ލައިފް ފެނުގެ 447 ވަނަ ބެޗަކީވެސް ހުއްދަ ލިބިގެން ބާޒާރަށް ނެރުނު ބެޗެއް: އައިބީސީ

ލައިފް ފެނުގެ 447 ވަނަ ބެޗަކީވެސް ހުއްދަ ލިބިގެން ބާޒާރަށް ނެރުނު ބެޗެއްކަމަށް އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ (އައިބީސީ) އިން ބުނެފިއެވެ. އިންޓަނޭޝަނަލް ބެވަރޭޖަސް ހިންގަނީ ހެޕީ މާކެޓުންނެވެ.

ލައިފް ފެނުގެ 447 ވަނަ ބެޗުގެފެންފުޅިތަކުގައި ކަޅު ކުލައިގެ ކުނޑިކޮޅުތަކެއް ހުރުމާ ގުޅިގެން އެ ބެޗްގެ ފެން ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އަންގައިފައެވެ. އެކަމާ ގުޅިގެން އައިބީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން އުފައްދާ ލައިފް ފެނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ ފެނެއްކަމަށެވެ.

އަދި ފެން އުފައްދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އައިބީސީގެ ފެން ޕްލާންޓްތަކުން އުފައްދާ ފެނަކީ ނޭޝަނަލް ހެލްތް ލެބޯޓްރީ އިން ޓެސްޓްކޮށް އެއްވެސް މައްސަލައެއް ނެތްކަމަށް އެ ފަރާތުން ރިޕޯޓުކުރުމުން ނޫނީ ބާޒާރަށް ނުވިއްކާ އެއްޗެއްކަމަށް އައިބީސީ އިން ބުނެއެވެ.

" މިގޮތުން ބެޗް 447 އަކީވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ނިސްބަތްވާ ނެޝަނަލް ހެލްތް ލެބޯޓްރީ އިން ޓެސްޓް ކުރެވި އޭގެ ފިޒިކަލް އެޕެއަރެންސް ކްލިއާ އެންޑް ކަލަ ލެސް ކަމަށް އެ އޮތީރިޓީގެ ރިޕޯތުގައި ބަޔާންކޮށްފައިވާ ބެޗެކެވެ." އައިބީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އައިބީސީ އިން ބުނީ 447 ވަނަ ބެޗްގެ ސާމްޕަލް ފުޅިތައްވެސް އެ ކުންފުނީގެ ސްޓޯރޭޖްގައި އެބަހުރި ކަމަށާއި އެއިން އެއްވެސް ފުޅިއެއްގައި އެމްއެފްޑީއޭގެ ބަޔާނުގައިބުނެފައިވާ ފަދަ ކުނޑިކޮޅުތައް ނެތް ކަމަށެވެ.

އަދި އެ ބެޗަށްފަހު ނެރުނު 100 އަށް ވުރެ ގިިނަ ބެޗުގައިވެސް އެފަދަ ކަމެއް ފާހަގަ ނުވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ވިއްކުން މަނާކުރި ބެޗްގެ ގާތްގަނޑަކަށް ފަސް ލައްކައެއްހާ ފުޅި އުފެއްދިކަމަށާއި އެއީ މީގެ ދެމަހެއްހާ ދުވަސް ކުރިން އުފެއްދި ބެޗެއް ކަމަށްވެސް އައިބީސީ އިން ބުނެއެެވެ.

މިހާރު އޭގެ ގިނަ އަދަދެއްގެ ފެން ވަނީ، ވިކިފައި. ފެކްޓަރީގައި ހުރި އެ ބެޗުގެ ފެން އަޅުގަނޑުމެން ޗެކްކުރި އިރު އެއިން އެއްވެސް މައްސަލައެއް ނުފެނުނު،" ހެޕީމާކެޓްގެ ސީއީއޯ މީގެ ކުރިން ސަންއަށް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް