މާތް ވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީން ތަކަށް އުޅުމަށް ހިތްވަރު ލިބޭ ގޮތަށް ދިވެއްސަކު ސޯޝައަލް މީޑިއާގައި ވާހަކަދެއްކުމުން އެކަމާ ދެކޮޅަށް އެއްޗެއް ބުނަން އިދިކޮޅު ފަރާތްތަކުން ވަނީ ނުކުޅެދިފައި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ދީންތަކަށް އުޅުމަށް ހިތްވަރުލިބޭ ވާހަކަތައް ދައްކާ އިރު އެކަމާ ދެކޮޅަށް ވާހަކަދައްކަން އިދިކޮޅު ފަރާތްތަކަށް ނުކެރޭ ނަމަ އެއީ ދިވެހީން ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
އަދުރޭގެ ޓްވީޓްގައި އިޝާރާތް ކުރައްވާފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރައީސާ ޝަހިންދާ އިސްމާއިލް ކުރެއްވި ޓްވީޓަކަށެވެ.
އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދި ފަހުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޝަހިންދާ ވިދާޅުވެފައި ވަނީ "މި ދުނިޔޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ" ކަމަށެވެ.
އެހެން ނޫންނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ ވިދާޅުވެ ޝަހިންދާ ވަނީ ސުވާލު އުފައްދާފަ އެވެ.
އަދުރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅެވައި ވަނީ ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތް ކަމަށާއި މި ގައުމުގައި އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ އަމަލާ ބަހުން އެކަން ސާބިތުކޮށްދެއްވާ ވެރިޔަކު މިއަދު މިގައުމަށް ލިބިފައި ވުމަކީ ދިވެހީންގެ ނަސީބު ކަމަށެވެ.
"ދިވެހީންގެ ޝަރަފަކީ މާތްވެގެންވާ އިސްލާމް ދީން. ދިވެހީންގެ ކާމިޔާބީގެ ސިއްރަކީ ވެސް އެއީ. ދިވެހީންގެ އެއްބައިވަންތަކަމުގެ އަސްލަކީވެސް ހަމަ އެއީ،" އަދުރޭ ވިދާޅުވެފައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ބަސް ބުނަން ނުކެރޭ ބަޔަކު ވެރިކަމަށް އަންނަން ކުރާ މަސައްކަތަށް ދިވެހީން ފާރަވެރިވާން ޖެހޭ ކަމަށެވެ.