ގާސިމް ޖަރުމަނަށް ވަޑައިގެން ފިއްލަވާފައިވާ ކަމަށް އަނިލް ވިދާޅުވެއްޖެ

އިދިކޮޅު ކޯލިޝަނުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ އެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިތުގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގެން "ފިއްލަވާފައި"ވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އެ ގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އަނިލް ވިދާޅުވީ، ގާސިމަކީ މަޖިލިސް މެމްބަރުން ތަކަކަށް ރިޝްވަތު ދިނުމަށް ހުށަހެޅި ކަމުގެ ކުށުގައި ޖަލަށް ލާފައިވާ ބޭފުޅެއް ނަމަވެސް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް އެދުމުން އެކަމަށް ސަރުކާރުން ހުއްދަދިން ކަމަށެވެ.

ނަމަވެސް މީގެ ހަފްތާއެއް ކުރިން ގާސިމް ޖަރުމަނަށް ވަޑައިގެން ފިއްލަވާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"ގާސިމް އެދިވަޑައިގަތީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން. އެކަމުގެ ހުއްދަ ސަރުކާރުން ދިން. ނަމަވެސް މީގެ ހަފްތާ ތަކެއް ކުރިން އޭނާ ވަނީ ޖަރުމަނަށް ފިއްލަވާފައި. އޭގެ ފަހުން އޭނާގެ މައުލޫމާތެއް ލިބިފައެއް ނުވޭ،" ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭޖީ ވިދާޅުވި އެވެ.

ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ ގާސިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އޭރު ކަރެކްޝަނަލް ސާވިސް އިން އޭނާއަށް ދިނީ އެންމެ 10 ދުވަހުގެ މުއްދަތަކެވެ.

ނަމަވެސް ގާސިމްގެ އާއިލާގެ އެދުމަކަށް ބޭސްފަރުވާ ކުރުމުގެ މުއްދަތަށް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އިތުރު 10 ދުވަސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރު ކޮށްދިނެވެ. އަދި އެ މުއްދަތު ހަމަވުމުން، ރާއްޖެ އައުމަށް ގާސިމަށް އެންގިއެވެ.

ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ފުލައިޓަށް ނޭރުވޭނެ ކަމަށް ސިންގަޕޫރު އެއާލައިނުން އެންގި ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވުމުން ކަރެކްޝަނަލް ސާވިސް އިން ގާސިމް ރާއްޖެ އައުމަށް އިތުރު ފަސް ދުވަސް ދިނެވެ.

އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ގާސިމްގެ ގާނޫނީ ވަކީލުން ވިދާޅުވީ، ގާސިމަކީ ފްލައިޓުގައި ދަތުރު ކުރުމަށް ފިޓް މީހެއް ނޫން ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ ދަތުރު ނުކުރެވޭނެ ކަމަށް އެއާލައިނުން އެންގި ކަމަށެވެ.

ނަމަވެސް އިތުރަށް މުއްދަތު އިތުރު ނުކުރާން ނިންމައި، ގާސިމް ފިއްލަވައިގެން އުޅުއްވާ ކަމަށް ނިންމައި އޭނާ ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ފުލުހުންގެ ކިބައިން އެދުނެވެ.

އޭގެ ފަހުން ގާސިމްގެ ފަރާތުން ދެ މަސް ވަންދެން ޚަބަރެއް ނުވެ ހުރުމަށްފަހު ގާސިމްގެ ވަކީލުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ނެރު ނޫސް ބަޔާނެއްގައި ބުނީ، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ގާސިމް އެ ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ޒަމާނުއްސުރެ ގާސިމްގެ ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދަނީ ޖަރުމަނުންނެވެ. އަދި ގާސިމް ޖަރުމަނުގައި މިހާރު ފަރުވާ ހޯއްދަވަމުން ދަނީ ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ބުނެފައިވެއެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ގާސިމްގެ ވާހަކަ އޭޖީ އަނިލް ފާހަގަކުރެއްވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ހުންނެވި އިދިކޮޅު ލީޑަރުންނަށް އެކި ހުކުމްތައް ކޮށްފައިވަނީ އެބޭފުޅުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވިޔަ ނުދޭން ކަމަށް ދައްކާ ވާހަކަތައް ދޮގު ކުރައްވައެވެ.

އަނިލް ވިދާޅުވީ، ގާސިމްގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް ކެންޑިޑޭޓުންގެ އުމުރު ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުމުރަށް ވުރެ ގާސިމް ދޮށި ވުމުން އޭނާއަށް ވެރިކަމަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ.

comment ކޮމެންޓް