ރިޔާޟް (ޑިސެމްބަރު 17): ފަލަސްތީނުގެ ބިލިއަނަރު ސަބީހް އަލް މަސްރީ ސައުދީ އަރަބިއާއަށް ކުރި ވިޔަފާރި ދަތުރެއްގައި އޭނާ ހައްޔަރުކޮށްފި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ރޮއިޓާސްއިން ބުނެފި އެވެ.
ޒާރާ އިންވެސްޓްމެންޓް ހޯލްޑިންގެ ބާނީ އަދި އަރަބް ބޭންކުގެ ޗެއާމަން އަލް މަސްރީ ހައްޔަރު ކުރީ "ކޮރަޕްޝަނުގެ މައްސަލައަކާ ބެހޭ ގޮތުން ސުވާލުކުރުމަށް" ކަމަށް އަރަބި ނޫހެއް ކަމަށްވާ ރައި އަލް ޔޫމް އިން ބުންޏެވެ. އަދި އެމައްސަލައާ ގުޅިގެން އަލް މަސްރީގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށް ވެސް އެނޫހުގައިވެ އެވެ.
ސައުދީ އާއި އުރުދުންގެ ރަށްވެހިކަން އޮންނަ އަލް މަސްރީ އަކީ ފަލަސްތީނުގެ އެންމެ މުއްސަނދި ވިޔަފާރިވެޔާ ކަމަށްވާ މުނީބު އަލް މަސްރީގެ އާއިލާގެ މެމްބަރެކެވެ. އަދި އުރުދުންގައި ހުންނަ އަރަބި ބޭންކަކީ އެގައުމުގެ ސަރުކާރަށް އެންމެ ގިނައިން ލޯނުދޭ ބޭންކެވެ. އެހެންކަމުން މަސްރީ ހައްޔަރު ކުރުން ވެގެން ދިޔައީ އޭނާގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އެތައް ހާސް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔަ ކަމަކަށެވެ.
މިދިޔަ މަހުގެ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ އެގައުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދަވައި، އެކޮމިޝަނަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސް ކުރައްވާފައެވެ. އެކޮމިޝަނުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި މިހާތަނަށް 11 ޕްރިންސުންނާއި ހަތަރު މިނިސްޓަރުންނާއި ކުރީގެ މިނިސްޓަރުން ހައްޔަރުކޮށްފައެވެ. (އަލްޖަޒީރާ)