ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގެ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމުގެ މަގާމުން ފިލްތީ ތަރި އަބްދުﷲ މުއާޒް އިސްތިއުފާ ދެއްވައިފިއެވެ.
މުއާ އިސްތިއުފާ ދެއްވިކަން ހަމަކުރައްވައި ފޭސްބުކްގައި ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމުން އިސްތިއުފާދީފައިވާނެ ކަމަށާއި ކޮންމެ އިންސާނަކަށްވެސް ﷲ ރަހުމަތް ލައްވާނެ ކަމަށެވެ.
އިސްތިއުފާ ދެއްވުމަށްފަހު މުއާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް ---މުއާ އިސްތިއުފާ ދެއްވި ސަބަބު ސާފުކޮށްލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކަމާ ގުޅޭގޮތުން އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މި ސަރުކާރުގައި މީގެ ކުރިންވެސް އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަމުގެ މަގާމުގައި މުއާ ހުންނެވިއެވެ. އެ މަގާމުން ވަކި ކުރުމަށްފަހު އަނެއްކާވެސް ކޯޑިނޭޓަރު ކަމަށް މުއާ އައްޔަނު ކުރީ މި އަހަރުއެވެ.
އެންސީއޭގެ ކޮޑިނޭޓަރު ކަމުން މުއާ އިސްތިއުފާ ދެއްވި އިރު އެންސީއޭ އިން އިމންތިޒާމު ކޮށްގެން ބާއްވާ ފިލްމު އެވޯޑްސް މިމަހުގެ 19 އަށް ވަނީ ތާވަލް ކޮށްފައެވެ. މިފަހަރުގެ އެވޯޑުގެ ނޮމިނޭޝަންސް އާ ގުޅިގެން ފިލްމީ ދާއިރާގެ ބައެއް ތަރިންނާ ފަންނާނުންގެ ފާޑުކިޔުންތައް ވަނީ ޖަޖުންނަށް އަމާޒުވެފައެވެ.