ތުރުކީން އިރުމަތީ ގުދުސްގައި އެމްބަސީއެއް ހުޅުވާނެ: އުރުދުޣާން

އޯއައިސީގެ ބައްދަލުވުމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން -- ފޮޓޯ: އޭޕީ

އިސްތަންބޫލް (ޑިސެމްބަރު 18): ފަލަސްތީނުގައި ހުންނަ ތުރުކީގެ އެމްބަސީ އިރުމަތީ ގުދުސްގައި ހުޅުވާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އުރުދުޣާން އެފަދައިން ވިދާޅުވީ އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން ނިންމި ފަހުންނެވެ. ނަމަވެސް ގުދުސް އަދިވެސް އޮތީ އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައި ކަމުން ތުރުކީން އެސަރަހައްދުގައި އެމްބަސީއެއް އަޅާނީ ކިހިނެއް ކަމެއް އުރުދުޣާން ވިދާޅެއް ނުވެއެވެ.

މިދިޔަ ހަފްތާ ތެރޭގައި އޯއައިސީން ގުދުސް މައްސަލައިގައި ސަމިޓެއް ބާއްވާފައި ވަނީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމުންނެވެ. މިމަހުގެ ހަވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި އެނިންމެވުމާ ގުޅިގެން އަރަބި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވަނީ ނުރުހުންފާޅުކޮށް މުޒާހަރާކޮށްފައެވެ.

އަދި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރުމުގެ ހައިސިއްޔަތު އެމެރިކާއަށް މިހާރު ގެއްލިފައިވާ ކަމަށް އޯއައިސީން ވަނީ އިއުލާންކޮށްފައެވެ. (ރޮއިޓާސް)

comment ކޮމެންޓް