ގުދުސް މުސްލިމުންގެ އަތުން ބީވެގެން ގޮސްފި ނަމަ މައްކާ ވެސް އެފަދައިން ވެދާނެ: އުރުދުއާން

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދޫޣާން.ގުދުސް މުސްލިމުންގެ ބާރުގެ ދަށުން ގޮސްފިނަމަ މައްކާވެސް އެފަދައިން ވެދާނެކަމަށް އުރުދުއާން ވިދާޅުވި-- ފޮޓޯ: ރޮއިޓާސް

ގުދުސް މުސްލިމުންގެ އަތުން ބީވެގެން ހިނގައްޖެ ނަމަ މައްކާ އާއި އެހެނިހެން މުގައްދަސް ބިންތައް ވެސް މުސްލިމުންގެ އަތުން ބީވެގެން ހިނގައިދާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުއާން ވިދާޅުވެއްޖެ އެވެ.

އިސްތަންބޫލުގައި ބޭއްވި އެވޯޑް ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އުރުދުއާން ވިދާޅުވީ ގުދުސް މުސްލިމުންގެ އަތުން ބީވެއްޖެ ނަމަ، މުސްލިމުންނަށް މަދީނާ ދިފާއު ނުކުރެވޭނެ ކަމަށެވެ، އަދި ވިދާޅުވީ މަދީނާ ބީވެއްޖެ ނަމަ، މައްކާ އާއި ގެފުޅު ވެސް މުސްލިމުންގެެ އަތްދަށުން ބީވެގެން ހިނގައިދާނެ ކަމަށެެވެ.

އުރުދުއާން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެެ. އަދި އިސްލާމީ ގައުމުތަކުން އެމެރިކާގެ ނިންމުމާ ދެކޮޅަށް އެދެވޭ ރައްދެއް ދީފައިނުވާތީވެ، އެ ގައުމުތަކަށް ވެސް އުރުދުއާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާލުވެފަ އެވެ.

ޓްރަމްޕްގެ ނިންމުން ބަދަލުކުރުމަށް އެދި، އުރުދުއާން ހޮނިހިރު ދުވަހު ވަނީ އދ. ސެކިޔުރިޓީ ކައުންސިލަށް ގޮވައިލައްވައިފަ އެވެ. އަދި ސެކިޔުރިޓީ ކައުންސިލުން ހައްލެއް ނުލިބެއްޖެ ނަމަ، އެމެރިކާގެ ނިންމުން ބަދަލުކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އުރުދުއާން ވައުދުވެވަޑައިގެންނެވި އެވެ.

ތުރުކީން މިދިޔަ ބުދަދުވަހު އަންކާރާގައި ވަނީ އެމެރިކާގެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީގެ) ބައްދަލުވެއްބާއްވައި، ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެންފަ އެެވެ.

އިސްރާއިލުގެ ވެރި ރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ގިނަ ބަަޔަކު ދަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް