ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލް ތަޅުމުން ބޭރުކުރަން ޖެހޭ: ގާސިމް

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލަށް ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެ ބިލަކީ ސަރުކާރުން މަކަރުވެރި ރޭވުމެއްގެ ދަށުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި އެ ބިލަކީ ދައުލަތަށް ބެނެފިޓެއް ހޯދައި ދިނުމަށް ހުށަހަޅާފައިވާ ބިލެއްނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ބިލްގައި ހިމެނޭ ބައެއް ބައިތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ދައުލަތުގެ ރިޒާވް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްނޫން ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފް ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިހްލާސްތެރި ނިޔަތެއް އޮތް ނަމަ ރިޒާވް ގާނޫނަކުން ހަމަޖައްސަން ނުޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެކި ނަންނަމުގައި ސަރުކާރުން ހުށަހަޅާ އެފަދަ ބިލުތަކަކީ ރައްޔިތުންނަށް ދޫކޮށްލެވިފައިވާ ބާރުތައް ރައީސުލްޖުމްހޫރިއްޔާ އަށާއި ވާޒީރުންގެ އަތްމައްޗަށް ދަމައިގަތުމަށް ސަރުކާރުން ހުށަހަޅާ ބިލްތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ރައްޔިތުން ބާރުވެރި ކުރުވުމަށް ކަމަށްބުނެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް ނުހެއްލުމަށް ވެސް ގާސިމް ގޮވައިލެއްވި އެވެ.

"މީ ޑިމޮކްރަސީއެއްގައި ކަންތައްކުރަން ޖެހޭ ގޮތެއްނޫން. ކައުންސިލަރުންނަށް ކުރިމަތިލި ފަރާތްތައް ސިޔާސީ މަގާމުތަކަށް ގެންނަމުންދަނީ. އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށް ތަފާތު ނަންނަމުގައި ވަޒީފާތައް ދެމުން ގެންދަނީ. ގާނޫނުތަކުގެ ވާހަކަ ދައްކާ އިރު ގާނޫނު އަސާސީ އާއި ގާނޫނަށް ސަރުކާރުން ބޯލަނބާ މިންވަރު ވަރަށް ރަނގަޅަށް ފެނިގެންދޭ. ކޮންމެ ކަމެއްގައި ދާންމިޖެހެނީ ކޯޓަށް. ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ މިނިވަންކަން ނަގައިލުމަށް އެއުޅެނީ. ރައްޔިތުންނަށް މިލިބެނީ ފޮނިމީރުކަމެއްނޫން، މި ލިބެނީ ޒައްގޫމުގެ ދިޔަ،" ގާސިމް ވިދާޅުވި އެވެ.

އެ ބިލު ހުށަހަޅުއްވަމުން އަހްމަދު އީސަ ވިދާޅުވީ، އެއީ ބަޖެޓާ ބެހޭ ސިޔާސަތު ޒިންމާދާރު ގޮތެއްގައި ހިންގުމަށް ޓަކައި ބޭނުންވާ ގާނޫނެއް ކަމަށެވެ. އަދި ވޭތިވެދިޔަ ތަނުގައި މުސާރަތައް ބޮޑުކޮށް އިންތިހާއަށް ފައިސާ ޗާޕް ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިނދަޖެހިފައިވާ އިރު އެ ބިލްގައި ބުނާ ގޮތަށް ބަޖެޓާ ބެހޭ ސިޔާސަތުތައް ކަނޑައަޅާފައިވާ އަސާސްތަކެއްގެ މަތިން ހިންގަން ފެށުމުން އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު