އެވޯޑް ލިބުނީ ދަރުމަވެރިއަކަށް ވީތީ، އެކަމަކު މިއީ ތިމާވެށީގެ ޒުވާން ބަތަލެއް!

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު--

އަހްމަދު ނަޝީދު (އައްމަޑޭ)ގެ މަސައްކަތް ދަރުމަވެރިއެއްގެ ގޮތުގައި ފެށިގެން ދިޔައީ ސްކޫލް ދައުރުގައި ސްކައުޓް ހަރަކާތާ ގުޅުނު ހިސާބުން 2000 ވަނަ އަހަރު އެވެ. ނަމަވެސް އެ ދާއިރާއިން އޭނާގެ މަސައްކަތް މެދު އުޑުގައި ފިޔަޖަން ފެށީ 2004 ވަނަ އަހަރު އޯލެވެލް ނިންމުމަށް ފަހު އަމީރު އަހުމަދު ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅުނު ހިސާބުންނެވެ.

ދިރިހުރުމުގެ އެއް އަސާސް ކަމުގައި އައްމަޑޭ ގަބޫލުކުރައްވާ، ކައުޓް ހަރަކާތުގެތެރެއިން އޭނާ ދަރުމައަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ސްކައުޓް ލީޑަރަކަށް ވެވަޑައިގެންނެވި ފަހުން އެ ހަރަކާތް އެކި ކުދިންނަށް އުނގަންނައި ދެއްވުމަށް ރަށްރަށަށް ވަޑައިގަތީ އެއްވެސް އުޖޫރައަކާ ނުލަ އެވެ. އެ މަސައްކަތުގައި އޭނާ އެންމެ އުހަށް ވަޑައިގެންނެވިކަން ދޭހަ ކޮށްދެނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅަކަށް އޭނާ ދަތުރުކުރައްވައި ދަރިވަރުންނަށް ތަމްރީނު ދެއްވާފައިވާތީ އެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު--

ދަރުމަވެރި ކަމުގެ ދާއިރާއިން އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ވަނީ މި އަހަރުގެ ޒުވާނުންގެ ދުވަހު އޭނާ އަށް އެ ދާއިރާ އިން އެވޯޑް ދީފަ އެވެ. މިއީ އައްމަޑޭ ދަރުމައަށް ކުރައްވަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ވަރަށް ބޮޑު ހިތްވަރެއް ލިބިގެން މިދިޔައީ. އަސްލު މި މަސައްކަތަކީ އެވޯޑަކަށް ނުވަތަ އުޖޫރައަށް ކުރާ ކަމެއް ނޫން. މިއީ އިންސާނަކަށް ވީތީ ކޮންމެ މީހަކު ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް،" ފިލިޕިންސްގައި ހުންނަވައިގެން "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައްމަޑޭ،32، ވިދާޅުވި އެވެ.

ދަރުމައަށް މަސައްކަތް ކުރުމުގެ ތެރެއިން އޭނާގެ ނަން ހާއްސަ ގޮތެއްގައި ފަވާލަން ޖެހެނީ ތިމާވެއްޓަށް އޭނާ ކުރައްވަމުން ދިޔަ ހިދުމަތަށެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ޓަކައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ. އެއްވެސް އުޖޫރައަކާ ނުލައި ޒުވާން "ޖޯރު" އޭނާ ލަމުން ގެންދަނީ ނިކަމެތި ފައްތަރެއްގައި އޮތް ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު--

"ޑަބްލިޔު ޑަބްލިޔު އެފް އޮސްޓްރޭލިއާ" އިން 2007 ވަނަ އަހަރު ފެށި ތިމާވެށި ހިމާޔަތްކުރުމާއި އިސްރާފުކުރެވޭ ކަރަންޓް މަދުކުރުމުގެ ބޮޑު ކެމްޕެއިން، "އާތު އަވާ" 2009 ވަނަ އަހަރު މުޅި ދުނިޔެއަށް ހުޅުވާލުމާ އެކު، އެ ކެމްޕެއިން ރާއްޖެ އަށް ގެންނެވި މޭސްތިރިއަކީ އައްމަޑޭ އެވެ. އައްމަޑޭ ވިދާޅުވީ އެ ކެމްޕެއިންގައި ރާއްޖެ އިން ބައިވެރިވާން ނިންމީ ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެ އަށް ކަމަށްވާތީ ކަމަށެވެ.

"އެ ކެމްޕެއިން ރާއްޖޭގައި ހިންގުމަށް ޓަކައި އެފަރާތާއި މުޢާމަލާތްކޮށް 2009 ވަނަ އަހަރު ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެކެމްޕެއިން ތަޢާރަފްކޮށް، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް މެދުވެރިކޮށް މުޅި ރާއްޖޭގައި ކެމްޕޭން ހިންގީ. އެއީ ވަރަށް ކާމިޔާބުކަމާ އެކު ކުރެވުނު މަސައްކަތެއް،" ދާދި ފަހުން އިންތިހާބު ކުރި ސްކައުޓް ކައުންސިލްގައި ވެސް ހިމެނި ވަޑައިގަންނަވާ އައްމަޑޭ ވިދާޅުވި އެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު--

އައްމަޑޭގެ އިސް ނެންގެވުމާ އެކު ރާއްޖޭގައި ފެށިގެން ދިޔަ އާތުއަވާ ކެމްޕޭނަކީ މިއަދު ރާއްޖޭގެ ހުރިހާ ރަށަކުން ފެށިގެން ގޮސް ރިސޯޓްތަކުގައި ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. އޭނާގެ އެ މަސައްކަތް ރައްޔިތުން ބަލައިގަނެ ދުނިޔެއަށް ޓަކައި 60 މިނިޓް ދިނުމަށް ތަންތަން ނިވާލައި ކަރަންޓް އިސްރާފު ކުރުމާ ދެކޮޅަށް އަޑު އުފުލުމަކީ އައްމަޑޭ ގަބޫލު ކުރާ ގޮތުގައި އޭނާ ކުރައްވަމުން އަންނަ މަސައްކަތް ކާމިޔާބުވި ކަމުގެ އިހްސާސް ކުރެވޭ ކަމެކެވެ.

"ރައްޔިތުން ތިމާވެއްޓާ މެދު ހޭލުންތެރިވާ މިންވަރު ދައްކުވައިދޭ ނިވާލާ އެންމެ ހޮޅިބުރި އަކުން ވެސް. އަދި ހަމަ ވަރަށް ފާހަގަކޮށްލަން 2014 ވަނަ އަހަރުގެ އާތު އަވާ ގްލޯބަލްގެ އޮފިޝަލް "ހީރޯސް އެރައުންޑް ދި ވޯލްޑް" ވީޑިއޯގައި ރާއްޖެ ހިމެނުން ވެސް އެއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ރާއްޖޭގެ އާތް އަވާ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރައްވާތާ މިހާރު ނުވަ އަހަރު ވެފައިވާ އައްމަޑޭ ވިދާޅުވި އެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު ސްކައުޓް ކޭމްޕެއްގައި ހަރަކާތްތެރިވަނީ--

މީގެ އިތުރުން ވެސް އައްމަޑޭވަނީ ތިމާވެށީގެ ދާއިރާއިންނާއި ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން ތަފާތު ގިނަ މަސައްކަތްތައް ކުރައްވައިފަ އެވެ. އައްމަޑޭއަކީ ދިވެހި ރާއްޖޭގެ ރެޑް ކްރެސެންޓްގައި ހިލޭސާބަހަށް ހިދުމަތް ކުރައްވަމުން އަންނަ ޒުވާނެކެވެ. އޭނާ ސްކައުޓް ތެރޭގައި ހޭދަކުރެއްވި 17 އަހަރުގެ ތެރޭގައި ވަނީ ތިމާވެއްޓާ ގުޅުން ހުރި އެތައް ހަރަކާތެއް ސްކައުޓް ކުދިންނަށާއި ޖުމުލުކޮށް އެންމެންނަށް ވެސް ހިންގައިފަ އެވެ.

"ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް މިކުރެވެނީ ބޮޑަށް ސްކައުޓްގެ ތެރެއިން. ދެހާސް އެގާރަ ވަނަ އަހަރު އަރަބިއްޔާ ސްކައުޓް ގުރޫޕުން ކ. ގުރައިދޫގައި ބޭއްވި 'އެނުއަލް ކޭމްޕޮރީ' އާއި 2012 ވަނަ އަހަރު ކ. ހުރާގައި ބޭއްވި 'ގްރީން އެޑްވެންޗަރ ކޭމްޕް' އަކީ އަޅުގަނޑު ކޭމްޕްގެ ޗީފް އެއްގޮތުގައި ހުރެ، ސީދާ ތިމާވެށި ހިމާޔަތްކުރުމަށް ސްކައުޓުން އަހުލުވެރި ކުރުމަށް ޓަކައި އެކަމަށް ހާއްސަކޮށް ބޭއްވި ކޭމްޕް ތަކެއް،" އައްމަޑޭ ވިދާޅުވި އެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު ރާއްޖޭން ބޭރު ސްކައުޓުން ތަކަކާއި އެކު--

އައްމަޑޭ ތިމާވެއްޓަށް ހިދުމަތް ކުރުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އޭނާ އަށް ވަނީ މީގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީ އިން ހޮވި"އެންވަޔަރަމެންޓަލް ޗެމްޕިއަންސް އެވޯޑް" ވެސް ލިބިވަޑައިގެންފަ އެވެ. އޭނާ އަށް އެ އެވޯޑް ލިބިވަޑައިގަތީ ރާއްޖެ އިން ނެތެމުންދާ ނުވަތަ މަދުވަމުންދާ މާމެލާމެލީގެ ބާވަތްތައް އާލާކޮށް ދިރުވުމަށް ޓައި އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ކެމްޕެއިންއެއްގައި ބައިވެރިވެ އޭނާ ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ ގައުމީ އިނާމް ދަރުމަވެރިކަމުގެ ރޮނގުން ހާސިލް ކުރެއްވި އަހްމަދު ނަޝީދު ސްކައުޓުންނަށް ކުރިއަށް ގެންދެވި ކޭމްޕެއްގެ ތެރެއިން--

މިއީ އައްމަޑޭ ކުރައްވަމުން އަންނަ މަސައްކަތުގެ ކުރު ހުލާސާއެކެވެ. މީނުން ވެސް އެތައް މަސައްކަތެއް ދަރުމައަށް ހިދުމަތް ކުރުމުގެ ދާއިރާއިންނާއި ތިމާވެއްޓަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން އޭނާ ދަނީ ކުރައްވަމުންނެވެ. އެ މަސައްކަތުގައި އައްމަޑޭ އަދި ވެސް ދެމި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދާއިރާ އިން އަންމަޑޭގެ ތަރި ފަނޑުވުމެއް ނެތެވެ.

comment ކޮމެންޓް