ލަސްލަހުން ހަފައިގެން ކެއުމަކީ ކެއުމުގެ އަދަބުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. މާ ހަލުވިކޮށް ކެއުމަކީ ކެއުމުގެ އަދަބާ ހިލާފު ކަމެއްގެ އިތުރުން އޭގެ ސަބަބުން ސިއްހީ ނުރައްކާތައް ވެސް ކުރިމަތިވާނެ ކަމެކެވެ.
ދާދިފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާގޮތުން މާ ހަލުވިކޮށް ކެއުމަކީ ބަރުދަން އިތުރުވެ މީހާ ފަލަވާނެ ކަމެކެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ހަލުވިކޮށް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ބްލަޑް ޝުގާ ލެވެލް އަށް ބަދަލުއައިސް އިންސިއުލިން ރެސިސްޓެންސް އަށް މަގުފަހިވުމެވެ. އޭގެ ސަބަބުން ޓައިޕް 2 ޑައިބެޓިކްސް އަށް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ.
މިއާ އެކު މާބޮޑަށް މީހާ ފަލަވެ، ލޭގެ ޕްރަޝަރު އިތުރުވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިވެ އެވެ.
އެމެރިކާގެ އެމެރިކަން ހާޓް އެސޯސިއޭޝަންގެ ސައިންޓިފިކް ސެޝަންގައި މިއަހަރު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ލަސްލަހުން ކެއުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
ޖަޕާނުގެ ހީރޯޝިމާ ޔުނިވާސިޓީ އިން ވެސް ވަނީ މިފަދަ ދިރާސާއެއް ކޮށްފަ އެވެ. 642 ފިރިހެނުންނާއި 441 އަންހެނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ކެއުމުގެ ސްޕީޑް ގެންގުޅޭ ގޮތާއި، މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެފައިވެ އެވެ. އެގޮތުން ހަލުވިކޮށް ކާމީހުންގެ 12 އިންސައްތަ މެޓަބޮލިކް ސިންޑްރޯމް އަށް ވާރުތަކުރާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
"ކާއިރު ލަސްލަހުން ކެއުމަކީ އެންމެ ފައިދާހުރިގޮތް. ސިއްހަތަށްވެސް ހަށިގަނޑަށްވެސް އެންމެ ފައިދާހުރި ގޮތް،" ހިރޮޝިމާ ޔުނިވާސިޓީގެ ދިރާސާގައި އިސްކޮށް ހުންނެވި ޕްރޮފެސާ ޓަކަޔޫކީ ވިދާޅުވެފައިވެ އެވެ.