އެއް ތަރިއަކު އެއް ފިލްމެއްގައި ޑަބަލް ރޯލު ކުޅޭ ފިލްމުތައް ބޮލީވުޑްގައި މިހާރު އަންނަނީ އިތުރުވަމުންނެވެ. މިފަދަ ފިލްމުތަކަށް ލިބޭ ތަރުހީބުވެސް ކުޑައެއް ނޫނެވެ. ލިސްޓަށް އެންމެ ފަހުން އިތުރުވީ ވަރުން ދަވަން ކުޅުނު ޖުޅްވާ 2އެވެ.
މި ލިސްޓަށް އަނެއްކާވެސް ތަރިއަކު އިތުރުވަނީއެވެ. އައިޝްވާރްޔާ ރާއީ ބައްޗަން ދެން ކުޅޭނީ ޑަބަލް ރޯލެއް ކަމަށް ޚަބަރުތައް ބުނެއެވެ. ޕްރޮޑިއުސަރު ޕްރޭނާ އަރޯރާގެ ފިލްމެއްގައި އައިޝްވާރްޔާގެ ޑަބަލްރޯލު ފެންނާނެ ކަމަށް ޕްރޭނާ ވަނީ ބުނެފައެވެ. އެ ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވާއިރު އައިޝްވާރްޔާ އާއެކު ދެން ފެންނާނެ ފިރިހެން ތަރިއަކު ވަރަށް އަވަހަށް ހާމަކުރާނެއެވެ.
އައިޝްވާރްޔާ އަންނަނީ ޕްރޭނާ އާއެކު ފެނީ ހާންގައި ވެސް މަސައްކަތް ކުރަމުންނެވެ. އައިޝްވާރްޔާ އާއެކު އެހެން ފިލްމެއްގައި މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށް ޕްރޭނާ ވަނީ ބުނެފައެވެ.
ޑަބަލް ރޯލު ކުޅޭ ފިލްމެއްގެ އިތުރުންވެސް އައިޝްވާރްޔާގެ ވަރަށް ޚާއްސަ ފިލްމެއް ކުރިއަށް އެބައޮތެވެ. 1967 ގައި ނަރްގިސް (ސަންޖޭޭ ދަތްގެ މަންމަ) ކުޅުނު ރާތް އޯރް ދިންގެ ރިމޭކްގައި ލީޑްރޯލުން އައިޝްވާރްޔާ ފެންނާނެއެވެ. މިއީވެސް ޕްރޭނާގެ ފިލްމެކެވެ. ފިލްމުގެ ލީޑް ކުޅެން އައިޝްވާރިޔާ އެއްބަސްވެފައިވާ ކަމަށާއި އެ ފިލްމަކީ ޕްރޭނާ އަށްވެސް އަދި އައިޝްވާރްޔާ އަށްވެސް ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށް ޕްރޭނާ ވަނީ ބުނެފައެވެ.
އައިޝްވާރްޔާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު ފެނި ހާން ސްކްރީނަށް އަންނާނީ އަންނަ އަހަރުގެ ޖޫން 15 ގައެވެ. އެ ފިލްމުގައި ރާޖްކުމާރު ރާއޯ އާއި އަނިލްކަޕޫރު ވެސް ހަރަކާތްތެރިވެއެވެ. މިއީ ބެލްޖިއަމްގެ އޮސްކާ ނޮމިނޭޓެޑް ފިލްމު "އެވްރީބޮޑީޒް ފޭމަސް" ގެެ ރިމޭކެކެވެ.