ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

އެ ހުކުމް ތޮލްހަތުގެ ފަރާތުން ހައިކޯޓުގައި 2015 ވަނަ އަހަރުގެ ތެރޭގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އިސްތިއުނާފުގެ މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށާއި، ޓެރަރިޒަމްގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ މައްސަލަ ހައިކޯޓުން ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، އަބްދުލް ރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލީ ސަމީރެވެ.

ތޮލްހަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ އިރު، އޭނާގެ އިތުރުން ދައުވާ ކުރި ބޭފުޅުންގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެކަންޏެވެ.

comment ކޮމެންޓް