ޑެންގީ ކޮންޓްރޯލް ކުރުމަށް ޖަރުމަނުގެ ޔުނިވާސިޓީއަކާއެކު ބައިނަލްއަގްވާމީ ވޯކްޝޮޕެއް

"އިންޓަނޭޝަނަލް ވޯކްޝޮޕް އޮން ކަލެކްޝަން، މޮޑެލިން، އެންޑް އެނަލިސިސް އޮފް ޑެންގޫ ފީވާ ޑޭޓާ"ގެ ނަމުގައި ޖަރުމަނުގެ ޔުނިވާސިޓީއަކައި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ކުރިއަށް ގެންދާ ވޯކްޝޮޕްގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ދިރާސާ ތަކުގެ އަލީގައި ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ރަނގަޅަށް ރާވައި ކުރިއަށް ގެންދިއުމަށް ޖަރުމަނުގެ ޔުނިވާސިޓީއަކާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބައިނަލް އަގުވާމީ ވޯކްޝޮޕެއް ފަށައިފި އެވެ.

"އިންޓަނޭޝަނަލް ވޯކްޝޮޕް އޮން ކަލެކްޝަން، މޮޑެލިން، އެންޑް އެނަލިސިސް އޮފް ޑެންގޫ ފީވާ ޑޭޓާ"ގެ ނަމުގައި މިއަދު ފެށި އެ ވޯކްޝޮޕަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް އިން އިސްނަގައިގެން ޖަރުމަނުގެ ޔުނިވާސިޓީ އޮފް ބްރެމެންއާ ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، އެ ވޯކްޝޮޕްގެ މަގުސަދަކީ ޑެންގީއާ ބެހޭ މައުލޫމާތު ހޯދައި އެނަލައިޒް ކޮށް މޮޑަލްތައް ހަދާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމާއި އެ ވަސީލަތްތައް ބޭނުން ކޮށްގެން ޑެންގީ މެނޭޖް ކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރޭވުން ކަމަށެވެ.

އެގޮތުން ކުރެވޭ ދިރާސާތައް އިތުރުކޮށް މި ދިރާސާ ތަކުގެ އަލީގައި ކަންތައްތައް ރޭވުމުގެ މުހިއްމު ކަމަށް އަލި އަޅުވާލާއިރު އެކަމާ ބެހޭ މަސައްކަތްތައް ކުރައްވާ މުއައްސަސާތައް އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުން އެ ވޯކްޝޮޕްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

"ރާއްޖޭގައި ވެސް ޑެންގީ ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު މަތިވަމުންދާއިރު އެފަދަ ވޯކްޝޮޕެއް މި ދަނޑިވަޅުގައި ބޭއްވުމުގެ މުހިއްމުކަން އިތުރުވެ ދިރާސާތަކުގެ އަލީގައި ޑެންގީ ކޮންޓުރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ރަނގަޅަށް ރާވާ ކުރިއަށް ގެންދިއުމަށް ބާރަކަށް ވާނެ،" އެމްއެންޔޫން ބުނެ އެވެ.

މިއަދު ފެށި ވޯކްޝޮޕްގައި ޔުނިވާސިޓީ އޮފް ބްރިމެން އަދި ތައިލެންޑުގެ މަހިޑޮލް ޔުނިވާސިޓީގެ ކަމާބެހޭ މާހިރުން މައުލޫމާތު ދެއްވަން ހަމަޖެހިފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ޑަބްލިއުއެޗްއޯ ގެ މާހިރުން ވެސް ކަމާގުޅޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

އޭގެ އިތުރުން ކަމާބެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި ރެޑް ކުރެސެންޓް، ޔުނިސެފް އަދި ޔުނިވާސިޓީގެ ކަމާބެހޭ ފެކަލްޓީ ތަކުގެ ދާރިސުން ވެސް ވޯކްޝޮޕްގައި ބައިވެރިވެ އެވެ.

comment ކޮމެންޓް