ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅު ކޮށްފި އެވެ.
ގަލޮޅުދަނޑުގައި ރޭ ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗް ނިއުން ކާމިޔާބު ކުރީ 2-1 ލަނޑުން ނެވެ.
ބޯވާރޭގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑުޖަހާ ފުރަތަމަ ލީޑް ނެގީ ނިއު ރޭޑިއަނޓުން ނެވެ. އެގޮތުން މެޗްގެ ފަސް ވަނަ މިނެޓުގައި ނިއުއަށް ލީޑް ނަގައި ދިނީ އަބްދުލް ބާސިތު ނަގައިދިން ހުރަހަކުން އަހުމަދު ޒައިދެވެ. މެޗްގެ ކުރީ ކޮޅު ނިއުން ލީޑްނަގާ މެޗްގެ ކޮންޓުރޯލް ހޯދާފައި ވަނިކޮށް އީގަލްސް އިން ލަނޑެއް ޖަހާ ނަތީޖާ ހަމަ ހަމަ ކުޜީ މެޗްގެ 32 ވަނަ މިނެޓުގައެވެ. އެލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ ސީނިއާ ޓީމުގެ އަހުމަދު އިމާޒެވެ.
މެޗްގެ ފުރަތަމަ ހާފު ނިމުނު އިރު، 1-1 ލަނޑުން ދެ ޓީމް ވެސް ހަމަހަމަ ނަތީޖާއެއްގައި އޮތް އިރު، މެޗްގެ ދެ ވަނަހާފުގައި އިތުރު ލަނޑެއް ނިއު އިން ޖަހާ ނަތީޖާ 2-1 ލަނޑަށް ބަދަލުވެގެން ދިޔައީ މެޗްގެ 70 ވަނަ މިނެޓުގަ އެވެ. އެލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޖިލްވާޒް ޒާހިރެވެ.
ކުލަބް ވިޔެންސާ ފިޔަވައި، މުބާރާތުގައި މުޅިން ވެސް ބައިވެރިވެފައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކެވެ.
ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. ގުރޫޕް އޭގައި ހިމެނެނީ ނިއު އާއި އީގަލްސް އާއި ވިކްޓަރީ އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ބީގައި އޮތީ ވީބީ އާއި މާޒިޔާ އަދި ވެލެންސިއާ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާއި ދެ ވަނަ ޓީމެވެ. ދެ ގުރޫޕުން އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.
ފުރަތަމަ ސެމީން ބަލިވާ ޓީމަކަށް ފައިނަލުގެ ފުރުސަތު އޮންނާނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވެގެނެވެ. ތިން ވަނަ ސެމީގައި ދެން ވާދަކުރާނީ ދެ ގުރޫޕުން ދެވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ.
މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަގއި ބައްދަލުކުރާ ދެޓީމަކީ ގްރޫޕް ބީފަޅިން ބާދަކުރާ ވީބީ ސްޕޯޓްސް އާއި މާޒިޔާ އެވެ.