''އިއްޔެ'' ރަތަފަންދޫ ރައްޔިތުންގެ މަދަދުގާރު، މިއަދު ބިކަވެފައި!

އަޅާލާނެ މީހަކު ނެތި ރަތަފަންދޫގައި ބިކަވެފައިވާ ރެކާ ބެއްޔާ--ސަން ފޮޓޯ

އުމުރުން މިހާރު 65 އަހަރުގެ "ރެއްކާ" ނުވަތަ ގދ. ރަތަފަންދޫ މީހުން ދަންނަ ނަމުން ނަމަ "ރެއްކާ ބެއްޔާ"އަކީ އެ ރަށުގެ ރައްޔިތުންގެ ގާތް ރަހުމަތްތެރިއެކެވެ. އޭނާގެ އެންމެ ޅަނދޮޅު ދުވަސްކޮޅު، ރަށު ރައްޔިތުންނަށް އެންމެ ބޮޑަށް އެހީވި އެކަކީ ހަމަ ގައިމުވެސް ރެއްކާ ބެއްޔާކަމަށް އެ ރަށު މީހުން ބުނެއެވެ.

ރެއްކާ ބެއްޔާ އޭނާގެ މުޅި ޒުވާން އުމުރު ހޭދަކުރީ އެކިއެކި މަސައްކަތްތަކުގައެވެ. ރަތަފަންދޫ މީހުން ބުނާ ގޮތުން އޭނާއަކީ ގޮވާލި ކޮންމެ ކަމަކަށްވެސް އެހީވާ މީހެކެވެ. ގޭގޭގައި ކުރާ ކުދި މަސައްކަތްތަކުގައި ރެއްކާ ބެއްޔާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދިޔަ ކަމަށް އެ ރަށު މީހުން ބުނެއެވެ. ރުކަށް އެރުމާއި ގޭގެއަށް ކައްކާނެ ދަރު ހޯދައިދިނުމާއި ކާށި ވިއްކުމަކީ އޭނާ ކުރިންކޮށް އުޅުނު މަސައްކަތްތަކެވެ.

އަޅާލާނެ މީހަކު ނެތި ރަތަފަންދޫގައި ބިކަވެފައިވާ ރެއްކާ ބެއްޔާ ދިރިއުޅޭ ގެ--ސަން ފޮޓޯ

ނަމަވެސް މިއަދު ރެއްކާ ބެއްޔާ އުމުރުން ދުވަސްވެ، ބަލިކަށިވެ ހާލު ދެރަވެ ބިކަވެއްޖެއެވެ. މީސް މީޑީއާގައި ރަތަފަންދޫ މީހަކު ރެއްކާ ބެއްޔާގެ ފޮޓޯއަކާއެކު ހިއްސާ ކުރި ޕޯސްޓަކުން، އޭނާއަށް ދިމާވެފައިވާ އެކަނިވެރިކަން މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސްފިއެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ރެއްކާ ބެއްޔާގެ އާއިލާގެ އެއްވެސް މީހަކު ނެތުމުން އޭނާ މިއަދު ބިކެވެފައިވާ ކަމަށް އެ ޕޯސްޓްގައިވަނީ ބުނެފައެވެ. އަދި ރެއްކާ ބެއްޔާގެ ދަރިއަކުވެސް ނުހުންނަ ކަމަށް އެރަށު މީހުން ބުނެއެވެ.

ރަތަފަންދޫން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، ރެއްކާ ބެއްޔާ ދާދި ފަހަކާ ހަމައަށްވެސް ހިނގާބިނގާވެ އުޅޭ ކަމަށެވެ. އޭރު އޭނާ ކައިބޮއި ހަދަނީ ރަށުގެ ބައެއް ގޭގެއިންނެވެ. އަދި ރަތަފަންދޫ މީހުންވެސް އޭނާއަށް އަޅާލާ ހަދާކަމަށް އެމީހާ ބުންޏެވެ. އެގޮތުން އެރަށުގެ ކޮންމެ ގެއަކަށް ދިޔުމުންވެސް ކާންދީ ހަދާ ކަމަށާއި އަދި ބައެއް އަސާސީ ބޭނުންތައް ފުއްދުމަށް ފައިސާވެސް ދީހަދާ ކަމަށް އެމީހާ ބުންޏެވެ.

އަޅާލާނެ މީހަކު ނެތި ރަތަފަންދޫގައި ބިކަވެފައިވާ ރެއްކާ ބެއްޔާ ދިރިއުޅޭ ގޭގެ ގިފިލި--ސަން ފޮޓޯ

" އޭރު ރެއްކާ ބެއްޔާ އަމިއްލައަށް ގޭގެއަށް ގޮސްވެސް ހަދާ. ނަމަވެސް މިހާރު ވަރަށް ބަލި. ނުވެސް ހިނގޭ. އެހެންވެ މިހާރު ވަރަށް ހާލުގައި އުޅެނީ. ހުޅުތަކުގެ މައްސަލަ އާ ހެދި އަމިއްލައަށް ކައިބޮއި ހަދަންވެސް ދަތި. ރަނގަޅަށް ގައިން ތާހިރުވެސް ނުވެވޭ،" އެމީހާ ކިޔައިދިނެވެ.

ރެއްކާ ބެއްޔާގެ ވާރުތަ އަރާ މީހަކު އެރަށުގައި އުޅުނު ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އެމީހުން މާލެ ބަދަލުވެފައިވާ ކަމަށާއި ރެއްކާ ބެއްޔާ ބެލުމަށް ބިދޭސީއަކު އެ ގެއަށް ލާފައި ހުންނަ ކަމަށް އެމީހާ ބުންޏެވެ.

އަޅާލާނެ މީހަކު ނެތި ރަތަފަންދޫގައި ބިކަވެފައިވާ ރެއްކާ ބެއްޔާ ދިރިއުޅޭ ގެ--ސަން ފޮޓޯ

" ބޭރު މީހަކު ހުރޭ ރެއްކާ ބެއްޔާ ބަލަން އެ ރަށަށް ފޮނުވާފައި. އެކަމަކު އެމީހާ ކުރަނީ އެހެން މަސައްކަތްތައް. އެ ބިދޭސީ މީހާ ބުނީ މުސާރައެއް ނުލިބޭ އެހެންވެ ނެތޭ ރެއްކާ ބެއްޔާ ބަލަން ހުރެވޭކަށް،" ރަތަފަންދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރެއްކާ ބެއްޔާ ދިރިއުޅެމުންދަނީ އޭނާ ވަރަށް ކުޑައިރު ނިޔައުވި، އޭނާގެ ދައްތަގެ ގޭގައެވެ. އެގޭގައި ޒަރޫރީ ބޭނުންތައް ފުއްދޭނެ އެއްވެސް ވަސީލަތެއް ނުހުންނައިރު ފެންވަރައި ހަދަން ޖެހެނީ ވަޅުންނެވެ. ނަމަވެސް ވަޅަށް ދާނި ބާލައިގެން ފެން ނަގާވަރަށް ވުރެ ރެއްކާ ބެއްޔާގެ ގައިބާރު ދެރަވެފައިވާތީ ރަނގަޅަށް ފެންވެސް ނުވެރޭ ކަމަށް އެމީހާ ބުންޏެވެ.

އަޅާލާނެ މީހަކު ނެތި ރަތަފަންދޫގައި ބިކަވެފައިވާ ރެއްކާ ބެއްޔާ ދިރިއުޅޭ ގެ--ސަން ފޮޓޯ

އިސްރަށްވެހިންނަށް ސަރުކާރުންދޭ ފައިސާގެ އެލަވަންސް ރެއްކާ ބެއްޔާއަށްވެސް ލިބޭ ކަމަށް ވެއެވެ. ނަމަވެސް އެ ފައިސާ އޭނާއަށް ނުލިބޭ ކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ. އެ ރަށު ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި އެފައިސާ ބޭނުންކުރަނީ މާލޭގައި ހުރި ރެއްކާ ބެއްޔާގެ ވާރުތަވެރިންނެވެ. އަދި ކޮންމެ މަހަކުވެސް ރެއްކާ ބެއްޔާގެ ބޭނުން ތަކަށް ފޮނުވަނީ 500 ރުފިޔާ ކަމަށް އެރަށުން ވަހަކަދެއްކި ބައެއް މީހުންވަނީ ބުނެފައެވެ.

ރެއްކާ ބެއްޔާގެ ވާހަކަ އިއްޔެ މީސް މީޑިއާގައި އާންމުވުމާ ގުޅިގެން ގދ އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ރޭ ވަނީ ރަތަފަންދުއަށް ޒިޔާރަތްކޮށް ރެއްކާ ބެއްޔާއާ ބައްދަލުކޮށްފައެވެ. އަދި ރެއްކާ ބެއްޔާގެ ވާރުތަވެރިންނާ ވާހަކަ ދައްކައިގެން އޭނާއަށް އަޅާލެވޭނެ ގޮތް ހެދުމުގެ މަސައްކަތް އެ އިދާރާއިން ފަށާފައިވާކަމުގެ މައުލޫމަތުވަނީ ލިބިފައެވެ.

އަޅާލާނެ މީހަކު ނެތި ރަތަފަންދޫގައި ބިކަވެފައިވާ ރެއްކާ ބެއްޔާ ދިރިއުޅޭ ގޭގެ ގިފިލި--ސަން

ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް ވިދާޅުވީ، ރެއްކާ ބެއްޔާގެ ހާލު ކައުންސިލުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ރެއްކާ ބެއްޔާގެ ވާރުތަވެރިންނާ ވާހަކަ ދައްކާ އޭނާއަށް ފަހި ގޮތެއް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ޖެންޑާއަށްވެސް އެކަން އަންގާފައިވަނީ. ރޭ އެމީހުންވަނީ ރަށަށް އައިސް ބަލާފަ. އަދި އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާ މެދު ވަކިގޮތެއް ނުނިންމާ." ހުނައިފް ވިދާޅުވިއެވެ.

ރަތަފަންދޫ ރައްޔިތުންގެ އެންމެ ގާތް ރެއްކާ ބެއްޔާ މިއަދު ބިކަވެ އެކަނިވެފައި ވުމަކީ އެ ރަށު ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ. އަދި އެމީހުންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އޭނާއަށް ވީހާވެސް އަވަހަކަށް ފަރުވާއާ އިންސާނީ ވަސީލަތް ބޭނުންވާ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. ރެއްކާ ބެއްޔާއަށް އެއްވެސް ރައްކަލެއް ނެތި މަގުމަތީގައި ބިކަވެފައިވާއިރު އެންމެންގެ ވެސް ކަންބޮޑުވުމަކީ އޭނާގެ ވާރުތަ ވެރިންގެ އަޅާލުން ކުޑަވުމެވެ.

comment ކޮމެންޓް