މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން ލަހެއް ނުވޭ: މިނިސްޓަރު

ތިމާވެއްޓާ ބެހޭ ވަޒީރު ތާާރިގް އިބްރާހިމް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަން އަދި ލަސް ނުވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ކޮޕް 23ގައި މިއަދު ކުރިއަށްދިޔަ އިސްވެރިންގެ ބައްދަލުވުމުގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މި ދައުރުގެ ޗެއާމަންގެ ހައިސިއްޔަތުން ތަގުރީރު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ނުޖެހޭ ތަނެއް ނުވަތަ ބައްރެއް މިހާރު ނެތްކަމީ ހަގީގަތެއް ކަމަށެވެ.

ހެއްކެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ކެރީބިއަން ސަރަހައްދުގެ އެތައް ގައުމަކަށް ކުރިމަތިލާން ޖެހުނު ގެއްލުން ބޮޑު ތޫފާން ތަކާއި ކެލިފޯނިއާއަށް ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާއި ދެކުނު އޭޝިއާގެ ގައުމު ތަކަށް ދާދި ފަހުން ދިމާވި ބޮޑެތި ފެންބޮޑުވުމުގެ ހާދިސާތަކާއި އެފްރިކާގެ ގައުމުތަކަށް ކުރިމަތިލާން ޖެހިފައިވާ ހަނަފަސް ކެމެވެ.

ޖައްވުގައި ހުރި ކާބަންޑައި އޮކްސައިޑްގެ މިންވަރު މިހާރު 403 ޕީޕީއެމް އަށްވުރެ މަތިވެފައިވާ ކަމަށް ސައިންސްވެރިން ހާމަކުރާ ވާހަކައަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިއީ ވޭތުވެދިޔަ އެތައް މިލިއަން އަހަރުކު ވެސް މަތި ނުވާ މިންވަރެއް ކަމަށެވެ.

އަދި ވިދާޅުވީ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަ ކުރަން އުއްމީދު ކުރާނަމަ މޫސުމީ މައްސަލަތައް ހައްލު ކުރުމަށް ހަލުވި މިނެއްގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލު ތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅު ތަކެއް އަޅަންޖެހޭ ކަމަށާއި އެގޮތުން ހަކަތަ އުފެއްދުމުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" މިނިސްޓަރުގެ ތަގުރީރުގައި ވިދާޅުވި އެވެ.

ނަމަވެސް ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅައި، ދުނިޔޭގެ ގައުމުތަކުން އެކުލަވާލި ޕެރިސް މުއާހަދާގައި، ޖައްވަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ބޭރު ކުރާ އެމެރިކާ ވަކިވާން ނިންމާފައިވާ ދަނޑިވަޅެއްގައި އެ މަސައްކަތްތަކަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އަޅުނގަޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ބާރަށް ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދިއުމުގެ މުހިއްމު ވަގުތު. މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މަސައްކަތް ކުރަން އަދި ލަހެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް