ސުނާމީއަށް 13 އަހަރު، ވިލުފުއްޓާއި ކަނދޮޅުދޫ ރައްޔިތުންނަށް އަދިވެސް އެއީ އިއްޔެ!

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށަކަށް ރާޅު އަރާފައި--

"އަހަރަމެންނަށް އަދިވެސް އިހުސާސް ވަނީ އެއީ އިއްޔެ ވީ ކަމެކޭ. އަދިވެސް ބިރުގަނޭ ބިޔަ ރާޅެއް ފެނިއްޖެއްޔާ. ޖެހިލުންވެސްވޭ. ކަނޑަށް ބަލާލާ ކޮންމެ ފަހަރަކު ރަށް އެކުގައި ދޮވެލި މާޒީ އިއްޔެވީ ކަމެއްހެން ހަނދާނަށް އާވޭ،" 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ރ. ކަނދޮޅުދޫ ރައްޔިތެއް ކަމަށްވާ އިބްރާހިމް މުހައްމަދު އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

މީގެ 13 އަހަރު ކުރިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަތުރާ ސަރަހައްދުގައި އުފެދުނު ބާރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި އިބްރާހިމް ދިރިއުޅުނު ކަނދޮޅުދޫ ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. އެތައް ޒަމާނެއް ވަންދެން އިބްރާހިމް ފަދަ އެތައް ރައްޔިތަކު ބިނާކުރި މުޅި ދިރިއުޅުން ހަލާކުވެގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށަކަށް ގެއްލުންވެފައި --

"ހެނދުނު 9:23 ހާއިރު އެއީ. ބާރުގަދަ އަޑެއް ގޮވާފައި މީހުން ހަޅޭއް ލަވަން ފެށިމާ އަޅުގަނޑު ވެސް ނުކުތީ. ނުކުތްއިރު މީހުން މިއޮއް ދުވަނީ ރާޅު އަރަނީއޭ ކިޔާފައި. އޭރު ހިތަށް އެރީ އާންމުކޮށް ވެސް ރަށަކީ ރާޅު އަރާ ރަށެއް ވީމާ އެހެން ފަހަރުތަކެކޭ އެއް ގޮތަށް އުދައަރަނީއޭ. އެކަމަކު މަގުމައްޗަށް ނުކުމެ މީހުންތައް ކަފަމުން އަންނަ ލޮނުގަނޑު ފެނުނީމާ އެނގިއްޖެ މިއީ އާދައިގެ ކަމެއް ނޫންކަން،" އޭރު އެ ރަށުގައި ފަރުމަހުގެ މަސްވެރިކަން ކުރަން އުޅުނު އިބްރާހިމް ކިޔައިދިނެވެ.

އިބްރާހިމްގެ އާއިލާގައި އަށް މެމްބަރުން ތިބި އިރު ރާޅު އަރައިގެން ދިޔަލެއް ބާރު ކަމުން އޭނާ އަށް އޭނާގެ އާއިލާ މެމްބަރުން ކޮބައިތޯ ބަލާލާނެ ވަގުތެއް ވެސް ނުވިކަމަށް އޭނާ ބުންޏެވެ. އާއިލާއާ ބައްދަލުވީ ސުނާމީ އެރިތާ ހަތަރު ދުވަސް ފަހުން އެ އަތޮޅު އުނގޫފާރުން ކަމަށް އޭނާ ކިޔައިދިނެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ބައެއް ދިވެހިން އެ ދުވަހު އުޅުނު ހާލު--

"ރާޅު އަރައިގެން އައީ ހަތަރު ފަރާތުން. ނޭނގެ ދެން ވީއެއް ނުވީއެއް. ރާޅުއަރައި ރަށް ދޮވެލައިގެން ގޮސް ހަމައަކަށް އެޅުނު އިރު އެއްބަޔަކު ކިޔާ އަޑު އިވޭ ވަރަށް ގިނަ ބަޔަކު މަރުވެއްޖެއޭ. އަނެއް ބަޔަކު ބުނާއަޑު އިވޭ ރަށުގެ ގިނަ މީހުން ބެހިގެން ހިނގައްޖެއޭ،" 13 އަހަރުވީ މާޒީ އިއްޔެވީ ކަމެއްހެން ކިޔައިދެމުން އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ ބެލީ އާއިލާގެ މެންބަރުން ފެނޭތޯ އެވެ. ނަމަވެސް އެ ދުވަހުގެ އިރު އޮއްސުނުއިރު ވެސް އާއިލާގެ އެއްވެސް މެންބަރަކު ފެންނަ ގޮތް ނުވި ކަމަށް އޭނާ ކިޔައިދިނެވެ.

"އެއީ ވަރަށް މާޔޫސްވި ވަގުތުކޮޅެއް. އަޅުގަނޑުގެ އާއިލާގެ އެއްވެސް މެމްބަރަކު އަތުޖެހޭ ގޮތެއް ނުވި. މީހެއް ގާތު އަހައިލިޔަސް ކޮންމެ މީހަކު ވެސް ހުންނަނީ ޝޮކުގައި،" އިބްރާހިމް ކިޔައިދިނެވެ.

އިބްރާހިމް ބުނި ގޮތުގައި މިއަދު ވެސް ދިރިއުޅެމުންދަނީ އެދުވަހު އެ ކުރިމަތިވި ހިތާމަވެރި ކާރިސާގެ ބިރުވެރިކަމުގެ ތެރޭގަ އެވެ. އެކަމަކީ އެ ރަށުގެ ރައްޔިތުންނަށް ތާއަބަދަށް ވާރުތަ ކުރާނެ "ނަފްސާނީ ބައްޔެއް" ކަމަށް އޭނާ ބުންޏެވެ.

ކަނދޮޅުދުއަށް އެދުވަހު އެރި ބޮޑު ރާޅަކީ އަބަދު ވެސް އެ މީހުންނަށް އިބުރަތަކަށް ވެގެންދާނެ ކަމަށް އިބްރާހިމް ދެކެ އެވެ. މިހާރު ދުވާފަރަށް އާބާދުކޮށްފައިވާ ކަނދޮޅުދޫ ރައްޔިތުން ބުނާ ގޮތުގައި އެ ކާރިސާއަށް ގިނަ ދުވަސް ވިޔަސް އެދުވަހުގެ ރިހުންތަކަށް ލުޔެއް ނުލިބެ އެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލުންވި ކަނދޮޅުދޫ --

ސުނާމީ ކާރިސާ ހިނގި އިރު 3000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަނދޮޅުދޫން އެ ކާރިސާގައި ތިން މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އެ ކާރިސާ ހިނގައި މުޅި ރަށް އެއްކޮށް ދޮވެލި އިރު އެ ރަށުގެ ރައްޔިތުންނަށް ހިމާޔަތް ލިބުނީ އެ ރަށުގެ ހުކުރު މިސްކިތުންނެވެ. ރަށުގެ އެންމެ ވަރުގަދަ އިމާރާތްތައް ވެސް ބިމާ ހަމަވެގެން ދިޔައިރު ލޮނުގެ މާބޮޑު އަސަރެއްނުކޮށް ސަލާމަތްވީ ހުކުރު މިސްކިތެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އަނެއް ރަށަކީ ތ. ވިލުފުއްޓެވެ. ސުނާމީގެ ރާޅުގައި ގެނބިގެން އެ ރަށުން 18 މީހަކު މަރުވި އެވެ. މުޅި ވިލުފުށި ވެސް ސުނާމީއާ އެކު އެއްކޮށް ސުންނާފަތިވެގެންދިޔަ އެވެ.

ސުނާމީ އެރި އިރު ވިލުފުށީގައި ހުރި އެ ރަށު މަރްޔަމް ނަޝީދާ ބުނީ އެ ދުވަހަގެ ހެނދުނު އިރު އަރައިގެން އައި އިރު އެއްވެސް ވަރަކަށް އެފަދަ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލުންވި ކަނދޮޅުދޫ --

"އޭރަކު ހިތަކަށް ނާރާ އެފަދަ ކަމެއް ވެދާނޭކޭ، އެންމެން ޗުއްޓީއަށް އައިސް އުޅޭ ދުވަސްކޮޅަކަށް ވާތީ މުޅި ރަށުތެރެ ވެސް އޮތީ ވަރަށް ހަލަބޮލިކޮށް. އެހެން އޮއްވާ ހަމަ ކުއްލިއަކަށް އެކަން ދިމާވީ. ސަލާމަތް ވާނެ ފުރުސަތެއް ވެސް ނުލިބުނު ހަގީގަތުގައި،" މަރިޔަމް ނަޝީދާ ކިޔައިދިނެވެ.

އެދުވަހު ރާޅު އަރައިގެން އައިސް ރަށުގެ ހުޅަނގު ފަރާތުން ފައިބައިގެން ދިޔައިރު މުޅި ރަށް އެއްކޮށް ސުންނާފަތިވެގެން ދިޔައީ އެންމެންގެ ލޯ ކުރިމަތީގަ އެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ވިލުފުށީ ރައްޔިތުން ބިނާކުރި ދިރިއުޅުން ފެނަށް ވެގެން ދިޔައީ އެވެ.

މަރިޔަމް ބުނި ގޮތުގައި އެ ދުވަހު އެންމެ އަސަރު ކުރުވި މަންޒަރަކީ ރާޅު އަރައިނިމި އެ ރާޅު ދަށުވެ މަރުވެގެން ދިޔަ މީހުންގެ ހަށިގަނޑުތައް ފެނުނު ވަގުތެވެ. މަރިޔަމާއެއްކޮށް އުޅުނު ބައެއް ރަހުމަތްތެރިން އެ ދުވަހު ގެއްލިގެން ދިޔަ އެވެ. އަދި ވެސް އެމީހުންގެ ފުރާނަ ނެތް މަސްގަނޑު ސިފަވާ ކަމަށް މަރިޔަމް ކިޔައިދިނެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލުންވި ކަނދޮޅުދޫ މިހާރު--

"ކިހިނެއްތޯ ހަނދާން ނެތޭނީ. ދުވަހަކު ވެސް އެކަން ހަނދާނަކުން ނުދާނެ. މިއަދު ވެސް އެ މަންޒަރުތައް ސިފަވޭ. ސުނާމީ ކާރިސާއަށް ކިތަންމެ ގިނަ ދުވަހެއް ވިޔަސް އަބަދު ވެސް އެކަން އަޅުގަނޑުމެންގެ ހިތުގައި ތާޒާވެ ހުންނާނެ،" ރާއްޖެ އިން 82 މީހުން މަރުވެ 26 މީހުން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރިޔަމް ނަޝީދާ ބުންޏެވެ.

ސުނާމީ ކާރިސާއާ އެކު ހަމައެކަނި ގެއްލުން ލިބުނީ ކަނދޮޅުދޫއާއި ވިލުފުއްޓަށް އެކަންޏެއް ނޫނެވެ. އެ ކާރިސާގައި މ. ކޮޅުފުއްޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އޭގެ އިތުރުން ވެސް ރާއްޖޭގެ އެކި ރަށްރަށަށް ވަނީ އެކި ވަރުގެ ގެއްލުންތަކެއް ލިބިފަ އެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ކަނދޮޅުދު އަށް ރާޅު އަރާފައި--

އެ ދުވަހުގެ ހިތި މާޒީ މިއަދު އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު އެ ދުވަހު އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ރައްޔިތުންނަށް އެހީތެރިވި ކޮންމެ މީހަކަށް ވެސް އެ ކާރިސާއަކީ އިއްޔެ ވީ ފަދަ ކެމެކެވެ. އެ ހިތިކަން އަދި ވެސް އަރުތެރޭގައި ހުރި އިރު ސުނާމީ ކާރިސާއަކީ ރާއްޖޭގެ އުމުރާނީ ތަރައްގީ ވެސް އެތައް އަހަރެއް ފަހަތަށް ޖައްސުވާލި ކާރިސާއެކެވެ.

އެ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ތެރެއިން އެއް ބަޔަކު މިއަދު ދިރިއުޅެނީ އެމީހުންގެ ވަޒަން ދޫކޮށް އެހެން ރަށްރަށުގަ އެވެ. އަނެއް ބަޔަކު އަމިއްލަ ވަޒަނުގައި ދިރިއުޅުނު ނަމަވެސް ކަނޑު ފެންނަ ކޮންމެ ފަހަރަކު ވެސް ހިތަށް އަށަގަންނުވަނީ މީގެ 13 އަހަރު ކުރީގެ ބިރުވެރިކަމެވެ. ގަޑިން 9:20 ހިނގާ ކޮންމެ ފަހަރަކީ އެ ރައްޔިތުންނަށް ސިހުން ގެނުވާ ކަމަކަށް މިއަދު ވެސް ވަނީ ވެފަ އެވެ. އެމީހުންނަށް އަދި ވެސް އެއީ އިއްޔެ ވީ ފަދަ ކަމެކެވެ. އެ ހަނަދާންތައް އަދި ވެސް ތަޒާކަމާ އެކު ހިނގަމުންދެ އެވެ.

comment ކޮމެންޓް