އެމެރިކާގެ މަދަދު ލިބޭ ކުރުދީންނަކީ ޣައްދާރުން: ސީރިއާގެ ރައީސް

ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދު: އަސަދު ވިދާޅުވީ އެމެރިކާގެ މަދަދު ލިބޭ ކުރުދީންނަކީ ޣައްދާރުންކަމަށް -- ފޮޓޯ: ސަނާ

އެމެރިކާގެ މަދަދު ލިބޭ ސީރިއާގެ ކުރުދީ ހަނގުރާމަވެރި ގްރޫޕް، ސީރިއަން ޑިމޮކްރެޓިކް ފޯސާސް (އެސްޑީއެފް) އަކީ އެގައުމަށް ހުރި ޣައްދާރުން ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ،

ސީރިއާއަށް ވަޑައިގެންނެވި ރަޝިއާގެ އިސް ވަފުދަކާ ބައްދަލުކުރައްވައި އަސަދު ވިދާޅުވީ ސީރިއާގެ ކުރުދީންނަކީ އެހެން ގައުމެއްގެ އަމުރުގެ ދަށުން ހަރަކާތްތެރިވާ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރުދީން އަލަމުކުރަމުން ދަނީ އެމެރިކާ ބުނާގޮތަކަށް ކަމަށާއި އަދި ކުރުދީންނަކީ ގައުމަށް ޣައްދާރުވެފައިވާ ބައެއް ކަމަށެެވެ.

މިިއީ ސީރިއާގެ ސަރުކާރުން އެސްޑީއެފްއާ ދެކޮޅަށް ހަރުކަށި އިބާރާތުން އެފަދައިން ބުނި ފުރަތަމަ ފަހަރެވެ.

މީގެ ކުރިންވެސް އެސްޑީއެފްއާ ސީރިއާގެ ސިފައިންނާ ވަނީ ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް މަދުމަދުން ހިނގައިފައެވެ.

ސީރިއާއިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ކިބައިން އައިއެސްގެ ވެރިރަށް ރައްގާ މިނިވަންކުރުމަށް ކުރި ހަނގުރާމައިގައި އެސްޑީއެފްއިން ވަނީ ބައިވެރިވެފައެވެ. ސީރިއާއިން ދެކޭގޮތުގައި އެސްޑީއެފްއަކީ އެ ގައުމުގައި ގަވައިދާ ހިލާފާށް ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ.

އައިއެސްގެ އަތްދަށުން ސީރިއާގެ ބޮޑުބައެއް މިނިވަންވެފައިވާއިރު ސީރިއާގެ އުތުރުގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރަމުންދަނީ ކުރުދީންނެވެ. ކުރުދީންގެ އާބަދީ ސީރިއާގައި ދިހަ ޕަސެންޓަށް ވުރެ ދަށެވެ.

ކުރުދީން މިހާރު ކޮންޓްރޯލްް ކުރަމުންދާ އުތުރުގެ ބޮޑު ސަރަހައްދަކީ ސީރިއާގެ ތެލާއި ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެވެ. އެ ސަރަހައްދަކީ ދަނޑުވެރިކަމަށް ވެސް ފާހަގަކޮށްލެވޭ ސަރަހައްދެކެވެ.

comment ކޮމެންޓް