އޭބީއޭގެ 35 ވަނަ އާންމު ބައްދަލުވުން އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި

ބީއެމްއެލްގެ ހެޑްއޮފީސް ހިންގާ އިމާރާތް ---- ސަން ފައިލް ފޮޓޯ

އަންނަ އަހަރު އޭޝިއާ ސަރަހައްދުގެ ބޮޑު ބޭންކިންގް ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާނެ ކަމަށެވެ.

އޭޝިއާގެ 25 ގައުމެއްގެ މެންބަރު 80 މާލީ އިދާރާއާ އެކު އޭބީއޭ އިން މަސައްކަތްކުރަމުން ދަނީ ބޭންކިން އަދި ފައިނޭންސް ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށާއި މި ސަރަހައްދުގެ އިގްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އޭބީއޭގެ އަހަރީ ކޮންފަރެންސް އަކީ ސިނާއަތާ ގުޅޭ ކަންކަމާ އަދި ލިބެން ހުރި ފުރުސަތުތަކުގެ މުހިންމުކަމާ މެދު މި ސިނާއަތުގެ އިސްވެރިން މަޝްވަރާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އޭބީއޭގެ ބޯޑުގައި ބޭންކް އޮފް މޯލްޑިވްސް ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އެންޑްރޫ ހީލީ ކަމަށް އެ ބޭންކުން ބުންޏެވެ.

އެންޑްރޫއާ ހަވާލާދީ ބީއެމްއެލް އިން ބުނީ އޭޝިއަން ބޭންކާސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާނެ ގައުމަކަށް ދިވެހިރާއްޖެ ކަނޑައެޅި، ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެފަދަ ޝަރަފުވެރި ހަރަކާތެއް ބޭއްވުމަށް ލިބުނު ފުރުސަތަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ނުފޫޒު ގަދަ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާގެ އިތުރުން ޖުމްލަކޮށް ދިވެހިރާއްޖެ ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެންޑްރޫ ވިދާޅުވި ކަމަށެވެ.

ބީއެމްއެލް އިން ބުނީ، އޭޝިއާ ސަރަހައްދުގެ ބައިވެރިންނާ އަދި އެ ދާއިރާގެ މަޝްހޫރު ބައިނަލްއަޤްވާމީ ވާހަކަދެއްކުންތެރިންނާ އެކު ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތްތަކުން އެ ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށެވެ.

comment ކޮމެންޓް