓުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ފަސިންޖަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ފުރުން ލަސްވުން ކަމަށެވެ. އެގޮތުން ދެ ދުވަސް މަތިން ދަތުރު ކެންސަލްވުމުން ފަސިންޖަރުން ހިތްހަމަނުޖެހިފައި ތިބި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފަސިންޖަރުން ބޭނުން ވަނީ އެންމެ އަވަހަށް އޮތް ފްލައިޓަކުން މެލޭޝިއާ އަށް ފުރަން ކަމަށާއި އެމީހުންނަށް ނުފުރެނީސް އެ އެއާލައިންގެ އެހެން ފްލައިޓަކަށް ފުރިގެން ނުވާނެ ކަމަށް އެމީހުން ބުނާ ކަމަށް ވެސް އެއާޕޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.
ބޯޓު ފުރުން މިހާރު ވަނީ މާދަމާ އަށް ފަސްކޮށްފައެވެ. މާދަމާ ވެސް ފުރޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ފަސެންޖަރުން ވަނީ ބުނެފައެވެ.