ބައިވެރިޔާއާ ޒުވާބު ކުރިޔަސް ދިމާއަށް ބުނެގެން ނުވާނެ އެއްޗެހި!

ކޮންމެ ގުޅުމެއްގައި ވެސް ދެބަސްވުންތަކާ ކުރިމަތިވާތަން އަންނާނެ އެވެ. އެކަކު ހިތްހަމަ ނުޖެހޭ ކަންތައް އަނެކާއަށް ކުރެވޭނެ އެވެ. ދެމަފިރިއެއްގެ ގުޅުމުގައި ވެސް ކަން އޮތީ މިހެންނެވެ. ނަމަވެސް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެ، ދެބަސްވެ އަރާރުންވާން ޖެހުނަސް އެކަކު އަނެކަކާ ދިމާއަށް ބުނެގެން ނުވާނެ އެއްޗެހި ހުންނާނެކަން ހަނދާން ބަހައްޓަން ޖެހެ އެވެ.

އަނެކާ ލަދުގަންނަކަހަލަ އެއްޗެއް ނުބުނާތި

ބައިވެރިޔާ އާ ދެބަސްވާ ފަހަރުތަކުގައި، އޭނާއަށް ކުރެވިފައި ހުރި ލަދުގަންނަވަރު ކަންތަކުގެ ވާހަކަ ނުދައްކާށެވެ. އަދި އަނެކާ ދަށްކޮށްލުމުގެ ބޭނުމުގައި ވެސް އެފަދަ އެއްޗެއް ނުބުނާށެވެ. މިސާލަށް ތިއީ ފިނޑި މީހެކޭ، ކުރަން އެނގޭ އެއްވެސް ކަމެއް ނޯވެޔޭ، ފަދަ އެއްޗެހި ނުބުނާށެވެ. ދެބަސްވިޔަސް އެކަކު އަނެކަކަށް އިހްތިރާމު ކުރާކަން ދައްކާށެވެ.

އަބަދުވެސް ކަންކުރަނީ މިހެން!

މިއީ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާއިރަށް އަނެކާއާ ދިމާއަށް ބުނާ "އަތްމަތީ" ބަހެކެވެ. ނަމަވެސް މިއީ ހިތްހަމަ ނުޖެހިގެން ޒުވާބެއް ކުރާއިރު އަނެކާ އާ ދިމާއަށް ބުނެގެން ނުވާނެ އެއްޗެކެވެ. އެންމެ ބޮޑު އިސްކަމެއްދޭން ވާނީ ދެމީހުންގެ ދެމެދަށް ވަދެފައިވާ ނުތަނަވަސްކަން ފިލުވާލައި އެއްގަލަކަށް އެރުމަށެވެ.

ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް، މިވާހަކަ އިތުރަށް ދައްކަނީ ކީއްވެ؟

ކޮންމެ ކަމެއްވެސް ހައްލުވާނީ އެކަމެއް ހަލުކުރަން ދެމީހުން ވާހަކަ ދައްކައިގެންނެވެ. ވާހަކަ ދައްކާނީ މައްސަލަ ބޮޑުކޮށް އަރައިރުންވުން ބޮޑުވާކަހަލަ ގޮތަކަށް ނޫނެވެ. މައްސަލަ ހައްލުކޮށް، އެއްގަލަކަށް އެރުމަށެވެ. ދެމީހުންގެ މެދުގައި އޮންނަ ގުޅުން ނިމުމަކަށް ގެނެސް އެކަކު އަނެކަކާ ވަކިވުމުގެ ބަދަލުގައި މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރަންވާނެ އެވެ.

ދެބަސްވުންތަކަކީ ކޮންމެ ގުޅުމެއްގައި ވެސް ކުރިމަތިވާނެ ކަމެއްކަން ހަނދާން ބަހައްޓައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ. މާފު ކުރުމާއި މާފަށް އެދި ކުށްގަބޫލުކުރުމަކީ އަނެކާގެ ހިތުގައި ތިމާއަށް އޮންނަ ލޯތްބާ ގަދަރު އަދި އިހްތިރާމް އިތުރުވާނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު