ޗައިނާގެ އަސްކަރިއްޔާއިން އަވައްޓެރި ޓައިވާން ކައިރި ޕެޓްރޯލް ކުރަން ފަށައިފިއެވެ.
ޗައިނާ އިން ޓައިވާންގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލު ކުރަން ފަށާފައިވަނީ އެމެރިކާގެ މަނަވަރުތަކެއް ޓައިވާނަށް ޒިޔާރަތްކުރަން ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. ޗައިނާ އިން ޓައިވާން ބަލަނީ އެގައުމުގެ ބައެއްގެ ގޮތުގައެވެ. ނަަމަވެސް ޓައިވާން ޗައިނާގެ ސީދާ ބާރުގެ ދަށަށް ގެނައުމަށް ޗައިނާ އިން އަދި މިހާތަނަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެއެވެ.
ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށްބުނެ އިއްޔެ އިން ފެށިގެން ވައިގެ މަގުންނާއި ކަނޑު މަގުން ޗައިނާގެ އަސްކަރިއްޔާ އިން ދަނީ ޗައިނާ އާއި ޓައިވާން ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. މިކަމާ ގުޅިގެން ޓައިވާނުގެ އަސްކަރިއްޔާ އިން ބުނީ ޗައިނާގެ އަސްކަރިއްޔާގެ އަމަލުތައް ހުރިގޮތް ބެލުމަށް ޓައިވާނުގެ އަސްކަރިއްޔާގެ އުޅަނދުތައްވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިއީ އާ ކަމެއް ނޫން ނަމަވެސް ރައްޔިތުންގެ ސަލާމަތަށްޓަކާ ސަމާލުވެތިބެން އަސްކަރިއްޔާ އަށް މަޖުބޫރު ކަމަށްވެސް ޓައިވާނު ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޗައިނާ އާއި އެމެރިކާ އާއި ދެމެދު ކަންބޮޑުވުން އޮންނަ ހަމައެކަނި މައްސަލައަކީ ޓައިވާނުގެ މައްސަލައެވެ. އެމެރިކާގެ އަސްކަރިއްޔާގެ މަނަވަރުތައް ޓައިވާނަށް ޒިޔާރަތް ކުރާއިރު ޓައިވާނުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަތިޔާރު ތަކަކީ އެމެރިކާގެ އުފެއްދުންތަކެވެ.