ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އޭވައިއެލް އާ ދެކޮޅަށް ވިކްޓަރީ ކުޅުނު މެޗް 2-2 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.
މުބާރާތުގެ ގްރޫޕް އެކެއްގައި ވާދަކުރާ މި ދެ ޓީމް ރޭ ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލިޑް ނެގީ އޭވައިއެލް އިންނެވެ. މެޗްގެ ފުރަތަމަ ހާފުގައި އޭވައިއެލް އިން މޮޅު ކުޅުމެއް ދެއްކި އިރު 32 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލީ ޝާމް އެވެ.
މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު 1-0 ލަނޑުން ލީޑް ހޯދި އޭވައެލް އިން މެޗުގެ 75 ވަނަ މިނެޓުގައި ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އެލަނޑު އޭވައިއެލް އަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަޒްހަން އެވެ.
ދެ ލަނޑުޖަހާ މެޗްގެ ލީޑް އޭވައެލް އިން ފުޅާކުރުމުން ، އިދިކޮޅު ވިކްޓަރީން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އޭގެ ނަތީޖާއަކަށްވީ މެޗްގެ 82 ވަނަ މިނެޓުގައި ހުސެއިން ޝިފާހު ލަނޑެއް ޖަހައި އެ ވިކްޓަރީގެ ހިތްވަރު އާކޮށްދިނުމެވެ. އަދި މެޗްގައި ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރި ލަނޑު، އޭވައިއެލްގެ ގޯލަށް ވައްދާލީ މެޗްގެ އެންމެ ފަހު މިނެޓުގަ އެވެ.
މެޗަށް ފަހު އޭވައިއެލްގެ ސަޕޯޓަރުން ވަނީ، ރެފްރީ އިތުރަށް ދިން ފަސް މިނެޓަށް ވުރެ ގިނައިރު ކުޅުވި ކަމަށް ބުނެ މެޗު އޮފިޝަލުންނާއި އެފްއޭއެމްގެ އޮފިޝަލުންނަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. ގުރޫޕް އޭގައި ހިމެނެނީ ނިއު އާއި އީގަލްސް އާއި ވިކްޓަރީ އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ބީގައި އޮތީ ވީބީ އާއި މާޒިޔާ އަދި ވެލެންސިއާ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާއި ދެ ވަނަ ޓީމެވެ. ދެ ގުރޫޕުން އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.
ފުރަތަމަ ސެމީން ބަލިވާ ޓީމަކަށް ފައިނަލުގެ ފުރުސަތު އޮންނާނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވެގެނެވެ. ތިން ވަނަ ސެމީގައި ވާދަކުރާނީ ދެ ގުރޫޕުން ދެވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ.
މުބާރާތުގައި މިރޭ ކުޅޭ ދެ ޓީމަކީ ވެލެންސިއާ އާއި މާޒިޔާ އެވެ.