ޖަޕާނުގައި 15 އަހަރުވަންދެން އަންހެން "ކުއްޖަކު" ފޮރުވައިގެން ގެންގުޅުނު ބަޔަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރު ކުރީ އެމީހުންގެ ދަރިފުޅު އެތައް އަހަރެއް ވަންދެން ފޮރުވައިގެން ގެންގުޅެނިކޮށް އެކުއްޖާ މަރުވުމާ ގުޅިގެންނެވެ. އެހެންމީހުންނާ ވަކިން ކުއްޖާ ގެންގުޅުނީ އެކުއްޖާގެ ނަފްސާނީ ބައްޔެއް ހުންނާތީ ކަމަށް ކުއްޖާގެ މައިންބަފައިން ވަނީ ބުނެފައެވެ.
ޖަޕާނުގެ ހުޅަނގުގެ ސަރަހައްދެއްގައި މަރުވި އެ ކުއްޖާގެ ގައިގައި ހުރީ އެންމެ 19 ކިލޯއެވެ. ކުއްޖާ މަރުވީ ފިނި ގަދަވެގެން ކަމަށާއި އެކުއްޖާ މަރުވުމުން އެކަން ފުލުހުންނަށް ރިޕޯޓުކުރީވެސް ކުއްޖާގެ މައިންބަފައިން ކަމަށް ޚަބަރުތައް ބުނެއެވެ.
ޖަޕާނުގެ ފުލުހުން ބުނީ 33 އަހަރުގެ ދަރިފުޅުގެ މަރާ ގުޅިގެން 55 އަހަރުގެ މީހަކާ 53 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. "އެމީހުން ވަނީ އެއްބަސްވެފައި އެމީހުންގެ ދަރިފުޅު 15 އަހަރު ވަންދެން ކުޑަ ކޮޓެރިއެއްގައި ބަންދު ކޮށްގެން ގެންގުޅުނުކަމަށް،" ފުލުހުން ބުނެފައިވެއެވެ.
ކުއްޖާގެ މައިންބަފައިން ބުނެފައިވަނީ ދަރިފުޅުގެ އުމުރުން 16 ނޫނީ 17 އަހަރު ވީއިރު ސިކުނޑީގެ އުނިކަމެއް ހުރިކަމަށާއި އޭގެ ސަބަބުން އެއްޗެއްސަށް ގެންލުންދިނުން ފަދަ ކަންތައް ކުރާ ކަމަށެވެ.
ސިކުނޑީގެ އުނިކަން ހުންނަ މީހުންނާއި ނަފްސާނި ބަލި މީހުން އެކަހެރި ކުރުމުގެ ސަގާފަތެއް ޖަޕާނުގައި އަދިވެސް އޮވެއެވެ.