އެމްއެންބީސީ ވަން އިން ރޭ ދެއްކި ދީނީ ޕްރޮގްރާމް، "މަރުހަބާ ރަމަޟާން"ގައި ލަވަ އާއި މިޔުޒިކަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އެންމެން ވެސް އެކަމުން ދުރުވުމަށް ކުރީގެ ލަވަކިޔުންތެރިޔާ އަބްދުލް ބާރީ ގޮވައިލެއްވި ބައި އެމްއެންބީސީން ސެންސަރުކޮށްފި އެވެ.
ރޭ 11:30 ން 12:00 އަށް ކުރިއަށް ގެންދިޔަ މަރުހަބާ ރަމަޟާންގެ ފުރަތަމަ ޕްރޮގްރާމްގެ ޕްރޮޑަކްޝަން ޓީމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭގެ ޕްރޮގްރާމްގައި ހިމަނާފައިވާ ބާރީގެ އިންޓަވިއުގެ ބައިތަކެއް އުނިކުރަން އެމްއެންބީސީން އެންގީ އިއްޔެ އިރުއޮއްސެން އުޅެނިކޮށް ކަމަށެވެ. ސެންސަރުކުރަން އެންގީ ލަވަކިޔުމަކީ ހަރާމްކަމެއް ކަމަށް ބުނެ ލަވަކިޔުން ހުއްޓާލުމަށް ލަވަކިޔުންތެރިންނަށާއި ފަންނާނުންނަށް ބާރީ ގޮވާލާފައިވާ ބައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ދޮޅު މިނެޓެއް ހާތަންކަޑާލީ. އެތަނުގައި ބާރީ ވިދާޅުވެފައި އޮތީ ތިމަންނާ ލަވަކިޔުން ހުއްޓާލީ އެއީ ހަރާމް ކަމަކަށް ވާތީއޭ. އެހެންވީމާ އެހެންވީމާ މިހާރު ލަވަކިޔާ ލަވަކިޔުންތެރިންވެސް އަވަހަސް އެކަމުން ދުރުވެ ގަންނާށޭ. އެތަންކޮޅު ރޭގެ ޕްރޮގްރާމުން އުނި ކޮށްލީ. މީގެ ކުރިން އަންގާފައެއްވެސް ނެތް. ހަމަ ކުއްލި ގޮތަކަށް މޮންދު އަޅުގަނޑުމެންނާ ބައްދަލުކުރައްވާފައި އެ އިންޓަވިއުގެ މައްސަލަޖެއްސެވީ،" މަސްލަހަތަށްޓަކައި ނަން ހާމަކުރަން އުޒުރުވެރިވެ، އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް )މޮންދު( މިއަދު ވިދާޅުވީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއާ ގުޅިގެން އުފެއްދި ޕްރޮގްރާމަކަށް ވުމުން ޕްރޮޑަކްޝަން ޓީމާއި ކުންފުނީގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންދިޔަކަމަށާއި އެ މަޝްވަރާތަކުގައި ނޫހަށް ހާމަކުރަންޖެހޭފަދަ ވާހަކައެއް ނެތް ކަމަށެވެ.
"އޭގައި (އެ ޕްރޮގްރާމްގައި) މައްސަލައެއް ނުޖެހޭ. ދެން އަޅުގަނޑުމެންނާއި ގުޅިގެން އުފައްދާ ޕްރޮގްރާމަކަށް ވުމުން މަޝްވަރާތައް ކުރި. އޭގައި ނޫހަށް ހާމަކުރަންޖެހޭ ވާހަކައެއް ނެތް. ކަނޑާ ލައިގެން މައްސަލަޖެހުނު ބައެއްވެސްނެތް،" މޮންދު ވިދާޅުވި އެވެ.
އެމްއެންބީސީއާއެކު އެގްރިމެންޓެއްގެ ދަށުން މަސައްކަތްކުރަމުންދާ އިސްލާމިކް ފައުންޑޭޝަނުން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.
އަދި ބާރީވެސް ބުނީ، ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.