ރާއްޖޭގެ ރީތިކަން ބަލާލައި ރާއްޖޭގެ ސަގާފަތް ތަޖުރިބާކޮށްލަން ކެތްމަދުވެފައި ހުރިކަމަށް ބޮލީވުޑްގެ ތަރި އުރުވަޝީ ރައުޓެލާ ބުނެފިއެވެ.
މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް އުރުވަޝީ މިއަދު ވަނީ ރާއްޖެ އައިސްފައެވެ. އޭނާ ހުރުމަށް ހަމަޖެހިފައިވަނީ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވާ އަދާރަން ހުދުރަންފުށީގައެވެ.
ރާއްޖެ އާދެވުމުން އުރުވަޝީ ހުރީ ވަރަށް އުފަލުންނެވެ. އެއާޕޯޓުގައި ހުރެ ސަން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އުރުވަޝީ ބުނީ އަބަދުވެސް ރާއްޖޭގެ ރީތިކަމުގެ ވާހަކަ އަޑުއަހާ ކަމަށެވެ.
"އަބަދުވެސް އިވެނީ މި ރާއްޖޭގެ ރީތި ކަމުގެ ވާހަކަ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ރާއްޖޭގެ ރީތި ކަމާ ފުރިހަމަ ކަމުގެ ވާހަކަ. އަހަރެން ރާއްޖެ މިއައީ ފުރަތަމަ ފަހަރަށް،" 2015 ވަނަ އަހަރު މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ތަމްސީލްކުރި ރީތީގެ ރާނީ ބުންޏެވެ.
"ވަރަށް އުފާވެއްޖެ މި ފުރުސަތު ލިބުނީމާ. ރާއްޖޭގެ ރީތިކަން ބަލާލާ، ރާއްޖޭގެ ސަގާފަތް އެކްސްޕީރިއަންސް ކޮށްލަން ކެތް މަދުވެފަ މި ހުރީ. ރާއްޖޭގެ މީހުންގެ ހިތްހެޔޮ ކަމުގެ ވާހަކަ ވެސް އަޑުއަހަން. ރާއްޖޭގެ މީހުންގެ ހިތްހެޔޮކަން އެކްސްޕީރިއަން ކޮށްލާ، ރާއްޖޭގެ ކާނާވެސް އެކްސްޕީރިއަންސް ކޮށްލަން ވަރަށް ބޭނުން."
އުރުވަޝީ މިއަދު ހެނދުނު ރާއްޖެ އައި އިރު މިއީ އޭނާ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ އޭނާ ވަނީ މަޓާޓޯ އަށް ޝުކުރު އަދާކޮށްފައެވެ.
އުރްވަޝީ އަކީ 2009 ވަނަ އަހަރުގެ މިސް ޓީން އިންޑިއާ ކާމިޔާބުކުރި ރީތީގެ ރާނީއެވެ. އޭނާ ވަނީ 2015 ވަނަ އަހަރު މިސް ޔުނިވާސް މުބާރާތުގައި ވެސް ބައިވެރިވެފައެވެ.
ބޮލީވުޑަށް އުރްވަޝީ ތައާރަފްވީ 2013 ވަނަ އަހަރު ނިކުތް "ސިންގް ސާހަބް ދަ ގްރޭޓް" އިންނެވެ. މީގެ އިތުރުން ސަނަމްރޭ ގައިވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. ހޭޓް ސްޓޯރީ 4 އިންވެސް އޭނާ ފެނިގެންދާނެއެވެ. މީގެ އިތުރުން ރޭސް 3 ގައި ހާއްސަ ފެނިލުމަކުން އުރްވަޝީ ފެނިގެންދާނެއެވެ.