މޮސްކޯ( 26 ޑިސެމްބަރު):ރަޝިއާގެ ޕްރޭންކް ސްޓާރުންތަކެއް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ހަމަ ރަނގަޅަށް ވެސް މޮޔަ ހައްދާލައިފި އެވެ.
ޕޮލެންޑްގެ ބޮޑުވަޒީރު މަތިއޫސް މޮރަވެއިކީ އަށް ވެގެން ރަޝިއާގެ މަޝްހޫރު ދެ ޕްރޭންކް ސްޓާރުން ކަމަށްވާ ވުލަޑިމިއާ ކުޒްނެޓްސޯވް އަދި އެލެކްސޭ ސްޓޮލިޔަރޯވް ވަނީ ހޭލީ އަށް ފޯނުން ގުޅައިހަދައި ވާހަކަ ދައްކައިފަ އެވެ.
އަދި އެވަރަކުން ފުދުނީކީއެއް ނޫނެވެ. ރަޝިއާގެ ދެ ޕްރޭންކްސްޓާރުން ވަނީ ދެކުނު ޗައިނާގައި "ބިނޯމީ" ކިޔާ ގައުމެއްގެ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯޜުވިކަމަށް ބުނެފަ އެވެ. ނިކީ ވިދާޅުވީ އެމެރިކާ އަށް އެކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާ އިން "ބިނޯމީ"ގެ ސިޔާސީ މަޝްރަހު ވަރަށް ގާތުން ބަލާނެ ކަަމަށެވެ.
ނަމަވެސް "ބިނޯމީ" އަކީ ހަގީގަތުގައި އޮންނަ ގައުމެއް ވެސް ނޫނެވެ.
ރަޝިއާގެ ޕްރޭންކްސްޓާ ސްޓޮލްޔަރޯވް ބުނީ އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ވަރަށް ބޮޑު ނުފޫޒެއް އޮންނަ ބޭފުޅެއް ކަމަށާއި އަދި ހޭލީ ފަދަ ބޭފުޅަކޫ ގައުމުގެ ހާރިޖީ ވަޒީރުކަމުގައި ހުންނެވުމަކީ ވަރަށް ހެއްވާ ކަމަށެވެ.
ހޮލީވުޑްގެ އެކްޓަރު ކެވިން ސްޕޭސީ ޔުކްރޭނިއަންގެ ރައީސް ޕެޓްރޯ ޕޯރޯޝެންކޯއަށް ޖިންސީގޯނާ ކުރިކަމަށް ދެކެވޭ ވާހަަކަތައް އެނގިވަޑައިގެންނަވާތޯ ވެސް ހޭލީއާ ވަނީ ސުޥާލުކޮށްފަ އެވެ. ނިކީ ވިދާޅުވީ އެފަދަކަމެއް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ ވެސް ފްލޯކް ވާހަކަ އަކެވެ.
އެމެރިކާގެ ސިޔާސީ މަޝްރަހުގެ މުހިންމު މަގާމުތަކުގައި އުޅުއްވާ ބޭފުޅުންނަށް ދުނިޔޭގެ ގިނަ ކަންތައްތައް ނޭނގޭކަމަކީ މަޝްހޫރު ވާހަކަތަކެކެވެ. ދެހާސް އަށް ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖޯން މެކެއިންގެ ރަނިން މޭޓް ސާރާ ޕޭލިން އަކީ ވެސް ގިނަ ބަޔަކު ޖޯކެއްގެ ގޮތުގައި ބަލައިގަންނަ ބޭފުޅެކެވެ.
ސާރާ ޕޭލިން މީގެ ކުރިން ވިދާލުވީ އޭނާ އެލެސްކާގައި ހުންނަ ގޭގައި ހުންނަވާއިރު ރަޝިއާ އެ ސަރަހައްދުން ފެންނަ ކަމަށެވެ. ޕްރޭންކްސާޓަރަކު ވަނީ ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރަކޯޒީއަށް ވެގެން ސާރާއަށް ގުޅައިގެން ވެސް މޮޔަ ހައްދައިލައިފަ އެވެ.
މަސްދަރު: ސްޕަޓިކްނިއުސް