މުޅި ޒިމްބާބުވޭ އަށް އުފާވެރިކަމުގެ ސާލެއް ވަނީ ދަމާލާފަ އެވެ. ޒިމްބާބުވޭގެ ރައްޔިތުން އެދޭ ގޮތަށް ގައުމަށް އައި ބަދަލާ އެކު މިހާރު ޒިމްބާބުވޭ އެވަނީ ރައްޔިތުންގެ ހަގީގީ "ޒިމްބާބުވޭކަން" ކަށަވަރުވެފަ އެވެ. އުފާފާޅު ކުރުމަށް އެއްވި މީހުންގެ ހަޅޭކާއި ގުގުމުންތަކާ އެކު ، ޒަމާންތަކަކަށް ޒިމްބާބުވޭ ރައްޔިތުން އުފުލި ހިތާމަތައް ސިއްކަ ޖެހުމުގެ އިހްސާސްތަކާ އެކު އަލިވިލީ މުޅިން އާ ޒިމްބާވުވޭއެކެވެ.
ތިރީސް ހަތް އަހަރު ވެރިކަން ކުރެއްވި މުގާބޭ ރޭގެ ކުރީރޭ ވަނީ އޭނަ އަށް ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުތަކާ އެކު އެންމެފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އެފްރިކާގެ އެންމެ ވަރުގަދަ ޝަހުސިއްޔަތުގެ ގޮތުގައި ބެލެވުނު މުގާބޭ އިސްތިއުފާދެއްވި އިރު މުގާބޭގެ މަގުބޫލުކަން ވެސް ވަނީ ދުވަހަކު ވެސް ނުދާހާ ވަރަށް ދަށަށް ގޮސްފަ އެވެ.
އާ ފަތިހަކަށް ޒިމްބާބުވޭ އަލިވެގެން އައިއިރު ސިޔާސީ މާހިރުން މިހާރު ވެސް ދަނީ ޒިމްބާބުބޭގެ ކުރިމަގާ މެދު ސުވާލުއުފައްދަމުންނެވެ. ކުރިމަގު ކިތަންމެ އުޖާލާކަމަށް ޒިމްބާބުވޭ އެތަކެއް ރައްޔިތުންނަށް އިހުސާސްކުރެވުނަސް ކުރިމަތީ އަދި އޮތީ ކޮންފަދަ ބަނަ ދުވަސްތަކެއް ކަމެއް އަންދާޒާ ނުކުރެވިދާނެ އެވެ. ޑިމޮކްރަސީގެ އަވާމެންދުރުގައި ޖެހި އަރަބި ގިނަ ގައުމުތަކެއް ސުންނާފަތިވެފައިވާ މަންޒަރަކީ މިހާރު އާ މަންޒަރެއް ނޫނެެވެ.
މުގާބޭގެ ކުރު ތައާރަފެއް
ފަގީރު އާއިލާއަކަށް ނިސްބަތްވެވަޑައިގެންނެވި މުގާބޭ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1924 ވަނަ އިނގިރޭސިންގެ އިސްތިއުމާރުގައި އޮތް އުތުރު ރޮޑީޝިއާ (މިހާރުގެ ޒިމްބާބުވޭ) އަށެވެ.
ސައުތު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒެކޭ އެއްގޮތަށް ޒިމްބާބުވޭ ވެސް މުޅިންހެން ކޮންޓްރޯލް ކުރަމުންދިޔައީ ދޮން ނަސްލުގެ މީހުންނެވެ.
ގާނާގައި ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މުގާބޭ ހޭލައްވާލީ އެގައުމުގައި އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް ކުރަމުންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. ގާނާއަކީ އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނު ފުރަތަމަ އެފްރިކާގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ތާރީހާއި އިންގްލިޝް ލިޓްރެޗާއިން ފުރަތަމަ ޑިގްރީ ނެންގެވި މުގާބޭއަކީ ތައުލީމީ ދާއިރާގައި ވެސް އަރާ ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ހަ ދާއިރާއަކުން ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އެގޮތުން ދެ ޑިގްރީ ހާސިލްކުރެއްވީ ޖަލުގައި ހުންނެވިއިރު އެވެ.
މުގާބޭ ގައުމަށް އަނބުރާ ވަޑައިގެންނެވުމަށް ފަހު އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވަން ފެށުމުގެ ސަބަބުން އެމަނިކުފާނު ޖަލަށް ވެސްލި އެވެ. ނަމަވެސް ފަހުން މޮޒަންބީކްއަށް ވަޑައިގެން އިނގިރޭސިންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމަފެށުމުގެ ނަތީޖާއެއްގެ ގޮތުން ޒިމްބާބުވޭއަށް މިނިވަންކަން ލިބިގެން ދިޔަ އެވެ.
މުގާބޭގެ ވެރިކަމުގެ ދުވަސްތައް
މުގާބޭ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ޒިމްބާބުވޭ މުޅިން އާ އުސްމިނަކަށް ގެންދިޔުމަށް ޓަކައި ވަނީ ވަރަށް ބޮޑެތި މަސައްކަތްކުރައްވައިފަ އެވެ. ކުރިން ދޮންނަސްލުގެ މީހުންނަށް ހާއްސަކޮށްފައި އޮތް ތައުލީމް އަދި ސިއްހީ އިމްތިޔާޒުތައް އުވާލައި ކަޅުނަސްލުގެ މީހުންނަށް ވެސް އެ ހިދުމަތްތައް ލިބޭނެމަގުތައް ތަނަވަސްކުރެއްވި އެވެ. ހިލޭ ބޭސްފަރުވާއާއި ތައުލީމަކީ ޒިމްބާބުވޭގެ ރައްޔިތުން އަޑުއެހި އެއްޗެއް ނޫނެވެ.
ދޮންމީހުންގެ ވެރިކަމުގެ ދުވަސްވަރު ދަނޑުބިންތަކަަށް ވެރިވެގެން އޮތް އޮތުން ނިމުމަކަށް ގެނެސް ވަނީ ދަނޑުބިންތައް އަނބުރާ އެގައުމުގެ ހަގީގީ ރައްޔިތުންނަށް ހޯއްދަވައިދެއްވައިފަ އެވެ.
ނެލްސަން މަންޑޭލާއަކީ އެފްރިކާގެ އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތު ކަމުގައި ވިޔަސް އެފްރިކާގައި މުގާބޭ ވަރުގެ ޝަހުސިއްޔަތެއް ނެތެވެ. މަންޑޭލާ ދެކުނު އެފްރިކާއަށް މިނިވަންކަން ހޯދައިދިން ނަމަވެސް މިހާތަނަށް ވެސް ދަނޑުބިންތައް ގައުމުގެ އަސްލު ކަޅުނަސްލުގެ ވަޒަންވެރިންނަށް ހޯދައިނުދެނެވުނު އިރު ގައުމަގު އިގްތިސާދާ އަމާންކަން ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މުގާބޭގެ ސިޔާސަތު ވެގެން ދިޔައީ ހުޅަނގުގެ ގައުމުތަކުން ބަލައިގަތް ސިޔާސަތުތަކަށް ނޫނެވެ. ހާއްސަކޮށް ދަނޑުބިންތައް ދޮން މީހުންގެ އަތުން އަނބުރާ ގައުމުގެ ހަގީގީ ވެރިންނަށް ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތަށް ބައިނަލްގްވާމީ ގޮތުން ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެގެންދިޔަ އެވެ.
ދެހާސް އެއްވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝްގެ ވެރިކަމުގައި ވަނީ ޒިމްބާބްވޭގައި ޑިމޮކްރަސީގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ބުނެ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
މުގާބޭގެ ވެރިކަމުގައި ސިއްކަ ޖެހުނީ ކީއްވެ؟
ގިނަބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދެވި މުގާބޭގެ ވެރިކަމުގައި ސިއްކަ ޖެހުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އެއާ އެކު އެގައުމަށް މާލީ އިދާރާތަކުން ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން ގައުމުގައި ފައިސާގެ އަގު ވެއްޓި ގައުމުގެ ރައްޔިތުން ބަނޑަށް ޖެހުނީ އިސާހިތަކު އެވެ.
ކުރިން އެމެރިކާ ޑޮލަރަކަށް އެއް ޒިމްބާބުވޭ ޑޮލަރު ޖެހުނުއިރު 2010 ވަނަ އަހަރު އެއް އެމެރިކާ ޑޮލަރަށް ޖެހުނީ 35 ކުއާޑްރިލިއަން ޒިމްބާބުވޭ ޑޮލަރު އެވެ. އިރާގާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެސް އެގައުމުގެ ފައިސާގެ އަގު ވެސް އެފަދަ ދަރަޖައަކަށް ވެއްޓިގެނެއް ނުދެ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަނޑުވެރިކަމަށް އިންތިހާއަށް އަސަރުކުރި އެވެ. ދަނޑުވެރިކަމަށް ބޭނުންކުރާ މެޝަނަރީތަކާއި ގަސްކާނާއާ އެހެނިހެން ވަސީލަތްތައް ލިބުމުގައި ދަތިވެ، ގައުމުގެ ދަތުރުފަތުރުކުރުމުގެ ނިޒާމް އިނދެޖެހުމުގެ ސަބަބުން ޒިމްބާބްވޭ އިސާހިތަކު ބަނޑަށްޖެހިގެން ދިޔަ އެވެ. އަދި މޫސުމީ ގޮތުން އައިބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރި އަސަރުގެ ސަބަބުން ގައުމުގެ ހާލަތު މުޅިން ނުބައިން ނުބަޔަށް ދިޔަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގައުމުތަކުގެ ރައްޔިތުން އެ ގައުމުގެ ވެރިންނާ ދެކޮޅަށް އުތުރިއަރައިގަތުމަށް ބޭނުންކުރާ ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ. ހާއްސަކޮށް ގައުމެއްގެ ވެރިއަކު ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ގޮތަށް ދީލާނުލާ ނަމަ އެފަދަ ގައުމުތައް ބަނޑަށްޖައްސާލުމަކީ ވަރަށް އާންމުކަމެކެވެ.
ހުޅަނގުގެ ގައުމުތަކުން ވަނީ ޒިމްބާބުވޭގެ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލާފައި
ޒިމްބާބްވޭއަށް ކުރިމަތިވެގެން ދިޔަ ބޮޑު އިންސާނީ މުސީބާތުގެ ހަގީގަތް އޮޅުވާލައި އޭގެ އިލްޒާމް މުގާބޭގެ ބޮލުގައި އަޅުވަން ހުޅަނގުގެ މީޑިއާތަކުން ވަނީ ކެނޑިނޭޅި މަސައްކަތް ކޮށްފަ އެވެ. ހުދު މިރާއްޖޭގައި ވެސް ސިޔާސީ ގޮތުން ވަކި ފިކުރަކަށް ޖެހިފައިވާ ޕާޓީއަކުން ވެސް އެ ފަރާތްތަކުގެ މީޑިއާތަކުގައި މުގާބޭއާ ދެކޮޅަށް ވާހަކަތައް ގެނެސްދިނުމަކީ އާންމުކަމެކެވެ.
ހުޅަނގުގެ މީޑިއާތަކުން ފެށުނީއްސުރެ ވެސް ބުނަމުން ދިޔައީ ގައުމު ބަނޑަށް ޖެހިގެން ދިޔައީ މުގާބޭ ދޮންނަސްލުގެ މީހުންގެ އަތުން ދަނޑުބިންތައް އަތުލުމަށް ފަހު މުގާބޭ ކަޅުނަސްލުގެ އޭނާއަށް ވަފާތެރިންނަށް އެ ދަނޑުބިންތައް ހަވާލުކުރުމުގެ ސަބަބުން އެމީހުންނަށް ދަނޑުވެރިކަން ރަނގަޅަށް ނުކުރެވުމުގެ ސަބަބުންނެވެ.
ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ނެތްކަމެއް ކަން އިނގިރޭސިވިލާތުގެ ސަސެކްސް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ޑިވޮލްޕްމަންޓް ސްޓަޑީސް އިން ކުރި ދިރާސާއިން ވަނީ ހާމަވެގެން ގޮސްފަ އެވެ. އަދި ދަނޑުބިންތައް ކަޅުނަސްލުގެ މީހުންނަށް އަނބުރާ ހޯއްދަވައި ދިންއިރު ދީފައިވަނީ އެންމެ ދަށްފަންތީގެ މީހުންނަށްކަން އެ ޔުނިވާސީޓިން ކުރި ދިރާސާއިން ވަނީ ހާމަވެގެން ގޮސްފަ އެވެ. ހުދު ބީބީސީ އިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.
ޑިމޮކްރަސީ: ވަރަށް ނުރައްކާތެރި "ހަތިޔާރެއް"
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި "ޑިމޮކްރަސީ" ހަތިޔާރެއްގެ ގޮތުގައި އެ ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަން ބޭނުންކުރާހެން ޒިމްބާބުވޭގައި ވެސް ވަނީ އެކަން ވަރަށް ބޮޑަށް ވަނީ ފެނިގެންގޮސްފަ އެވެ. "ޑިމޮކްރަސީ"ގެ ފޮނި މޭވާގެ ދަޅަދައްކައިގެން އެމެރިކާއާއި އިނިގިރޭސިވިލާތުގެ މަދަދު ލިބިގެން މަސައްކަތްކުރާ ކިތަންމެ ސިޔާސީވެރިންނެއް ޒިމްބާބުވޭގައި ވެސް އުޅު އެވެ.
ޒިމްބާބުވޭގެ ހާލަތު ގޯސްވެގެން ދިޔައިރު މުގާބޭއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ގައުމަށް ދިމާވެފައިވާ ހަގީގީ މައްސަލަތައް ރައްޔިތުންނަށް ވިސްނައިނުދެވުމުގެ މައްސަލައެވެ. މުގާބޭ އަބަދު ވެސް ބުނަމުން ދިޔައީ އިސްތިއުމާރީ ބާރުތަކުން އެގައުމަށް އަތްގަދަކޮށް އެ ގައުމު ހަލާކު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް އަބަދު" ވިއްކުމަކީ" މުގާބޭއަށް ވެސް ކުރެވޭވަރުގެ ކަމަކަށް ނުވި އެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކޮރަޕްޝަން އޮންނަހެން ޒިމްބާބުވޭގައި ވެސް ކޮރަޕްޝަނުގެ މޫ ވަނީ ވަރަށް އަޑިއަށް ލައިފަ އެވެ.
ނަމަވެސް "ޑިމޮކްރަސީ" ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އިރު އަބަދު ވެސް އޭގެ މަގްސަދަކީ ކަމުގެ އެއްފަރާތް ހަމާކުރުމެވެ. މި މޭރުމުން ޒިމްބާބުވޭގައި ވެސް ކަންހިނގައިފައި ވަނީ ހަމަ މިމޭރުމުންނެވެ. ފަނާކުރަނިވި "ޑިމޮކްރަސީ" އިން މަސައްކަތްކޮށްފައި ވަނީ ގައުމުގެ އިނދަޖެހުމުގެ ހުރިހާ އިލްޒާމެއް މުގާބޭގެ ބޮލުގައި އެޅުވުމަށެވެ.
ބާއާވާތެއް ގެންނަން އުޅޭކަން މާކުރިންވެސް މުގާބޭއަށް އެނގޭ
މީގެ ކުރިން ވެސް މުގާބޭ މަގާމުން ދުރުކުރުމަށް ޓަކައި ބަޣާވާތެއް ގެންނަން އުޅޭކަން އެކި ސިފަސިފައިގައި ވަނީ އަޑުއަރައިފަ އެވެ.
ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ބަޣާވާތުގެ ހަގީގަށް ވެސް ވަރަށް ބޮޑަށް އޮޅުވާލަން މަސައްކަތްކޮށްފަ އެވެ. އެގޮތުން އެ ބަޢާވާތުގެ އަސްލަކީ މުގާބޭ އޭނާގެ އަންހެނުންނަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ސަބަބުން ދިވާމި ކަމެއް ކަމަށް ދައްކަން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހަގީގަތަކީ ޒިމްބާބުވޭގައި ވެރިކަމަށް ލޯ އަޅަން އެތައް ބަޔަކު ތިބިކަމެވެ.
މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެމާސަން މުނަންގަގުވާ އަކީ ޑިމޮކްރަސީއަށް އެގައުމު ގެންދިޔުމަށް އެޅުނު ރަނގަޅު ފާލެއް ކަމަށް ހިވާ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ގައުމުގައި އިދިކޮޅު ފަރާތްތައް ނައްތާލުމަށް ގެންގުޅުން ހުދުމުތާރު އަނިޔާވެރި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެމާސަންގެ ދައުރު ވަކި ކުޑައެއް ނޫނެވެ.
ޒިމްބާބުވޭއަށް އައި ބަދަލުން ވިސްނައި ހޭލުންތެރިވާން ޖެހޭ
މުގާބޭ ވެރިކަން ކުރެއްވި އިރު އަބަދުވެސް ވަނީ ބޭރުގެ ނުފޫޒުން އެގައުމު ސަލާމަތްކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފަ އެވެ. ޒިމްބާބުވޭ އަށް ގެނައި ބަގާވާތާ އެކު ހުޅަނގުގެ ގައުމުތަކުން މިހާރު ވެސް ވަނީ އެ ގައުމަށް "އެހީ" ވާން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. ޒިމްބާބުވޭ އިސްތިއުމާރުކުރި އިނިގރޭސިވިލާތުން ވެސް ވަނީ އެގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ކަހަލަ އިގްތިސާދީ ބަދަލުތައް ގެނައުމަށް ޓަކައި "އިގްތިސާދީ މާހިރުން" އެ ގައުމަށް ފޮނުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ. ކުރީގެ ސޯވިއަޓް ޔޫނިއަން ރޫޅުމުން އެމެރިކާ އިން އެ ބަދަލަށް ވަރަށް ބޮޑަށް މަރުހާބާ ކިޔައި އެގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ޓަކައި ކަމަށް ބުނެ ފޮނުވި އެޑްވައިޒަރުންގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެން ދިޔަ އެވެ.
އުފާވެރިކަމުގެ އީދެއް އައިސްގެން ޒިމްބާބުވޭއަށް އައިސްގެން އުޅޭއިރު މިއީ "އަވާމެންދުރެއް" އަދި ނޭނގިދާނެ އެވެ.
މުގާބޭއަށް "ޑިކްޓޭޓަރެކޭ" ކިޔުމަކީ ދުލުން ވަރަށް ފަސޭހަ ކަމަކެވެ. ޑިކްޓޭޓަރުގެ ނަމުން މުހާތަބުކުރަން ވެއްޖެ ނަމަ މުޅި އެފްރިކާގައި ވެސް މުގާބޭއަށް ވުރެ މާ ހުދުމުހުތާރުވެރިން އެބަތިއްބެވެ. ރުހުމުގެ ލޮލަކަށް އައިބުގެ ލޮލެއް ނުފެންނާނެޔޭޔޭ ބުނާހެން އެފްރިކާގެ އެފަދަ "ޑިކްޓޭޓަރުންނެއް" ހުޅަނގުގެ ގައުމުތަކަކަށް ނުފެނެ އެވެ. އެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައިފައެއް ނުވެ އެވެ.