"ހައްޔަރު ކުރުމުގެ ކުރިން"ގެ ނަމުގައި 2014 ވަނަ އަހަރު ދިން ޝޯއާ އެކު މަޝްހޫރު ލަވަކިޔުންތެރިޔާ ރާއްޖޭގެ މިއުޒިކީ ލެޖެންޑް ހަސަން މުހައްމަދު (މޭނާ ހައްސާން) އޭނާގެ ލަވަކިޔުމުގެ ހަޔާތް އެއްކޮށް ނިންމާލީ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.
ނަމަވެސް އާ އަހަރާ އެކީ އެނބުރި ލަވައިގެ ދުނިޔެއަށް ނުކުންނަން އުޅޭ ކަމުގެ ހަބަރު މޭނާ ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އޭނާ ދިން ޝޯވް އަށް ފަހު މިއަދާ ހަމައަށް ވެސް އޭނާގެ ލަވައެއް އަޑުއިވިފައެއް ނުވެ އެވެ.
ތިން އަހަރަށް ފަހު މޭނާ ހައްސާންގެ އަޑުން ރީތި ލަވަތަކެއް މި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަމަށް އޭނާ ވަނީ އިއުލާންކޮށްފަ އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސް ބޮޑުބެރު ގްރޫޕާ އެކީ މޭނާ ލަވަތައް ހުށައަޅަށް ހަމަޖެހިފައިވާއިރު ހަވާ އެރުވުމާއި ލައިވް ބާބަކިއުއަކާ އެކު އެ ޝޯވް ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޝޯވް ފެށޭނީ އެރޭގެ 10:00 ގައި އެވެ.
މޭނާގެ ހައްސާންގެ ލަވަތައް ދިވެހިންގެ މެދުގައި ވަނީ ވަރަށް މަގްބޫލްވެފަ އެވެ. މަޝްހޫރު އެތައް ލަވަތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "މިލަ މިލަ ހަނދުވަރު"، "ކުއްޅަވަފަލު ރަނިކަމަނާ" އަދި "މާމުއި ހަނދުވަރު މޫސުމުގައި" ފާހަގަކޮށްލެވެ އެވެ.
އަންނަ އާ އަހަރުގެ ދެ ޝޯވް އެއް އޮންނާނެ އެވެ. އެއީ ކާނިވަލް ސަރަހައްދާއި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ސެންޓްރަލް ޕާކްގައި މޭނާ ހައްސާން އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ރީތި ހުށައެޅުންތަކެއް ފެނިގެންދާއިރު ކާނިވަލް ސަރަހައްދުގައި ޝޯވް ހުށައަޅާނީ ފާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފަތޭހް އަލީ ހާން އާއި އިންޑިއާގެ ލަވަކިޔުންތެރިޔާ މީކާ ސިންގް އެވެ. މީގެ އިތުރުން ވެސް ބޮލީވުޑްގެ ކުޅަދާނަ ބަތަލު އަދި ބަތަލާ ބިޕާޝާ ބާސޫ އަދި ކަރަން ސިންހްގެ ރީތި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް އެ ޝޯވްގައި ފެނިގެން ދާނެ އެވެ.