ކުރުދިސްތާނު މުޒާހަރާތަކުގައި ހަ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

އިރާގުގެ ކުރުދިސްތާނުގެ މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން، މުޒާހަރާތަކުގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފައި--

އިރާގުގެ ކުރުދިސްތާނުގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގައި ސިފައިން ބަޑި ޖެހުމުގެ ސަބަބުން ހަ މީހުން މަރުވެއްޖެ އެވެ.

އިރާގުގެ ކުރުދީ އޮޓޯނަމަސް ސަރަހައްދުގެ ސެކިޔުރިޓީ ފޯސް (އަސާޔެޝް) އިން ބަޑިޖަހައި ހަ މީހަކު މަރައިލައިފައި ވަނީ އިރާގުގެ ކުރުދިސްތާނުގެ ސުލައިމަނިޔާގެ ރާނިޔާ އަވަށުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ކުރުދީންގެ ޕެޓްރިއޯޓިކް ޔޫނިއަން އޮފް ކުރުދިސްތާން (ޕީޔޫކޭ) ޕާޓީގެ އޮފީސްތަކާއި އަދި އެންއާރުޓީ ޓީވީ ސްޓޭޝަންއަށް ވަދެ ރޯކޮށްލުމުގެ ސަބަބުންނެވެ.

ކުރުދިސްތާނުގެ ސިއްހީ އޮފިޝަލުން ބުނި ގޮތުގައި މުޒާހަރާތަކުގައި މިހާތަނަށް ވަނީ 20 މީހުން ޒަހަމްވެފަ އެވެ.

ކުރުދިސްތާނުގައި މުޒާހަރާތައް ފެށުނީ ކުރުދީންގެ ސަރުކާރުން ސިވިލްސާވަންޓުންނަށް މުސާރަނުދީ އެ ސަރަހައްދުގެ އަސާސީ ހިދުމަތްތައް ވަރަށް ބޮޑަށް ބުރޫ އަރައިފައިވުމުގެ ސަބަބުންނެވެެ. އޭގެ އިތުރުން ކުދުދިސްތާނުގައި ވެރިކަން ކުރަމުންދާ ކުރުދިސްތާން ޑިމޮކްރަޓިކް ޕާޓީ އާއީ ޕީޔޫކޭ ކޮރަޕްޝަން އިންތިހާއަށް އިތުރުވުމަކީ ވެސް ކުރުދީން މުޒާހަރާތަކަށް ނުކުތް ސަބަބެވެ.

އިރާގުގެ ކުރުދިސްތާނުގެ މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން، މުޒާހަރާތަކުގައި މިހާތަނަށް ހަ މީހުން ވަނީ މަރުވެފައި--

މުޒާހަރާތަކުގައި ކުރުދީން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިޔާސީ ދެ ޕާޓީގެ އޮފީސްތަކާ އަދި ސަރުކާރުގެ އޮފީސްތަކަށް ވެސް ހަމަލާދެމުންނެވެ.

ކުރުދީ ސަރުކާރުން އެ ސަރަހައްދުގެ ސިވިލް ސާވަންޓުންނަށް މުސާރަ ދިނުމަށް ދަތިވެފައި ވަނީ އިރާގުގެ މައި ސަރުކާރުން އެ ސަރަހައްދަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމުންނެވެ. އިރާގުން ކުރުދީންނަށް ދަތި ކުރުމުގެެ ފިޔަވަޅު އެޅީ އެ ސަރަހައްދުގެ ސަރުކާރުން، މައި ސަރުކާރާ ވަކިން އަމިއްލައަށް ތެޔޮ އެކްސްޕޯޓް ކުރަން ފެށުމުންނެވެ.

ކުރުދީން އިރާގުގެ ކިބައިން މިނިވަންކަން އިއުލާންކުރުމަށް ވޯޓް ނެގުމުން އިރާގުން ވަނީ ކުރުދީންނާ ދެކޮޅަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ކުރުދީންނަށް ވަނީ އިރާގުގެ ބޯޑަރުތައް ވެސް ބަންދުކޮށް ފްލައިޓުތައް ވެސް އޮޕަރޭޓްކުރުން މަނާ ކޮށްފަ އެވެ.

comment ކޮމެންޓް